ޚަބަރު

އެމްއެންޕީއަށް ފުރަތަމަ ފަހަރަށް ކައުންސިލްގެ ގޮނޑިއެއް


މޯލްޑިވްސް ނޭޝަަނަލް ޕާޓީ (އެމްއެންޕީ) އުފެދުނު ފަހުން ފުރަތަމަ ފަހަރަށް ކައުންސިލްގެ ގޮޑިއެއް އެޕާޓީން ކާމިޔާބުކުރައްވައިފިއެވެ.

ރާއްޖޭގައި އެންމެފަހުން އުފެއްދި ސިޔާސީ ޕާޓީއަކީ އެމްއެންޕީ ކަމުގައި ވީނަމަވެސް އެޕާޓީން އަންނަނީ ގިނަ އިންތިޚާބުތަކުގައި ވާދަކޮށް، ސިޔާސީ ކާމިޔާބީތައް ހޯދަމުންނެވެ. އެޕާޓީން ވަނީ މިހާތަނަށް އަންހެނުންގެ ކޮމިޓީގެ އިންތިޚާބެއްވެސް ކާމިޔާބު ކުރައްވާފައެވެ.

އެމްއެންޕީންވަނީ އިއްޔެ ބޭއްވި އދ. ދިއްދޫ ކައުންސިލް އިންތިޚާބު ކާމިޔާބު ކުރައްވަފައެވެ. މިއިންތިޚާބުގައި ވާދަކުރީ އެމްއެންޕީގެ ކެނޑިޑޭޓުގެ އިތުރުން، އަމިއްލަގޮތުން ވާދަ ކުރ ކެނޑިޑޭޓެކެވެ. މިއިންތިޚާބު އެމްއެންޕީން ވާދަކުރި އަނީސް މުހައްމަދު ކާމިޔާބު ކުރީ 62 ވޯޓުންނެވެ. އޭނާއާއި ވާދަކުރި މިނިވަން ކެނޑިޑޭޓް ރަޝީދާ އާދަމަށް ލިބިފައިވަނީ 57 ވޯޓެވެ.

ދިއްދޫ ކައުންސިލަށް މެންބަރަކު އިންތިޚާބުކުރީ ކުރިން އެކައުންސިލުގައި ހުރި މެންބަރަކު އިސްތިއުފާ ދިނުމާއި ގުޅިގެންނެވެ. އިލެކްޝަންސް ކޮމިޝަނުން ހާމަކުރައްވާފައިވާ ގޮތުގައި މިއިންތިޚާބުގައި 119 މީހުން ވޯޓުލާފައިވެއެވެ. އެއީ 57 ފިރިހެނުންނާއި 62 އަންހެނުންނެވެ. މި އިންތިޚާބުގައި ޖުމްލަ 147 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ.

އދ.ދިއްދޫއަކީ އެމްއެމްއެންޕީގެ ރިޔާސީ ކެނޑިޑޭޓް މުހައްމަދު ނާޒިމް މަޖިލީހުގައި ތަމްސީލް ކުރައްވާ ދަނގެތި ދާއިރާގެ ރަށެކެވެ.