ވިޔަފާރި

މަސްވެރިކަމުގެ ދާއިރާއަށް ވަރލްޑް ބޭންކުގެ އެހީ ހޯދަނީ


ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ އިތުރަށް ކުރިއެރުވުމަށްޓަކައި ކުރިއަށްގެންދިޔުމަށް ރާއްވަވާފައިވާ މަޝްރޫތަކަކަށް ބޭނުންވާ ފައިސާ ހޯދުމަށް ވޯލްޑް ބޭންކާއި އެކު މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށް މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިިކަލްޗަރ ޑރ. މުޙައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.

އެގޮތުން މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ވޯލްޑް ބޭންކުގެ ވަފްދާއެކުން މިނިސްޓަރ ޝައިނީ އަދި ފިޝަރީޒް މިނިސްޓްރީގެ އިސް ބޭފުޅުންގެންދަވަނީ ބައްދަލްވުންތައް ބާއްވަވަމުންނެވެ. ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން މިނިސްޓަރ ޝައިނީ ވިދާޅުވީ މި ޕްރޮޖެކްޓްތައް ކުރިއަށް ގެންދިޔުމަށް ބޭނުންވާ 10 މިލިއަން ޑޮލަރު ލިބޭނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް ލިބިވަޑައިގެންފައިވާ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ކުރިއަށް ގެންދިޔުމަށް ރާއްވަވާ ފައިވާ މަޝްރޫއުތަކުގެ ތެރޭގައި ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ ކުރިއަރުވައި، މަހުން އުފައްދާ ބާވަތްތައް އިތުރުކޮށް، މަސްވެރިންނަށް ތަފާތު ޕްރޮގްރާމްތައް ކުރިއަށް ގެންދިޔުން ހިމެނޭ ކަމަށް. އަދި ވޯލްޑް ބޭންކުން ދެއްވާ ފައިސާ ހަމަޖެހުމުން ކުރިއަށްގެންދަވާނެ ޕްރޮޖެކްޓްތައް އާއްމުކުރައްވާނެކަމަށްވެސް މިނިސްޓަރ ޝައިނީ ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރ ޝައިނީ ވިދާޅުވީ ވޯލްޑް ބޭންްކުން ރާއްޖެއަށް ދެއްވާ 10 މިލިއަން ޑޮލަރުގެ އިތުރަށް ދެކުނު އޭޝިއާގެ ސަރަޙައްދުގެ މަސްވެރިކަން ކުރިއެރުމަށް ރާއްޖެއިން އިސްނަންގަވައިގެން ކުރިއަށް ގެންދަން ރާއްވަވާފައިވާ މަޝްރޫއުތަކަށް ބޭނުންވާ 10 މިލިއަން ޑޮލަރު ހޯދުމާއި ގުޅޭގޮތުން ވެސް ވޯލްޑް ބޭންކުގެ ވަފްދާއި އެކު މަޝްވަރާތައް ކުރައްވަމުން ގެންދަވާ ކަމަށެވެ.