ޚަބަރު

ޞުލްޙައާއި ދެމެހެއްޓެނިވި ތަރައްޤީއާ ގުޅޭގޮތުން ކޮމަންވެލްތު ލީޑަރުން މަޝްވަރާކުރައްވައިފި


ޞުލްޙައާއި ދެމެހެއްޓެނިވި ތަރައްޤީއާ ގުޅޭގޮތުން ކޮމަންވެލްތު ލީޑަރުން މަޝްވަރާކުރައްވައިފިއެވެ.

ލަންޑަނުގައި ހުންނަ ކޮމަންވެލްތުގެ މައިއިދާރާ ކަމުގައިވާ މާލްބޮރޯ ހައުސްގައި ހުކުރުދުވަހު ބޭއްވި ކޮމަންވެލްތު ލީޑާރސް އިވެންޓުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައިވެރިވެވަޑައިގަތެވެ.

ކޮމަންވެލްތު ލީޑަރސް އިވެންޓު މި ބާއްވަނީ ކޮމަންވެލްތު ޗާޓަރުގައި ސޮއިކުރިތާ 10 އަހަރު ފުރޭ މުނާޞަބަތު ފާހަގަކުރުމަށާއި ކޮމަންވެލްތުގެ އިޔަރ އޮފް ޔޫތް އަދި ކޮމަންވެލްތު އިޔަރ އޮފް ޕީސް އަދި ވަކިން ޚާއްޞަގޮތެއްގައި ކޮމަންވެލްތުގެ އައުވެރިޔާ ތަޚުތުގައި ވެޑުވުމުގެ ރަސްމިއްޔާތާ ވެސް މުނާޞަބުވާ ގޮތަށެވެ.

މިފަހަރުގެ ކޮމަންވެލްތު ލީޑަރސް އިވެންޓާއެކު ކޮމަންވެލްތުގެ ލީޑަރުންނަށް، ޗާލްސް ތިންވަނަ އިނގިރޭސި ތަޚުތުގައި ވެޑުވުމުގެ ރަސްމިއްޔާތުގެ ކުރިން އަދި ކޮމަންވެލްތުގެ އައި ލީޑަރެއްގެ ޙައިސިއްޔަތުން އެމަނިކުފާނާއި ބައްދަލުވެވަޑައިގެން މަރުޙަބާ ވިދާޅުވުމަށް ފުރުޞަތު ލިބިވަޑައިގެންނެވިއެވެ.

މި އިވެންޓުގައި ކޮމަންވެލްތުގެ ލީޑަރުން ވަނީ ކޮމަންވެލްތުގެ ޤައުމުތަކުން ހިފަހައްޓާ ހަމަތަކާ ބެހޭގޮތުންނާއި ކޮމަންވެލްތުގެ މުސްތަޤްބަލާ ބެހޭގޮތުން ވާހަކަފުޅު ދައްކަވައިފައެވެ. މި އިވެންޓުގެ މަޝްވަރާތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވައިލެއްވީ ޞުލްޙަ އާއި ދެމެހެއްޓެނިވި ތަރައްޤީ ފަދަ ކަންކަމުގައި ކޮމަންވެލްތުގެ ޗާޓަރު ކުރިއަށް ގެންދިއުމުގައި ކޮމަންވެލްތުގެ ޒުވާނުންނަށް އޮތް ފުރުޞަތުތަކާ ބެހޭގޮތުންނެވެ.

މި އިވެންޓަށްފަހު ކޮމަންވެލްތު ޤައުމުތަކުގެ އިސްވެރިންނާއި އިސްވެރިން ތަމްޞީލުކުރައްވާ މަންދޫބުން ވަނީ ޗާލްސް ތިންވަނައާއެކު ރަސްމީފޮޓޯ ނެންގެވުމުގައި ބައިވެރިވެވަޑައިގަންނަވާފައެވެ.

މި މެއިމަހުގެ 6 ވަނަ ދުވަހު ވެސްޓްމިންސްޓަރ އެބީގައި ބާއްވާ އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް 3 ވަނަ، ރަސްކަމުގެ ތަޚުތުގައިވެޑުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު މިހާރު ތިއްބެވީ އިނގިރޭސިވިލާތުގައެވެ.