ޚަބަރު

ހުމާމް މަރަން ކުރި ޙުކުމުގެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފި


ރައްޔިތުން މަޖިލީހުގެ އުގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ އަފްރާޝީމް ޢަލީގެ މަރުގެ މައްސަލާގައި ހ.ލޮބީ ޙުސައިން ހުމާމް މެރުމަށް ކުރައްވައިފައިވާ ޙުކުމް އޭނާގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިޢުނާފްކޮށްފިއެވެ.

ޑރ. އަފްރާޝީމް އަވާހާރަކޮށްލާފައި ވަނީ އޭނާ ދިރިއުޅުއްވަމުން ގެންދެވި ހ. ފުންވިލުގެ ސިޑިގޮޅި ކައިރީގައި 2012 ވަނަ އަހަރުގެ ކޮކްޓޫބަރު މަހުގެ 2 ވަނަ ދުވަހުގެ ރޭ 1:30 ހާއިރުއެވެ. އެ މައްސަލައިގައި ހުމާމްގެ މައްޗަށް ކުށް ސާބިތުވެ، އޭނާ މަރަން ސުޕްރީމް ކޯޓުން ވަނީ ޙުކުމްކޮށްފައެވެ. ހުމާމް މެރުމަށްކޮށްފައިވާ ޙުކުމް ތަންފީޒުކުރުމަށް ސުޕްރީމްކޯޓުން ޙުކުމްކުރީ 2016 ވަނަ އަހަރުއެވެ.

އެ ޙުކުމުގެ މައްސަލަ ހުމާމްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅީ މިދިޔަ މަހުގެ ފަހުކޮޅުއެވެ. އެ މައްސަލަ ބަލައިގަތުމާމެދު ސުޕްރީމް ކޯޓުން އަދި ވަކިގޮތެއް ނުނިންމައެވެ.

ޑރ.އަފްރާޝީމް އަވަހާރަކޮށްލި މައްސަލާގައި ހުމާމްގެ މައްޗަށް ކުރި، ގަސްދުގައި މީހަކު މެރުމުގެ ކުށް ސާބިތުވެފައިވަނީ އެއްވެސް ޝައްކެތް ޝުބުހެއް ނެތް މިންވަރަށް ކަމަށާއި އެ މަރުގައި (ޤަތުލު އަމުދު) ގަސްދު މަރުގައި ފުރިހަމަވާންޖެހޭ ހުރިހާ ރުކުނެއް ފުރިހަމަވާކަމަށް ވެސް ސުޕްރީމް ކޯޓްގެ ޙުކުމްގައި ވެއެވެ.

އަފްރާޝީމްގެ މަރުގެ މައްސަލައިގައި ހުމާމް ޖަލުގައި ހުންނަތާ މިހާރު 11 އަހަރަށް ވުރެ ގިނަ ދުވަސް ވަނީ ވެފައެވެ.