ޚަބަރު

ކުދި ޖަޒީރާ ޤައުމުތަކުގެ ވެރިންނަށް އިނގިރޭސި ސަރުކާރުން ފަރިއްކޮޅެއް އަރުވައިފި


ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ މަންދޫބުންނަށް އިނގިރޭސި ސަރުކާރުގެ ފަރާތުން އެރުވި ހެނދުނުގެ ފަރިއްކޮޅެއްގައި ރައީސުލްޖުމްހޫރިއްޔާގެ މަންދޫބެއްގެ ޙައިސިއްޔަތުން މިނިސްޓަރ އޮފް ފޮރިން އެފެއަރޒް، ޢަބްދުﷲ ޝާހިދު ބައިވެރިވެވަޑައިގެންފިއެވެ.

ލަންޑަނުގެ ލެންކަސްޓަރ ހައުސްގައި ބޭއްވި ހެނދުނުގެ ފަރިއްކޮޅަކީ ސިޑްސްގެ 4 ވަނަ ބައްދަލުވުން 2024 ވަނަ ކާމިޔާބުކަމާއެކު ބޭއްވުމަށް އިނގިރޭސި ސަރުކާރުންދޭ އިސްކަން ފާހަގަކުރުމުގެ ގޮތުން ބޭއްވި ފަރިއްކޮޅެކެވެ.

މިފަރިއްކޮޅަކީ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތައް (ސިޑްސް)، އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް ޕާޓްނަރުން އަދި ބައިނަލްއަޤްވާމީ ޖަމްޢިއްޔާ ޖަމާޢަތްތަކުގެ މަންދޫބުންނަށް އިނގިރޭސި ސަރުކާރުގެ ފަރާތުން އެރުވި ފަރިއްކޮޅެކެވެ.

މިފަރިއްކޮޅުގެ ތެރެއިން ފޮރިން މިނިސްޓަރ ޝާހިދު ވަނީ އެކި ޤައުމުތަކުގެ ވެރިންނާ ބައްދަލުކުރައްވައި އެކި ދާއިރާތަކުން އެހީތެރިކަން ހޯއްދެވުމަށް މަޝްވަރާ ކުރައްވައިފައެވެ. މިނިސްޓަރ ޝާހިދު ވަނީ ސީޝެލްސްގެ ރައީސާއި، ސިންގަޕޫރުގެ ރައީސާއި ކޮމަންވެލުގެ ސެކެޓްރީ ޖެނެރަލާވެސް ބައްދަލުކުރައްވައިފައެވެ.

މި މެއިމަހުގެ 6 ވަނަ ދުވަހު ވެސްޓްމިންސްޓަރ އެބީގައި ބާއްވާ އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް 3 ވަނަ، ރަސްކަމުގެ ތަޚުތުގައި ވެޑުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން މިހާރު ތިއްބެވީ އިނގިރޭސިވިލާތުގައެވެ.