ޚަބަރު

ރ.ފުއްގިރީގެ މައްސަލަ މަޑުޖައްސަވާލައްވަން ސުޕްރީމް ކޯޓުން އަންގަވައިފި


ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އިތުރު ބައެއްގެ މައްޗަށް ކްރިމިނަލް ކޯޓުގައި އުފުލާފައިވާ ދަޢުވާގެ ޝަރީއަތްތައް މަޑުޖައްސަވާލެއްވުމަށް ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓުން ޢަމުރުކުރައްވައިފިއެވެ.

ފުއްގިރީގެ މައްސަލައިގައި ދައުލަތުން ރައީސް ޔާމީނާއި އިތުރު ބައެއްގެ މައްޗަށް އުފުލާފައިވަނީ ރިޝްވަތު ޤަބޫލުކުރުމާއި މަނީ ލޯންޑަރިންގެ ދަޢުވާއެވެ. ރިސޯޓެއްގެ ގޮތުގައި ރ.ފުއްގިރި ތަރައްޤީކުރަން ކުއްޔަށް ދޫކުރުމުގެ މުޢާމަލާތުގައި މަޤާމުގެ ނުފޫޒު ބޭނުންކުރައްވައި 1.1 މިލިއަން ޑޮލަރު ހޯއްދަވާފައިވާ ކަމަށް ދައުލަތުން ރައިސް ޔާމީންގެ މައްޗަށް ތުހުމަތުކުރައްވައެވެ.

މިމައްސަލައިގެ ހެކިބަސް ނެގުން މާދަމާއަށް ކްރިމިނަލް ކޯޓުގައި ވަނީ ތާވަލްކުރައްވާފައެވެ. ނަމަވެސް ސުޕްރީމް ކޯޓުން ވަނީ އެމައްސަލަ އަންނަ ހޯމަ ދުވަހާއި ހަމައަށް މަޑު ޖައްސާލުމަށް އަމުރުކުރައްވާފައެވެ. ސުޕްރީމް ކޯޓުން އެގޮތަށް އެންގެވީ މިމައްސަލައިގެ ޝަރީއަތުގެ ކުރީގެ ހުށައެޅުންތަކާމެދު ނިންމެވި ބައެއް ނިންމެވުންތައް ރައީސް ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރައްވާފައިވާތީއެވެ.

ރ.ފުއްގިރި މައްސަލާގައި ކްރިމިނަލް ކޯޓަށް ދައުލަތުން ހުށަހެޅި ބައެއް ހެކިތައް ބަލައިނުގަތުމަށާއި، ދައުލަތުގެ ބައެއް ހެކިތައް ސިއްރުނުކޮށް ހާމަކޮށްދިނުމަށް އެދި ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހެޅުއްވީ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމެއްގެ ގޮތުގައެވެ. ނަމަވެސް ރައީސް ޔާމީން އެދިވަޑައިގެންނެވި ގޮތަށް ކްރިމިނަލް ކޯޓުގައި މައްސަލަ ބައްލަވާ ގާޒީ ނުނިންމެވިއެވެ. އަދި ހައި ކޯޓުން ވެސް ވަނީ ކްރިމިނަލް ކޯޓުގެ އެ ނިންމުން ދަމަހައްޓަވާފައެވެ.

މިއާއެކު ރައީސް ޔާމީންގެ ފަރާތްޕުޅުން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރެއްވިއެވެ. އަދި ދަޢުލަތުން ހުށައެޅުއްވި ހެކިތަކުގެ ތެރެއިން ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބާއި، އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ޒިޔަތަކީ ރައީސް ޔާމީނާމެދު ޢަދާވަތްތެރިކަން އޮތް ފަރާތްތަކެއްކަން ބަޔާންކޮށް، އެބޭފުޅުންގެ ހެކިބަސް ބަލައިނުގަތުމަށް ރައީސް ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓުގައި އެދިވަޑައިގަތެވެވެ. މީގެ އިތުރުންވެސް ދައުލަތުން ހުށަހެޅި ބައެއް ހެކިތަކާމެދު އަލުން ގޮތެއް ނިންމަވަން ޖެހޭކަމަށް ކަނޑައަޅައިދިނުމަށްވެސް ރައީސް ޔާމީންގެ ފަރާތްޕުޅުން ވަނީ ސުޕްރީމް ކޯޓުގައި އެދިވަޑައިގެންފައެވެ.

މި މައްސަލަ ސުޕްރީމް ކޯޓުގައި ބައްލަވާ ބެންޗުގައި ހިމެނި ވަޑައިގަންނަވާ ފަނޑިޔާރުންގެ މެދުގައި މަޝްވަރާ ކުރެއްވުމަށްފަހު ނިންމެވީ މިމައްސަލަ ނިންމާލެވެންދެން ކްރިމިނަލް ކޯޓުގެ އަޑުއެހުންތައް މަޑު ޖައްސާލެއްވުމަށެވެ. އަދި ސުޕްރީމް ކޯޓުގެ ނިންމެވުން ކްރިމިނަލް ކޯޓަށް އަންގަވާނެކަމަށް މިމައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގެ އިސް ފަނޑިޔާރު ވިދާޅުވިއެވެ.

ސުޕްރީމް ކޯޓުން އެ މައްސަލަ ބައްލަވަނީ ފަނޑިޔާރު އަލްއުސްތާޛް ޙުސްނުއްސުޢޫދާއި ފަނޑިޔާރު އަލްއުސްތާޛާ އައިޝާ ޝުޖޫން މުޙައްމަދުގެ އިތުރުން ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމެވެ.

ރ.ފުއްގިރީގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ދަޢުވާ އުފުއްލަވާފައިވާއިރު، ވ. އާރަށުގެ މައްސަލައިގައި ދައުލަތުން ރައީސް ޔާމީންގެ މައްޗަށް އުފުއްލެވި ދެ ދަޢުވާއެއް ސާބިތުވުމާ ގުޅިގެން އެމަނިކުފާނުގެ މައްޗަށް 11 އަހަރުގެ ޖަލު ޙުކުމެއް މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ އިއްވަވާފައެވެ. އަދި އެމަނިކުފާނު މިވަގުތު ހުންނެވީ ޙުކުމް ތަންފީޒުކުރެއްވުމަށް ކ.މާފުށީ ޖަލުގައެވެ.

މިހާރު އުފުއްލަވައިފައިވާ ދައުވާތައް ސާބިތުވެއްޖެ ނަމަ، މަދުވެގެން ފަސް އަހަރުގެ ޖަލު ޙުކުމާއެކު، ޖޫރިމަނާގެ ޙުކުމެއް އަންނާނެއެވެ.