ޚަބަރު

ރަސްކަމުގެ ތަހުތުގައި ޗާލްސް 3 ވެޑުވުން: 70 އަހަރަށްފަހު ފުރަތަމަ ކޮރެނޭޝަން


އިނގިރޭސިވިލާތާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުޅޭ ގިނަ ބައެއްގެ ސަމާލުކަން މިއަދު އެންމެ ބޮޑަށް ހުއްޓޭނީ އިނގިރޭސިވިލާތުގެ ރަސްގެފާާނު ޗާލްސް 3, ރަސްކަމުގެ ތަޚުތުގައި ވެޑުވުމުގެ ރަސްމިއްޔާތަށެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް މިލިއަން ބަޔަކު އެކަން ހިނގަމުންދާ ގޮތުގެ މަންޒަރުތައް ވަގުތުން ބަލާނެއެވެ.

އިނގިރޭސިވިލާތުގެ ރަސްގެފާނު، ޗާލްސް 3 ރަސްކަމުގެ ތަޚުތުގައި ވެޑުވުމުގެ ޚާއްޞަ ދަރުބާރު އޮންނަނީ ލަންޑަންގެ ވެސްޓްމިނިސްޓަރ އަބޭގައެވެ. ޗާލްސްއަކީ މިހާތަނަށް އިނގިރޭސި ތަހުތުގައި ވަޑުވާނެ އުމުރުން އެންމެ ދޮށީ އުމުރުގެ ބޭފުޅާއެވެ.

ވަލީޢަހުދުގެ މަޤާމުގައި 70 އަހަރު ހޭދަކުރެއްވުމަށްފަހު ރަސްގެފާނު ޗާލްސް ނުވަތަ ކުރީގެ ޝާހީ ނަންފުޅުންނަމަ، ޕްރިންސް އޮފް ވޭލްސްއަށް އިނގިރޭސިވިލާތުގެ ރަސްކަން ލިބިވަޑައިގަތީ މަންމާފުޅު ކުއީން އެލިޒަބަތު 2 ، މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހުގެ 8 ވަނަ ދުވަހު އަވަހާރަވުމާއި ގުޅިގެނެެވެ. ރާނީ އެލިޒަބަތުގެ 70 އަހަރުވީ ރަނިކަން ނިމުމާއެކު، އިނގިރޭސި ރަސްކަން ޗާލްސްއަށް ލިބިވަޑައިގަތްނަމަވެސް، ރަސްގެފާނު ޗާލްސް 3ގެ ގޮތުގައި އެމަނިކުފާނު އިނގިރޭސި ރަސްކަމުގެ ތަޚުތުގައި ވެޑުވުމުގެ ރަސްމީ ދަރުބާރު ނުވަތަ ކޮރެނޭޝަން އޮންނާނީ މިއަދު ލަންޑަންގެ، ވެސްޓް މިނިސްޓަރ އަބޭގައެވެ. ހަމަ އެ ރަސްމިއްޔާތުގައި އަނބިކަނބަލުން ކެމިލާ ނުވަތަ ކުއީން ކޮންސޯޓްގެ ކްރައުނިންގވެސް އޮންނާނެއެވެ.

އިނގިރޭސި ރަސްކަމަށް އިސްކުރާ ބޭފުޅަކު ތަޚުތުގައި ވެޑުވުން ނުވަތަ ކޮރެނޭޝަނެއް އެންމެފަހުން އޮތީ 2 ޖޫން 1953ގައެވެ. އެއީ ޗާލްސްގެ މަންމާފުޅު ރާނީ އެލިޒަބަތު 2ގެ ކޮރެނޭޝަނެވެ.

ޝާހީ ބޭފުޅުންގެ ކައިވެނިފުޅުތަކާއި ރަސްކަލުންނާއި ރާނީން ފަސްދާނުވަޑުވާފައިވާ، އަދި ތަޚުތަށް ވެޑުވުމުގެ ދަރުބާރުތައް ބާއްވާފައިވާ، ވެސްޓް މިނިސްޓަރ އަބޭއަކީ 1066 ވަނަ އަހަރުން ފެށިގެން ރަސްކަމުގެ ތަޚުތަށް ބޭފުޅުން ވެޑުވުމުގެ ދަރުބާރުތައް ބާއްވަމުން އަންނަ ތަނެވެ. ރަސްގެފާނު ޗާލްސް ވެވަޑައިގަންނަވާނީ ވެސްޓް މިނިސްޓަރގައި ރަސްކަމަށް ވަޑުވާ 40 ވަނަ ބޭފުޅާއަށެވެ.

ޕްރިންސް ޗާލްސް ރަސްކަމުގެ ތަޚުތުގައި ވެޑުވުމުގެ ރަސްމިއްޔާތު ފެށިގެން ދާނީ ލަންޑަން ގަޑިން މާދަމާ ހެނދުނު 6:00 ޖަހާއިރުއެވެ. ބަކިންހަމް ޕެލަސްއިން، ކޮރޮނޭޝަން ރަސްމިއްޔާތު އޮންނަ ވެސްޓް މިނިސްޓަރ އަބޭއަށް ރަސްގެފާނު ޗާލްސް އާއި އެމަނިކުފާނުގެ އަނބިކަނބަލުން ކެމިލާ ދަތުރުކުރައްވާނީ، އެފަދަ ޚާއްޞަ ރަސްމިއްޔާތުތަކަށް ޝާހީ ޢާއިލާގެ ބޭފުޅުން ވަޑައިގަންނަވާ 6 އަސް ހިމެނޭ އަސްގާޑިޔާކޮޅު، ޑައިމަންޑް ޖުބިލީ ސްޓޭޓް ކޯޗްގައެވެ.

ލަންޑަން ގަޑިން ހެނދުނު 10:30 ހާއިރު ރަސްގެފާނު ޗާލްސް އާއި އަނބިކަނބަލުން ކެމިލާ ބަކިންހަމް ޕެލަސްއިން މެސްޓްމިނިސްޓަރ އަބޭއަށް ވަޑައިގެންނަވާ މަންޒަރު ބަލާލުމަށް އެތައްހާސް ބަޔަކު މަގުތަކަށް ނިކުންނާނެއެވެ. ވެސްޓް މިނިސްޓަރ އަބޭއަށް ރަސްގެފާނު ޗާލްސްގެ ދެ ކަނބަލުން ވަޑައިގަންނަވާނީ ލަންޑަން ގަޑިން 11:00 ޖަހާކަންހާއިރުއެވެ.

ރަސްކަމުގެ ތަޚުތުގައި ޗާލްސް ވެޑުވުމުގެ ރަސްމީ ދަރުބާރުގައި ޝާހީ ޢާއިލާގެ ބޭފުޅުންނާއި، ކުރީގެ އަދި މިހާރުގެ ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނާއި ޤައުމުތަކުގެ ވެރިންނާއި ޢިއްޒަތްތެރިން ބައިވެރިވެވަޑައިގަންނަވާނެއެވެ.

ކޮރެނޭޝަން ރަސްމިއްޔާތުގައި ޝާހީ އާއިލާގެ ގާނޫނުތަކާއި އާދަކާދަތައް ފެނިގެންދާނެއެވެ. ބައެއް ކަންކަމަށް ބަދަލުތަކެއް އަޔަސް، ރަސްމިއްޔާތުގެ އެންމެ މުހިއްމު ކަންކަން ކުރިއަށްދާނީ މީގެ އެތައް ސަތޭކަ އަހަރެއްކުރިންވެސް އެކަންކަން ކުރަމުންދިޔަގޮތަށެވެ.

ކޮރެނޭޝަންގައި މައިގަނޑު ގޮތެއްގައި ކުރިއަށްދާނީ ރިކޮގްނިޝަން، ހުވާކުރުން، އެނޮއިންޓިންގ، އިންވެސްޓިޗަރ އެންޑް ކްރައުނިންގ އަދި އެންތުރޯންމަންޓް އެންޑް ހޯމޭޖްއެވެ.

ވެސްޓް މިނިސްޓަރ އަބޭގައި ރަސްގެފާނު ޗާލްސް ރަސްކަމުގެ ތަހުތުގައި ވެޑުވުމުގެ ގޮތުން ފުރަތަމަ ކުރިއަށްދާ ރިކޮގްނިޝަންގެ ތެރެއިން ވެސްޓްމިނިސްޓަރ އަބޭގައި ހުންނަ ހާއްސަ ޕްެލެޓްފޯމެއްގަައި ޗާލްސް ކޮޅަށްތެދުވެވަޑައިގެން ހުންނަވާނެއެވެ. އަދި ގާނޫނުގައިވާ ގޮތުން ރަސްގެފާނު ކުރައްވަންޖެހޭ މަގާމުގެ ހުވާ ޗާލްސް ކުރައްވާނެއެވެ.

އެއަށްފަހު ކޮރެނޭޝަން ގޮނޑިކޮޅުގައި ޗާލްސް އިށީންދެވަޑައިގެންނަވާނެއެވެ. އަދި ގޮނޑިކޮޅުގައި ރަސްގެފާނު އިށީންދެވަޑައިގަތުމުން އެކި ވައްތަރުގެ އަތަރުތައް އެމަނިކުފާނުގެ ހަށިކޮޅުގައި ތުރުކުރައްވާނެއެވެ. މިކަން ކުރިއަށްދާއިރު އެ މަންޒަރު ނުފެންނަހެން ފޮރުވަން ފަރުދާތަކެއް ހުންނާނެއެވެ. އަތަރުތައް ތުރުކުރައްވާއިރު އެކަމަށް ބޭނުންކުރާނީ ކޮރޮނޭޝަން ސްޕޫން ނުވަތަ ރަނުން ހަދާފައިވާ ޚާއްޞަ ސަމުސަލެކެވެ. މިއީ 1349 ވަނަ އަހަރުން ފެށިގެން ބޭނުންކުރަމުންދާ އެއްޗެކެވެ.

އެނޮއިންޓިންއަށްފަހު ދެން ކުރިއަށްދާނީ އިންވެސްޓިޗަރއެވެ. އެކަމުގެ ތެރެއިން ކުރިއަށްދާނީ ރަނުން ޖަރީކޮށްފައިވާ ހެދުމެއްކަހަލަ ރޯބްއެއް ތުރުކުރައްވާނެއެވެ. އަދި ބައެއް އިނގިރޭސި ޝާހީ އާއިލާގެ އާދަކާދަތަކާ އެއްގޮތަށް ކޮރެނޭޝަންގައި ތަހުތުގައި ވަޑުވާ ބޭފުޅަކަށް އަރުވަންޖެހޭ ކޮރެނޭޝަން ރިގޭލިއާ ޗާލްސްއަށް އަރުވާނެއެވެ.

އެގޮތުން ރަނާއި ޖަވާހިރުން ތައްޔާރުކޮށްފައިވާ ކަނޑިއެއްވެސް ހިމެނެއެވެ. އަދި ޖަވާހިރާއި މުތުން ޖަރީކޮށްފައިވާ ރަން އޯބްއަކީ 1661 ވަނަ އަހަރުން ފެށިގެން ކޮންމެ ކޮރޮނޭޝަނެއްގައި ބޭނުންކުރާ އެއްޗެކެވެ. އޯބްއާއެކު ރަސްގެފާނުގެ އަތްޕުޅަށް އަރުވާ ސޮވެރިންގ ސެކްޕްޓްރަރ އަކީވެސް ތާރީޚީ އެއްޗެކެވެ. އަސައެއްގެ ބައްޓަމަށް ހަދާފައިވާ މި ސެކްޕްޓްރަރ އަކީ ރަނުން ހަދާފައިވާ އެއްޗެކެވެ. އަދި މީގެ ކޮޅުގައި ޖަވާހިރުގެ އެކިއެކި ވައްތަރުތައް ހިމެނޭއިރު، މީގެ ކޮޅުގައިވާ ސްޓަރ އޮފް އެފްރިކާ ނަމަކަށް ކިޔާ ޑައިމަންޑަކީ ދުނިޔޭގައިވާ އެންމެ ބޮޑު އެއް ޑައިމަންޑެވެ. މީގެއިތުރުން ކޮރޮނޭޝަން އަނގޮޅިއަކީވެސް މިކަމުގައި ބޭނުންކުރާނެ އެއްޗެކެވެ. ރަސްގެފާނުގެ ކާނާތްޕުޅުގެ 4 ވަނަ އިނގިލިފުޅުގައި އަޅުއްވާނެ މި އަނގޮޓިއަކީ 1831 ބަނަ އަހަރު ރަސްގެފާނު ވިލިއަމް 4 އަށް ޚާއްޞަކޮށްގެން ތައްޔާރުކުރި އަނގޮޅިއެކެވެ. ވެޑިންގ ރިންގ އޮފް އިންގްލެންޑްގެ ނަން ދެވިފައިވާ މި އަނގޮޓިކޮޅަކީ ރޫބީއާއި ސެފިޔާއިން ތައްޔާރުކޮށްފައިވާ އަނގޮޓިއެކެވެ.

މި ދަރުބާރުގެ އެންމެ ޚާއްޞަ އެއް ވަގުތުކޮޅަކަށް ވާނީ ރަސްގެފާނު ޗާލްސްގެ އިސްތަށިފުޅުގައި ތާޖު ތުރުކުރެއްވުން ނުވަތަ ކްރައުނިންގއެވެ.

މި ދަރުބާރުގައި ރަސްގެފާނު ޗާލްސްގެ އިސްތަށިފުޅުގައި ތުރުކުރެވޭ ތާޖަކީ، ސެއިންޓް އެޑްވަޑްސް ކޮރޯން ނަމަކަށް ކިޔާ ތާޖެކެވެ. 1661 ވަނަ އަހަރު ހަދާފައިވާ މިތާޖަކީ ޚާލިސް ރަނުން ހަދާފައިވާ 2.2 ކިލޯ ހުންނަ ތާޖެކެވެ.

1649 ޗާލްސް ދެވަނައިގެ ކޮރެނޭޝަނުން ފެށިގެން މިހާތަނަށް ތަހުތުގައި ވެޑުވުނު ކޮންމެ ބޭފުޅެއްގެވެސް އިސްތަށިފުޅުގައި ތުރުކުރެވިފައިވަނީ މި ތާޖެވެ. އާދަކާދަތައް އޮންނަގޮތުން ކޮރެނޭޝަން ތާޖަކީ ހަމައެކަނި ތަހުތުގައި ވަޑުވާ ވަގުތު ތުރުކުރައްވާނެ އެއްޗަކަވުމުން މިއީ މި ތާޖު ޗާލްސްގެ އިސްތަށިފުޅުގައި ތުރުކުރައްވާނެ ފުރަތަމަ އަދި ފަހު ފަހަރެވެ.

ޗާލްސްގެ ކޮރޮނޭޝަންގައި، އަނބިކަނބަލުންގެ ކެމިލާގެ ކްރައުނިން ކުރިއަށްދާއިރު ބޭނުންކުރާނީ 1911 ވަނަ އަހަރު ހަދާފައިވާ ކޮންސޯޓް ކްރައުންއެއް ކަމަށްވާ، ކުއީން މޭރީގެ ތާޖުކޮޅެވެ. މިއީ ކުރިން ބޭނުންކޮށްފައިވާ ކޮންސޯޓް ކްރައުނެއް ދެވަނަ ފަހަރަށް ބޭނުންކުރާ ފުރަތަމަ ފަހަރެވެ. މި ތާޖުގައި މިދިޔަ އަހަރު އަވަހާރަވި ކުއީން އެލިޒަބަތު 2ގެ އަމިއްލަފުޅު ބައެއް ޖަވާހިރުތައްވެސް ހުންނާނެއެވެ.

ރަސްކަމުގެ ތަޚުތުގައި ވެޑުވުމުގެ ރަސްމިއްޔާތުގެ އެންމެފަހު ކަމެއްގެ ގޮތުގައި ކުރިއަށްދާނީ ރަސްގެފާނު ޗާލްސް ރަސްކަމުގެ ތަޚުތު ގޮނޑިކޮޅުގައި ވެޑުވުމެވެ. މި ތަހުތު ގޮނޑިކޮޅަކީ މީލާދީން 1300 ވަނަ އަހަރުން ފެށިގެން މިހާތަނަށް އިނގިރޭސި ތަހުތުގައި ވެޑެވުނު ހުރިހާ ބޭފުޅުންވެސް ބޭނުންކުރެއްވި ތަހުތު ގޮނޑިކޮޅެވެ.

ރަސްގެފާނު ޗާލްސް 3 އިނގިރޭސި ރަސްކަމުގައި ވެޑެވުމާއެކު ލަންޑަންގެ ވެސްޓްމިނިސްޓަރއިން އަބޭގެ ރަނގަބީލުތަކުގެ އަޑުތަކާއި، ތާޅަފިލީގެ އަޑުތައް އިވިގެންދާނެއެވެ. އަދި ބަޑީގެ ސަލާމްތައް އިނގިރޭސިވިލާތުގެ އެކި ސަރަޙައްދުތަކުން އިވެމުންދާނެއެވެ.

ތަހުތުގައި ވެޑުވުމުގެ ރަސްމިއްޔާތުގައި ރަސްމީ އާދަކާދަތަކުގެ ތެރެއިން ހިނގާ ކަންކަން ނިމުމުން ޗާލްސްގެ އިސްތަށިފުޅުގައި ތުރުކުރައްވާފައިވާ ސެއިންޓް އެޑްވަޑްގެ ތާޖުކޮޅުގެ ބަދަލުގައި، އިމްޕީރިއަލް ސްޓޭޓް ކްރައުން ތުރުކުރައްވާނެއެވެ. މިއީ ކުރިއަށް އޮތްތަނުގައި ޗާލްސް ބައިވެރިވެވަޑައިގަންނަވާ އެންމެ ހާއްސަ ރަސްމިއްޔާތުތަކުގައި ތުރުކުރައްވާނެ ތާޖުކޮޅެވެ. އަދި އެނބުރި ބާކިންހަމް ޕެކަސްއަށް ވަޑައިގަތުމުގެ ދަތުރު ފައްޓަވާނެއެވެ.

ރަސްގެފާނު ޗާލްސް އާއި އަނބިކަނބަލުން ކުއީން ކެމިލާ އެނބުރި ގަޑުވަރަށް ވަޑައިގަންނަވާނީ، ރަސްމިއްޔާތަށް ވަޑައިގެންނަވަން ބޭނުންކުރެއްވި މަގުގެ ބަދަލުގައި އެހެން މަގަކުންނެވެ. އަދި ދަތުރުކުރެއްވުމަށް ބޭނުންކުރައްވާނީ ވެސްޓް މިނިސްޓަރށް ވަޑައިގަތުމަށް ބޭނުންކުރެއްވި އަސްގަޑީޔާކޮޅުގެ ބަދަލުގައި، 8 އަސް ހިމެނޭ "ގޯލްޑް ސްޓޭޓް ކޯޗް" އަސްގާޑިޔާކޮޅެވެ. އެ މަންޒަރު ބަލާލުމަށް އެތައް ހާސް ބަޔަކު ތިބެނީ މަގުތަކަށް ޖަމާވެގެނެވެ.

ބަކިންހަމްޕެލަސްއަށް ވަޑައިގަތުމަށްފަހުވެސް އުފާފާޅުކުރުމުގެ ޙަރަކާތްތައް ކުރިއަށްދާނެއެވެ. އޭގެތެރޭގައި އެތައް މަތިންދާ ބޯޓުތަކެއް ހިމެނޭ ފްލައި ޕާސްޓާއި، ޝާހީ ޢާއިލާގެ މެމްބަރުން އެކުގައި ބަކިންހަމް ޕެލަސްގެ ބެލްކަންޏަށް ނިކުމެވަޑައިގެން އާއްމުންނަށް ފެނިލުންވެސް ހިމެނެއެވެ.

70 އަހަރަށްފަހު އިނގިރޭސިވިލާތުގައި ކޮރެނޭޝަނެއް އޮންނައިރު، ފުރަތަމަ ފަހަރަށް ކޮރޮނޭޝަނެއްގެ ފޮޓޯ ނަގާފައިވަނީ 20 ވަނަ ގަރުނުގެ ކުރީ ކޮޅު ޖޯޖް 5ގެ ކޮރޮނޭޝަންގައެވެ. އަދި ބީބީސީ މެދުވެރިކޮށް ރޭޑިއޯއިން އެންމެ ފުރަތަމަ ދުރަށް ފޮނުވާފައިވަނީ 1937 ވަނަ އަހަރު ޖޯޖް 6ގެ ކޮރޮނޭޝަންއެވެ. ޓީވީތަކުން ވަގުތުން ދުރަށް ދެއްކި ފުރަތަމަ ކޮރެނޭޝަންއަކީ 1953 ވަނަ އަހަރު އޮތް ކުއީން އެލިޒަބަތުގެ ކޮރޮނޭޝަންއެވެ. އެ ރަސްމިއްޔާތު 27 މިލިއަން މީހުން ޓީވީން ބެލިއިރު، 11 މިލިއަން މީހުން ރޭޑިއޯއީން އަޑުއެހިއެވެ. އެހެންކަމުން ރަސްގެފާނު ޗާލްސް 3ގެ ކޮރޮނޭޝަން ރަސްމިއްޔާތު އެތައް މިލިއަން ބަޔަކު ބަލާނެއެވެ.