ޚަބަރު

އިންޖިނުގެ އާއި އޮފީސް ޢިމާރާތް ހިމެނޭހެން 91 މަޝްރޫޢު ފެނަކައިން ނިންމައިފި


ރަށްރަށުގެ ކަރަންޓު ޙާލަތު ރަނގަޅުކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން، އިންޖީނުގެ އާއި އޮފީސް ޢިމާރާތް ހިމެނޭހެން 91 މަޝްރޫޢު ފެނަކައިން ފުރިހަމަކޮށްފިއެވެ.

ރަށްރަށުގެ އާބާދީ އިތުރުވެ، ރަށްރަށް ތަރައްޤީވަމުން އައިއިރު އެންމެ އަސާސީ އެއް ޚިދުމަތް ކަމަށްވާ ކަރަންޓުގެ ޚިދުމަތް އޮތީ ފަހަތުގައެވެ. އާބާދީ އިތުރުވެ ރަށްރަށުގައި ގޭބީސީތައް އިތުރުވުމާއި، ވިޔަފާރިތައް ވެސް އިތުރުވަމުން އައިނަމަވެސް ކަރަންޓުގެ ޔަޤީންކަން ނެތުމާއި، ރަށްރަށުގެ މީހުން ދިރިއުޅޭ ސަރަޙައްދުތަކުގެ މެދުގައި ހުރި އިންޖީނުގެތަކުގެ އުނދަގުލާއި ތަކުލީފުގައި ރައްޔިތުން ދިޔައީ ދިރިއުޅެމުންނެވެ. އެންމެ ބޮޑު ތަކުލީފެއް ރައްޔިތުން އުފުލަމުން ދިޔައީ ރަށުގެ މެދުގައި ހުރި އިންޖީނުގެއިން އަރާ ދުމާއި، އިންޖީނުގެ ގޭގެ އަޑުފަށްގަނޑުގެ ސަބަބުންނެވެ. މިއާއެކު މި ސަރުކާރުގެ ބޭނުންފުޅަކަށްވީ ރައްޔިތުންނަށް ލުއިފަސޭހަ، ބަރޯސާވެވޭ ޚިދުމަތަކަށް މި އަސާސީ ޚިދުމަތް ހެއްދެވުމެވެ.

ވޭތުވެދިޔަ 4 އަހަރުގެ ތެރޭގައި އެފަދަ ގިނަ އިންޖީނުގެތަކެއް ފާހަގަކޮށް، މީހުން ދިރިއުޅޭ ސަރަޙައްދާއި ދުރުގައި އިންޖީނުގެތައް ޢިމާރާތްކޮށް ގިނަ ރަށްތަކަށް ވަނީ އެ މައްސަލަ ސަރުކާރުން ޙައްލުކޮށްދެއްވާފައެވެ.

ފެނަކައިން ބުނީ މި މަޝްރޫޢުގެ ތެރޭގައި ރަށްރަށުގެ މީހުން ދިރިނޫޅޭ ސަރަޙައްދަށް އިންޖީނުގެތައް ބަދަލުކުރުމާއި، އޮފީސް އިމާރާތް ނެތް ރަށްރަށުގައި އޮފީސް ޢިމާރާތް އެޅުމުގެ މަސައްކަތްތައް ހިމެނޭކަމަށެވެ.

މިހާތަނަށް 60 ރަށެއްގެ މަޝްރޫޢު މުޅިން ނިމިފައިވާކަމަށް ފެނަކައިން ބުނެއެވެ. އެއީ އިންޖީނުގެ އާއި، އޮފީސް ޢިމާރާތުގެ މަސައްކަތް ހިމެނޭހެން ޖުމްލަ 91 މަޝްރޫޢެވެ. އެގޮތުން 38 ރަށެއްގެ އައި އިންޖީނުގެ ޢިމާރާތާއި އޮފީސް ޢިމާރާތުގެ މަސައްކަތް މުޅިން ވަނީ ނިމިފައެވެ. އަދި އިތުރު 15 ރަށެއްގެ އޮފީސް ޢިމާރާތުގެ މަސައްކަތް ނިންމާ އެ ތަންތަން ދަނީ މިހާރު ބޭނުންކުރަމުންނެވެ.

މީގެ އިތުރުންވެސް އިތުރު ރަށްރަށުގެ ޢަމަލީ މަސައްކަތް ވެސް ފަށައިގެން ދަނީ ކުރިއަށެވެ.

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަޙުމަދު ސަޢީދު މުޙައްމަދު ވިދާޅުވީ ޚިދުމަތަށް، ޒަމާނީ ހެޔޮ ބަދަލުތައް ގެނައުމަށް ކުންފުނިން ގިނަ މަސައްކަތަކެއް ކުރަމުން އަންނަކަމަށެވެ. އެގޮތުން ރަށްރަށުގެ ކަރަންޓު ކޭބަލް ނެޓްވޯކް އަޕްގްރޭޑް ކުރުމަށް ކުރާ މަސައްކަތުގައި، 100 އަށްވުރެ ގިނަ ރަށުގެ ކޭބަލް ނެޓްވާރކް ވަނީ ޒަމާނީ ކޭބަލް ނެޓްވާރކަށް ބަދަލުކޮށްފައެވެ.

މީގެއިތުރުން، ވަގުތުން ކަރަންޓު ބިލު ޙަވާލުކުރެވޭ ޚިދުމަތް ވަނީ ރަށްރަށުގައި ފަށައިފައެވެ. އަދި ސްމަރޓް މީޓަރުގެ ޚިދުމަތް ފެށުމަށް ވެސް ތައްޔާރުވެފައިވާ ކަމަށް މެނޭޖިންގ ޑިރެކްޓަރ ސަޢީދު ވިދާޅުވިއެވެ.

"މިހާރު ބިލް ޙަވާލުކުރުމުގެ ކަންކަން ފަސޭހަވެއްޖެ. ރީޑިން ނަގާ ޕްރިންޓްކޮށް ވަގުތުން ބިލް ހަވާލުކުރެވޭނެ. އަދި ސްމަރޓް މީޓަރުގެ ޚިދުމަތްވެސް ވަރަށް އަވަހަށް ފަށާނަން." ސަޢީދު ވިދާޅުވިއެވެ.

ވޭތުވެދިޔަ 4 އަހަރު ކަރަންޓުގެ ޤާބިލްކަން އިތުރުކުރުމަށް ހިންގި ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކަށް 2 ބިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް ފެނަކައިން ބުނެއެވެ. ފެނަކައިން އަންނަނީ ރާއްޖޭގެ 150 އަށްވުރެ ގިނަ ރަށަށް ކަރަންޓުގެ ޚިދުމަތްދެމުންނެވެ.