ޚަބަރު

ތިލަމާލެ ބްރިޖް: ވިލިމާލޭގެ އެއްގަމުން ޖަހާ 7 ތަނބުގެ މަސައްކަތް ފަށައިފި


ތިލަމާލެ ބްރިޖް މަސައްކަތުގައި ވިލިމާލޭގެ އެއްގަމުން ޖަހާ 7 ތަނބުގެ ޕައިލިން މަސައްކަތް ފަށައިފިއެވެ. މިޕްރޮޖެކްޓްގެ މަސައްކަތް ވިލިމާލޭގައި ކުރިއަށްގެންދާނީ ބްރިޖް ރަށާއި ގުޅާލާ ސަރަޙައްދު ހިއްކައިގެންނެވެ.

ތިލަމާލެ ބްރިޖް މަސައްކަތުގައި ފުރަތަމަ ގުޅާލާނީ މާލެއިން ވިލިމާލެއަށް އަދި ވިލިމާލެއިން ގުޅީފަޅާހަމައަށެވެ. މި މަސައްކަތުގައި މިހާރު އެންމެ ބާރަށް ކުރިއަށްދަނީ ބްރިޖްގެ ތަނބުތަކުގެ މަސައްކަތްތަކެވެ. އެގޮތުން މާލޭގެ އެއްގަމުންޖަހާ 3 ތަނބުގެ މަސައްކަތް ނިމި، މިހާރު ކުރަމުންދަނީ ކަނޑުގަ ޖަހާ ދެ ތަނބުގެ ޕައިލިން މަސައްކަތެވެ. ޕްލޭނިން މިނިސްޓްރީން ވިދާޅުވީ މީގެތެރެއިން 1 ތަނބުގެ ޕައިލިން މަސައްކަތް ނިމި، ދެވަނަ ތަނބުގެ ޕައިލިން މަސައްކަތް ފަށާފައިވާކަމަށެވެ. މީގެ އިތުރުން ވިލިމާލެ ފަޅިން ކަނޑުގައި ޖަހާ 6 ތަނބުގެ ޕައިލިން މަސައްކަތްވެސް ވަނީ ފަށާފައެވެ.

ޕީއެސްއެމްއަށް މަޢުލޫމާތު ދެއްވަމުން ޕްލޭނިން މިނިސްޓްރީގެ ފަރާތުން މިޕްރޮޖެކްޓާއި ހަވާލުވެ ހުންނެވި ޕްރޮޖެކްޓް މެނޭޖަރ މުޙައްމަދު ޖިނާން ވިދާޅުވީ، ވިލިމާލެ ތިލަ ސަރަޙައްދުތަކުގައި ޕައިލިން މަސައްކަތް ކުރުމަށް ބޭނުންވާ ވަގުތީ އެކްސެސް ބްރިޖް ޕްލެޓްފޯމް ހެދުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށެވެ.

އެއްގަމުން ޖަހާ ތަނބުތަކުގެ މަސައްކަތްވެސް ވިލިމާލޭގައި މިހާރު ފަށާފައިވާ ކަމަށް ޖިނާން ވިދާޅުވިއެވެ. އެގޮތުން ވިލިމާލޭގެ އެއްގަމުގައި 7 ތަނބު ޖަހާނެއެވެ. މިމަސައްކަތް ފެށީ މިމަހުގެ 5ވަނަ ދުވަހުއެވެ.

ވިލިމާލެއާއި ބްރިޖް ގުޅާލާ ސަރަޙައްދު ތަރައްޤީކުރަނީ ވިލިމާލެއިން ބިން ހިއްކައިގެންނެވެ. ޖިނާން ވިދާޅުވީ ބްރިޖް މަސައްކަތަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތްވެސް ނިމުމަކާ ގާތްވެފައިވާކަމަށެވެ.

މާލެއާއި ވިލިމާލޭގެ އިތުރުން ގުޅީފަޅުން އެއްގަމުގައި ޖަހާ ތަނބުތަކުގެ ޕައިލިން މަސައްކަތްވެސް މިހާރުދަނީ ކުރަމުންނެވެ.

ޖިނާން ވިދާޅުވީ ތަބުތަކުގެ މަސައްކަތް ނިމެމުންދާވަރަކަށް ބްރިޖް ގުޅާލުމުގެ މަސައްކަތް ފަށާނެކަމަށެވެ. ބްރިޖް ގުޅާލާ ސުޕަރސްޓްރަކްޗަރ ޑެކްގެ ޕްރީކާސްޓް މަސައްކަތް ކުރަނީ ގުޅީފަޅުގައެވެ. މިމަސައްކަތްވެސް ބާރަށް ކުރިއަށްދެއެވެ.

މިމަޝްރޫއުގެ ދަށުން ޤާއިމްކުރާ 3 ބުރިޖާއި، ކޯސްވޭ އަދި މަގުތަކުގެ ނެޓްވޯކުގެ ދިގުމިނުގައި 6.7 ކިލޯމީޓަރު ހުންނާނެއެވެ. މީގެއިތުރަށް ގުޅާލާ، ކޮންމެ ރަށަކަށް އަރާ ފޭބުމަށް އިންޓަރޗޭންޖް ޕޮއިންޓްތަކާއި، ޕާކިން ސަރަހައްދުތައްވެސް ހުންނާނެއެވެ.

މާލެއިން ގުޅީފަޅަށް ހިމެނޭ ބްރިޖްގެ މަސައްކަތްތައް މިއަހަރުގެ ނިޔަލަށް ނިންމުމަކީ ސަރުކާރުގެ ޢަމާޒެކެވެ. އަދި ދެވަނަ ބައިގެ މަސައްކަތް ނުވަތަ ތިލަފުއްޓާ ހަމައަށް ގުޅާލުމުގެ މަސައްކަތް 2024ވަނަ އަހަރުގެ ނިޔަލަށް ނިންމުމަކީ ސަރުކާރުގެ އަމާޒެކެވެ.

މުޅި މި މަޝްރޫޢަށް 500 މިލިއަން ޑޮލަރު ހޭދަވާނެއެވެ. އެއީ 7 ބިލިއަނަށްވުރެ ގިނަ ރުފިޔާއެވެ. މި މަޝްރޫޢު ކުރިއަށް ގެންދަނީ އިންޑިއާ ސަރުކާރުން ދޭ 100 މިލިއަން ޑޮލަރުގެ ގްރާންޓާއި 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުންނެވެ. އަދި ދިވެހި ސަރުކާރުންވެސް މި މަޝްރޫޢަށް ޚަރަދުކުރުމަށް ވަނީ ހަމަޖެހިފައެވެ.