ޚަބަރު

7 ވަނަ އޭބީޔޫ މީޑިއާ ސަމިޓް މިމަހުގެ 9-10އަށް ރާއްޖޭގައި އޮންނާނެ


7 ވަނަ އޭބީޔޫ މީޑިއާ ސަމިޓް އޮން ކްލައިމެޓް އެކްޝަން އެންޑް ޑިޒާސްޓަރ ޕްރިވެންޝަން މިމަހުގެ 9 އިން 10 އަށް ކްރޮސްރޯޑްސް މޯލްޑިވްސްގައި ފެށުމަށް ހަމަޖެހިއްޖެއެވެ.

އޭބީޔޫ މީޑިއާ ސަމިޓް އިންތިޒާމްކުރަނީ އޭޝިއާ-ޕެސިފިކް ބްރޯޑްކާސްޓިންގ ޔޫނިއަން، އޭބީޔޫއާއި ދައުލަތުގެ މީޑިއާ، ޕީއެސްއެމްއިންނެވެ. 7 ވަނަ އޭޑީބީ ސަމިޓަށް ޕަބްލިކް ސާވިސް މީޑިއާ، ޕީއެސްއެމްއިން އިންތިޒާމްކުރާއިރު، މިއަހަރުގެ ސަމިޓް ކުރިޔަށްގެންދާނީ ކްލައިމެޓް އެކްޝަން އެންޑް ޑިޒާސްޓަރ ޕްރިވެންޝަން ނުވަތަ މޫސުމީ ބަދަލުތަކާއި ކާރިސާތަކުން ރައްކާތެރިވުމުގެ މައްޗަށެވެ.

މިއަހަރުގެ ސަމިޓްގައި ގާތްގަނޑަކަށް 150 ފަރާތުން ބައިވެރިވާނެކަމަށް ބެލެއެވެ. މީގެ ތެރޭގައި ރާއްޖެއާ ރާއްޖެއިން ބޭރުގެ ތަޖުރިބާކާރުން ހިމެނެއެވެ. މި ސަމިޓުގައި އޭޝިއާ ޕެސިފިކް ސަރަހައްދުގެ މީޑިއާތަކުގައި އިސްކޮށް ހަރަކާތްރެތިވާ ފަރާތްތަކާއި މޫސުމީ މައްސަލަތަކާއި ދެކޮޅަށް މަސައްކަތްކުރާ ފަރާތްތަކުން މަޝްވަރާތައް ބާއްވާނެއެވެ.

ރާއްޖޭގައި ބާއްވާ އޭބީޔޫ ސަމިޓާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އަލީ ޚާލިދު ވިދާޅުވީ، ޕީއެސްއެމުން އިންތިޒާމްކޮށްގެން މިފަދަ ސަމިޓެއް ކުރިޔަށްގެންދަން ފުރުސަތު ލިބުމަކީ ދިވެހިރާއްޖެއަށް އެކި ގޮތްގޮތުން ފައިދާކުރާނެ ކަމެއްކަމަށެވެ. އަދި މި ސަމިޓުގައި ގިނަ އަދަދެއްގެ ބޭރުގެ މީޑިއާތަކުން ބައިވެރިވާނެކަމަށާއި، މިއީ ދިވެހިރާއްޖެއަށް މޫސުމީ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތައް ދުނިޔެއަށް އަންގައިދިނުމަށް ލިބޭ މުހިއްމު ފުރުސަތެއްކަމަށް އަލީ ޚާލިދު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ތިމާވެއްޓަށް ދިމާވަމުންދާ އެކިއެކި ގޮންޖެހުންތަކާ އަދި އަޅުގަނޑުމެންނާ ދިމާވާ އެކިކަހަލަ ކަރިސާތަކަށް އަޅުގަނޑުމެން ތައްޔާރުވެ ތިބުމަކީ ކިހާ މުހިއްމުކަމެއްކަން މިހާރު އަޅުގަނޑުމެންނަށް ތަޖުރިބާ ކުރެވޭ އެކިއެކި ކަންކަމުން އެބަ އެނގޭ. ރާއްޖޭގައި މި ކޮންފަރެންސް ބޭއްވޭއިރު، ރާއްޖެއިން ބޭރުގެ އެކްސްޕާޓުންވެސް ބައިވެރިވޭ. އެހެން ބްރޯޑްކާސްޓަރުންވެސް އެބަ އާދޭ. އެހެންވީމާ، އަޅުގަނޑުމެންގެ ނޫސްވެރިންނަށް މައުލޫމާތު ލިބޭ ފަދައިން ބޭރުގެ ބްރޯޑްކާސްޓަރުންނަށްވެސް މި މައުލޫމާތު ލިބިގެންދާނެ. އެހެންވީމާ ރާއްޖޭގައި ހުރި ނާޒުކު ހާލަތްތަކާ، އަޅުގަނޑުމެންނަށް މި ދިމާވާ ތިމާވެށިގެ ގޮންޖެހުންތަކުގެ މައުލޫމާތު އެހެން ބްރޯޑްކާސްޓަރުންނާ ހަމައަށްވެސް ލިބި އަދި މި މައުލޫމާތު ބޭރުގެ އެހެން ނޫސް ޖަމިއްޔާތަކާވެސް ހިއްސާކުރެވޭނެ." އަލީ ޚާލިދު ވިދާޅުވިއެވެ.

އޭބީޔޫ ސަމިޓުގައި މޫސުމަށް އަންނަ ބަދަލުތަކާއި ކާރިސާތަކުން ރައްކާތެރިވުމަށް ޕަބްލިކް ސާވިސް ބްރޯޑްކާސްޓަރުންގެ ދައުރާއި މޫސުމަށް އަންނަ ބަދަލުތަކުގެ މައުލޫމާތު އާންމުންނަށް ފޯރުކޮށްދިނުމުގައި ހުރި ދަތިތަކާއި މޫސުމީ ފިޔަވަޅުތަކަށް އެހީތެރިވުމަށް ޑިޖިޓަލް މީޑިއާގެ ޤާބިލްކަން އިތުރުކުރުން ފަދަ މައުޟޫއުތަކަށް ވާހަކަދައްކާ، މަޝްވަރާކުރާނެއެވެ. މީގެ އިތުރުން މޫސުމީ ސައިންސާއި ސިޔާސަތުގެ އެންމެ ފަހުގެ ހޯދުންތަކާބެހޭ ސެޝަންތައްވެސް ސަމިޓުގައި ކުރިއަށް ގެންދާއިރު، ދުނިޔޭގެ މޫސުމީ ބަދަލުތަކުގެ މައްސަލަައިގެ ހާލަތާއިބެހޭ އެންމެ ފަހުގެ މައުލޫމާތު މީޑިއާތަކުގެ ވެރިންނާއި ބައިވެރިންނަށް ލިބިގެންދާނެއެވެ.

އޭބީޔޫ އުފެދުނީ 1964 ވަނަ އަހަރު އޭޝިޔާ އަދި ޕެސިފިކް ސަރަހައްދުގައި ބްރޯޑްކާސްޓިންގެ ދާއިރާ ތަރައްގީކުރުމަށް އެހީތެރިވުމުގެ ގޮތުންނެވެ. އޭބީޔޫއަކީ ޓީވީ އަދި ރޭޑިއޯ ބްރޯޑްކާސްޓަރުންގެ އިތުރުން ސިނާއަތުގެ މުހިންމު ފަރާތްތަކުގެ މަސްލަހަތު ކުރިއެރުވުމާއި ސަރަހައްދީ އަދި ބައިނަލްއަޤްވާމީ މީޑިއާތައް ކުރިއެރުވުމަށް މަސައްކަތްކޮށްދޭ ޖަމިއްޔާއެކެވެ. އޭބީޔޫގެ މެންބަރު ގައުމުތަކުގެ ތެރޭގައި ރާއްޖޭގެ އިތުރުން އޮސްޓްރޭލިއާ، ޗައިނާ، ޖަޕާން، ސައުތް ކޮރެއާ ހިމެނޭހެން 70 އަށްވުރެ ގިނަ ގައުމު ހިމެނެއެވެ.

އޭބީޔޫ މީޑިއާ ސަމިޓް ފުރަތަމަ ބާއްވާފައިވަނީ 2014 ވަނަ އަހަރު އިންޑޮނޭޝިއާގެ ޖަކާޓާގައެވެ. އޭގެފަހުން 2016 ވަނަ އަހަރު ތައިލެންޑުގެ ކްރާބީގައި، 2017 ވަނަ އަހަރު ބަންގްލަދޭޝްގެ ޑާކާ، 2018 ވަނަ އަހަރު ފިޖީގައި، 2019 ވަނަ އަހަރު ނޭޕާލްގެ ކަތްމަންޑޫގައެވެ. 2020 ވަނަ އަހަރު ކޯވިޑާއި ގުޅިގެން ސަމިޓް ބާއްވާފައި ނުވާއިރު، 2021 ވަނަ އަހަރު މި ސަމިޓް ކުރިޔަށް ގެންގޮސްފައިވަނީ އޮންލައިންކޮށެވެ.