ސިޔާސީ

މަޝްވަރާގައި ބައިވެރިވި އަދި ނުވާ ޕާޓީތަކަށްވެސް ރައީސްގެ ޝުކުރު


ރޭގެ މަޝްވަރާތަކުގައި ބައިވެރިވި ސިޔާސީ ޕާޓީތަކާއި، މަޝްވަރާތަކަށް ދައުވަތުދެއްވައި ބައިވެރިވެވަޑައިނުގަންނަވާ ސިޔާސީ ޕާޓީތަކަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ޝުކުރުއަދާކުރައްވައިފިއެވެ.

ރޭގެ މަޝްވަރާތަކަށްފަހު ނޫސްވެރިނަށް މައުލޫމާތުދެއްވަމުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު އިބްރާޙީމް މުއާޒް ޢަލީ ވިދާޅުވީ އިދިކޮޅު ސިޔާސީ ޕާޓީތައް ކަމަށްވާ އެމް.ޑީ.ޕީއާއި އަދާލަތު ޕާޓީން މިމަޝްވަރާތަކުގައި ބައިވެރިވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގަންނަވާކަމަށާއި، ހުޅުވާލެވިފައިވާ އެޖެންޑާއެއްގެ ދަށުން މަޝްވަރާތައް ކުރިއަށްގެންދެވުމަށް ނިންމެވީ އިދިކޮޅު ފަރާތްތަކުން ކަންބޮޑުވެވަޑައިގަންނަވާ ކަންކަމަށް ރިޢާޔަތްކުރެއްވުމުގެ މަޤުޞަދުގައި ކަމަށެވެ.

މަޝްވަރާތަކަށް ފަހިމާޙައުލެއް ނެތްކަމަށް އެމް.ޑީ.ޕީއާއި، އަދާލަތުން ވިދާޅުވާ ވިދާޅުވުމާ ގުޅޭގޮތުންމުއާޒް ވިދާޅުވީ ފަހި މާހައުލެއް އޮތްކަން ޕާޓީތަކުގެ މަޝްވަރާތައް ފެށިގެންދިއުމުން އެނގިގެން ގޮސްފައިވާކަމަށެވެ.

ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީވެސް (އެމް.ޑީ.ޕީވެސް) އަދި އަދާލަތު ޕާޓީވެސް މަޝްވަރާތަކަށް ފަހިމާހައުލެއް އޮތްކަން ޤަބޫލުފުޅުކުރައްވައި މިތަނަަށް (މަޝްވަރާތަކަށް)  ވަދެވަޑައިގަންނަވާށޭ. ވަދެވަޑައިގެން އެބޭފުޅުންގެ ކަންބޮޑުވުންތަކުގެ ވާހަކަ ދައްކަވާށޭ. މިއީ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގަންނަވާގޮތަކީ." މުއާޒު ވިދާޅުވިއެވެ.

ރޭގެ މަޝްވަރާތަކުގައި ބައިވެރިވެފައިވަނީ ޕީޕީއެމާއި، އެމް.ޑީ.އޭއާއި، ޑީ.އާރ.ޕީއާއި ޖުމްހޫރީ ޕާޓީންނެވެ.