ރުވާންޑާއަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން ކުރިމަތިވި ފެންބޮޑުވުމާއި ބިންގަނޑު ކެނޑުމުގެ ހާދިސާތަކުގައި މަރުވި މީހުންގެ ޢަދަދު 130 އަށް އަރައިފިއެވެ. މިއީ، ފަހުގެ ތާރީޚެއްގައި އެފްރިކާ ބައްރުގެ މެދުތެރޭގައި އޮންނަ ރުވާންޑާއަށް ކުރިމަތިވި އެންމެ ނުރައްކާތެރި ޤުދުރަތީ ކާރިސާއެވެ. ފެންބޮޑުވުމުގެ އިތުރުން ބިންގަނޑު ކެނޑި، ކިސަޑު ފޭބުމުގެ ސަބަބުން މަރުވި މީހުންގެ ޢަދަދު އިތުރުވާނެ ކަމަށް ބެލެވޭ ކަމުގައި އެ ޤައުމުން ބުނެއެވެ.
މި ހާދިސާތަކުގައި އެންމެ ބޮޑަށް ގެއްލުން ލިބިފައި ވަނީ އެ ޤައުމުގެ ހުޅަނގުގައިވާ ލޭކް ކީވޫ ޕުރޮވިންސަށެވެ. އެ ސަރަޙައްދަށް ކިސަޑު ފޭބުމާ ގުޅިގެން ގިނަ ޢަދަދެއްގެ ޢިމާރާތަށް ވަނީ ގެއްލުން ލިބިފައެވެ. އަދި، މަގުތަކާއި އެހެނިހެން ޢުމްރާނީ ވަސީލަތްތައް ވަނީ ހަލާކުވެފައެވެ. ގިނަ މީހުން މަރުވެފައި ވަނީ ކިސަޑުތަކުގެ ދަށުވެގެން ކަމުގައި އެ ޤައުމުގެ އޮފިޝަލުން ވިދާޅުވެއެވެ.
ލޭކް ކީވޫގެ އިތުރުން އެ ސަރަޙައްދުގައި އޮންނަ ރުބާވޫ އަވަށަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އެ ސަރަޙައްދުގައި ފެންބޮޑުވުމާ ގުޅިގެން ގިނަ ޢަދަދެއްގެ ޢިމާރާތްތައް ވެއްޓިފައިވާ ކަމުގައި އޮފިޝަލުން ވިދާޅުވެއެވެ. ފެންބޮޑުވުމާއި ބިންގަނޑު ކެނޑި ކިސަޑު ފޭބުމުގައި މުޅިން ސުންނާފަތިވެފައިވާ ގެދޮރުގެ ޢަދަދު ވަނީ 5,100 އަށް އަރާފައެވެ. އަދި، އިތުރު 2,500 އަށްވުރެ ގެއަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމުގައި އޮފިޝަލުން ވިދާޅުވެއެވެ.
ގެދޮރު ހަލާކުވެ ގެއްލުން ލިބުނު މީހުންނަށް ވަގުތީ ހިޔާވަހިކަން ހަމަޖެއްސުމަށް ރުވާންޑާގެ ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. ގިނަ ޢަދަދެއްގެ ބަޔަކު މިހާރު ވަނީ ރައްކާތެރި ހިސާބުތަކުގައި ޖަހާފައިވާ ފޭލިގެތަކަށް ބަދަލުކޮށްފައެވެ. އަދި، ވިއްސާރަ އަލިވަންދެން ރައްކާތެރި ހިސާބުތަކުގައި މަޑުކުރުމަށް އެ މީހުންނަށް ވަނީ އިރުޝާދު ދީފައެވެ. ގެދޮރު ހަލާކުވުމުގެ ސަބަބުން މަގުމަތިވެފައިވާ މީހުންގެ ފުރިހަމަ ޢަދަދު އަދި ދެނެގަނެވިފައި ނުވާ ކަމުގައި އޮފިޝަލުން ވިދާޅުވެއެވެ.
މި ހާދިސާތަކުގައި އަނިޔާވި 77 އަށް މީހަކަށް ފަރުވާދެމުންދާއިރު، އޭގެ ތެރެއިން 36 މީހަކު އަދިވެސް ތިބީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައެވެ. މި ހާދިސާތަކުގައި ގެއްލުން ލިބުނު ސަރަޙައްދުތައް ބައްލަވައިލައްވައި، ހާލުގައި ޖެހުނު މީހުންނާ ބައްދަލުކުރައްވަން ރުވާންޑާގެ ބޮޑުވަޒީރު އެޑުވާޑް އެންގިރެންޓޭ ވަނީ އެ ސަރަޙައްދުތަކަށް ވަޑައިގަންނަވާފައެވެ.
މި ހާދިސާގައި މަރުވި ކޮންމެ މީހެއްގެ ޢާއިލާއަކަށް 110 ޑޮލަރުގެ މާލީ އެހީތެރިކަމެއް ދެއްވާނެ ކަމުގައި އޭނާ ވިދާޅުވިއެވެ. އަދި، އެ ޢާއިލާތަކަށް ހިތްވަރުދެއްވައި، އޭނާ ވަނީ މަރުވެފައިވާ ބައެއް މީހުންގެ ޖަނާޒާގައި އެ މީހުންގެ ޢާއިލާތަކާ އެކު ބައިވެރިވެ ވަޑައިގަންނަވާފައެވެ.
2020 ވަނަ އަހަރުގެ މޭ މަހު ވެސް ރުވާންޑާގައި މި ފަދަ ހާދިސާތަކެއް ހިނގައި 65 މީހުން ވަނީ މަރުވެފައެވެ. 2020 ވަނަ އަހަރުގެ ކުރީކޮޅު އެ ޤައުމުގައި ހިނގި މި ފަދަ ހާދިސާތަކެއްގައި 200 އަށްވުރެ ގިނަ މީހުން މަރުވިއެވެ.
ވިއްސާރަ މޫސުމުގައި އިރުމަތީ އެފްރިކާ ބައްރުގެ ޤައުމުތަކުގައި މި ފަދަ ހާދިސާތައް ހިނގާކަމުގައި މޫސުން ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. ދާދި ފަހުން ޔުގާންޑާއަށް ބޯކޮށް ވާރޭވެހި ހިނގި ބިންގަނޑު ކެނޑުމާއި ކިސަޑު ފޭބުމުގެ ހާދިސާއެއްގައި ހަ މީހުން ވަނީ މަރުވެފައެވެ. ހުސްވި އޭޕްރިލް މަހު އިތިއޯޕިޔާގައި ހިނގި މި ފަދަ ހާދިސާއެއްގައި 14 މީހުން މަރުވިއެވެ. އަދި، ގިނަ ޢަދަދެއްގެ ނައަމްސޫފި މަރުވިއެވެ.