ޚަބަރު

އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަނާއި ގުޅިގެން ކޮލިޓީ ކޮންޓްރޯލް ވޯކްޝޮޕެއް


މިނިސްޓްރީ އޮފް ޑިފެންސްގެ ޑައިރެކްޓްރޭޓް އޮފް އޭވިއޭޝަން ސެކިޔުރިޓީ އެޑްމިނިސްޓްރޭޝަނާއި އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ)ގެ ރީޖަނަލް އޮފީސް ކަމަށްވާ ކޯޕަރޭޓް އޭވިއޭޝަން ސެކިޔުރިޓީ ޕްރޮގްރާމް – އޭޝިޔާ ޕެސިފިކް ގުޅިގެން " ކޮމްބައިން ކޮލިޓީ ކޮންޓްރޯލް ވޯރކްޝޮޕް"ގެ ނަމުގައި ތަމްރީން ޕްރޮގްރާމެއް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ފަށައިފިއެވެ.

މިޕްރޮގްރާމް ފައްޓަވާ ދެއްވުމުގެ ގޮތުން ވާހަކަދައްކަވަމުން ޑައިރެކްޓަރ ޖެނެރަލް އޮފް އޭވިއޭޝަން ސެކިޔުރިޓީ ހުސައިން ނަޒީފް
ވިދާޅުވީ އޭވިއޭޝަން ސެކިޔުރިޓީގެ މުހިއްމު ކަމަށްޓަކައި، ދިވެހި ރާއްޖޭގެ މަދަނީ ވައިގެ ބަނދަރުތަކުން ދެވޭ ސަލާމަތީ ޚިދުމަތްތަކުގެ ފެންވަރު މަތިކޮށް ހަރުދަނާ ކުރެއްވުމަށް، ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ނުހަނު ބާރު އަޅުއްވާކަމަށެވެ.

މިޕްރޮގްރާމްގެ މަޤްސަދަކީ އެއަރޕޯރޓް ތަކުގައި އެވިއޭޝަން ސެކިޔުރިޓީ އާއި ގުޅުންހުރި ކަންކަން ތަންފީޒް ކުރެވިގެންދަނީ ޤައުމުތަކުގެ ނެޝަނަލް ސިވިލް އޭވިއޭޝަން ސެކިޔުރިޓީ ޕްރޮގްރާމްގައި ކަނޑަ އަޅާފައިވާ މިންގަނޑު ތަކާއި އެއްގޮތަށްކަން ކަށަވަރުކުރުމުގެ ޒިންމާ އަދާކުރާ މުވައްޒަފުންގެ ހުނަރާއި ޤާބިލްކަން އިތުރު ކުރުމުވެ.

މިޕްރޮގްރާމް ފަރުމާ ކުރެވިފައިވަނީ ބައިވެރިން ތަމްސީލް ކުރާ ޤައުމުތަކުގައި އޭވިއޭޝަން ސެކިޔުރިޓީ ކޮލިޓީ ކޮންޓްރޯލް ކުރުމުގެ މަސައްކަތް ކުރިޔަށް ގެންދެވޭ ގޮތްތަކާއި އެ ޤައުމުތަކުގެ ތަޖްރިބާ ޕްރޮގްރާމްގެ ބައިވެރިންނަށް ހިއްސާކޮށް އިންޓަރނޭޝަނަލް ބެސްޓް ޕްރެކްޓިސްގެ ބައިވެރިންނަށް ބުނެދެވިގެންދާނެ ގޮތަށެވެ.

މި ޕްރޮގްރާމްގައި ކިޔަވައި ދެއްވާނީ އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަންގެ ފަންނީ ތަޖްރިބާކާރު މުދައްރިބުންނެވެ. ދިވެހި ރާއްޖޭގައި މިފަދަ ޕްރޮގްރާމެއް ކުރިޔަށް ގެންދިޔުމުގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ އޭވިއޭޝަން ސެކިޔުރިޓީ އާއި ގުޅުންހުރި އިދާރާތަކާއި އެއަރޕޯޓް އޮޕަރޭޓް ކުރާފަރާތްތަކުގެ ގިނަ އަދަދެއްގެ މުވައްޒަފުން ކުޑަ ޚަރަދަކުން ބައިނަލްއަޤްވާމީ ފެންވަރަށް ތަމްރީން ކުރުމުގެ ފުރުސަތު ލިބިގެން ދާނެއެވެ.

05 ދުވަހުގެ މުއްދަތަށް ޖުމްލަ 20 ބައިވެރިންނާއިއެކު ކުރިޔަށް ގެންދާ މި ޕްރޮގްރާމްގައި މިނިސްޓްރީ އޮފް ޑިފެންސްގެ ޑައިރެކްޓްރޭޓް އޮފް އޭވިއޭޝަން ސެކިޔުރިޓީ އެޑްމިނިސްޓްރޭޝަން، އޭވިއޭޝަން ސެކިޔުރިޓީ ކޮމާންޑް، ރާއްޖޭގެ މަދަނީ ވައިގެ ބަނދަރުތައް އޮޕަރޭޓް ކުރާ ފަރާތްތަކުގެ އިތުރުން ތައިލެންޑް، މެލޭޝިޔާ، އަދި ސިންގަޕޫރުގެ އޭވިއޭޝަން ސެކިޔުރިޓީ ކޮލިޓީ ކޮންޓްރޯލާއި ގުޅުންހުރި މަސައްކަތްކުރާ މުވައްޒަފުން ބައިވެރިވެފައިވެއެވެ.