ޚަބަރު

ދިވެހި ފުރަތަމަ ޕައިލެޓް، ޚިދުމަތުގައި 42 އަހަރު!


ރާއްޖޭގެ އެންމެ ފުރަތަމަ ޕައިލެޓް އިބްރާހީމް ރަޝީދު އެންމެ ފުރަތަމަ ޚިދުމަތާ ގުޅިވަޑައިގަތީ 1983 ވަނަ އަހަރު އެއަރމޯލްޑިވްސް އާއެވެ. މެދުކެނޑުމެއް ނެތި 40 އަހަރަށްވުރެ ދިގު މުއްދަތެއްގައި އުޅުއްވުމަށްފަހު ކެޕްޓަން އިބްރާހީމް ރަޝީދު ވަނީ އެންމެ ފަހު ދަތުރަށްފަހު ިއްޔެ ޚިދުމަތުން ރިޓަޔަރކުރައްވާފައެވެ.

ކެޕްޓަން އިބްރާހީމް ރަޝީދު ރިޓަޔަރވުމުގެ ކުރިން ކުރެއްވުމުގެ ކުރިން ކުރެއްވި ފަހު ދަތުރު ކުރެއްވީ އެއަރލައިން ޓްރާންސްޕޯޓް ޕައިލެޓް ލައިސަންސް 001 ނަންބަރު އަތްޕުޅުގައި އޮވެމެއެވެ. ޤާނޫނުގައި ބަޔާންކުރާގޮތުގައި 65 އަހަރުވުމުން ޕައިލެޓަށް ޕަސިންޖަރުންނާއެކު ދަތުރެއް ނުކުރެވޭނެއެވެ.

އިބްރާހީމް ރަޝީދަށް ޕައިލެޓެއްގެ ގޮތުގައި ޚިދުމަތްކުރެއްވުމަށް ފުރަތަމަ ފުރުޞަތު ލިބިވަޑައިގަތީ ރައީސް މަރުޙޫމް އިބްރާހީމް ނާޞިރުގެ ވެރިކަމުގައި އެމަނިކުފާނު ދެއްވި ފުރުޞަތެއްގެ ތެރެއިންނެވެ. އޭގެ ފަހުން ރައީސް މައުމޫންގެ ވެރިކަމުގައި އޭރުގެ ފޮރިން މިނިސްޓަރ ފަތުޙު ﷲ ޖަމީލްގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބިވަޑައިގެންނެވި ކަމަށް އިބްރާހީމް ރަޝީދު ވިދާޅުވިއެވެ. އޭރު ރާއްޖޭގައި މިދާއިރާގައި ތިބީ މަދު ބައެއްކަމަށް އިބްރާހީމް ރަޝީދު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެންމެ ފުރަތަމަ ރާއްޖޭގައި މަސައްކަތް ފެށިއިރު ބޯޓުފަހަރު ހުރީ ސިފައިންގޭގައި އެކަނިކަމަށެވެ. ދެން އެއަރމޯލްޑިވްސްގައި 19 މީހުންގެ ސީޓުގެ ބޯޓެއް ގެންގުޅޭ ކަމަށް އޭރުގެ ހަނދަންތައް އައުކުރައްވަމުން އިބްރާހީމް ރަޝިދު ވިދާޅުވިއެވެ.

"އޭރުގައި ދެ ބޯޓު ޖެއްސީމާ އޭޕްރަން ފުރޭނެ. ރަންވޭ އެއީ 8،000 ފޫޓޫ ރަންވޭއެއް. މިހާރު މިއޮތީ އާރަންވޭއަކާއި އެކީގައި ވަރަށްބޮޑު އޭޕްރަންއަކާއި އާޓާމިނަލްއެއްވެސް ހެދެމުން މިދަނީ. ވަރަށްބޮޑު ކުރިއެރުމެއް އިރާދަކުރެއްވިޔާ މިއޮތީ ލިބިފަ." ކެޕްޓަން އިބްރާހިމް ރަޝީދު ވިދާޅުވިއެވެ.

ޕައިލެޓެއްގެ ގޮތުގައި ޚިދުމަތްކުރެއްވި ދިގު ތާރީޚުން އިބްރާހީމް ރަޝީދުގެ ހަނދާނުގައި އެތައް ޚާއްޞަ ކަންތައްތަކެއް އެބަހުއްޓެވެ. ނަމަވެސް އެންމެ ހަނދާނުން ފޮހެންލަން ދަތިވާ ކަންކަމަކީ އެންމެ ފުރަތަމަ ދަތުރުކުރަން ފެށި ދުވަސްވަރުގެ ހަނދާންތައް ކަމަށް ކެޕްޓަން އިބްރާހީމް ރަޝީދު ސިފަކުރެއްވިއެވެ. އޭރު މަސައްކަތް ކުރައްވަމުން ގެންދެވީ ސިފައިންގޭގައި ކަމަށްވުމުން، ސިފައިންގެ މީހަކަށްވެ އެކި ޙާދިސާތަކުގައި ޙާލުގައިޖެހޭ މީހުންނާއި، ގެއްލިގެން ހޯދާ މީހުންނާއި ކަނޑުވާ މީހުންނާއި އެނޫންވެސް ގޮގޮތުން ކުރަންޖެހޭ ދަތުރުތަކަކީ ވަރަށް ހަނދާނުން ފޮހެލައްވަން ދަތިފުޅު ދަތުރުތަކެއް ކަމަށް އިބްރާހީމް ރަޝީދު ވިދާޅުވިއެވެ.

އިބްރާހީމް ރަޝީދުގެ ނަސޭޙަތަކީ، މި މަސައްކަތުގައި ކުރިއަށްދާން ބޭނުންވާނަމަ ޝައުޤުވެރިކަމާއެކު ކުރިއަށް ދިއުމެވެ. އަދި އެއްތަނުން އަނެއް ތަނަށް ވަޒީފާ ބަދަލުކުރުމުގެ ބަދަލުގައި އެއްގޮތެއްގައި ދެމިހުރެއްޖެނަމަ ކޮންމެ މީހަކަށްވެސް ކާމިޔާބީއާ ހަމައަށް ވާސިލްވެވޭނެކަމަށް އަމިއްލަފުޅު ތަޖުރިބާއާއެކު އިބްރާހީމް ރަޝީދު ވިދާޅުވިއެވެ.

"އެއްވެސް މީހަކު އެކަމެއް ކުރަންވާނީ އެކަމެއް ކުރާހިތްވެގެން. އެކަމެއްގައި ދެމިހުރުމުގެ އުންމީދުގަ. އިރުއިރުކޮޅުން އެއްޖޮބުން އަނެއް ޖޮބަށް، އެއްކަމުން އަނެއްކަމަށް ދިޔާމާ އެއްވެސް ކަމެއް ފުރިހަމަ ގޮތެއްގައި ކޮށް ނިންމައެއް ނުލެވޭނެ. އަޅުގަނޑުމެން އުންމީދަކަށްވީ މިކަން މިއަދާއި ހަމައަށް ގެންނަން. ﷲގެ ރަހުމަތުން މިއަދު މިއޮތީ މިކަން މިހިސާބަށް އައިސްފަ. މިއަދު އަޅުގަނޑަށް މިހިރީ މިކަން ފުރިހަމަ ކުރެވިފަ." ކެޕްޓަން އިބްރާހިމް ރަޝީދު ވިދާޅުވިއެވެ.


އިބްރާހިމް ރަޝީދު ވަނީ ދިފާއި ވުޒާރާ އާއި އައިލެންޑް އޭވިއޭޝަން އަދި މޯލްޑިވްސް ސިވިލްއޭވިއޭޝަން އޮޓޯރިޓީގެ އިތުރުން ވިލާ އެއަރގައިވެސް މަސައްކަތްޕުޅު ކުރައްވައިފައެވެ.