ދުނިޔޭގެ ވިޔަފާރި

ރަޝިއާއިން އަނެއްކާވެސް ވިކިޕީޑިއާ ޖޫރިމަނާކޮށްފި


ރަޝިއާއިން ވިކިޕީޑީއާގެ ބެލެނިވެރި، ކުންފުނި ވިކިޕީޑިއާ ފައުންޑޭޝަން އަނެއްކާވެސް ޖޫރިމަނާކޮށްފިއެވެ.

މިއީ ރަޝިއާއިން ވިކިޕީޑިއާ ޖޫރިމަނާކުރާ 7 ވަނަ ފަހަރެވެ.

ރަޝިއާގެ ކޯޓަކުން ވިކިޕީޑިއާ 2 މިލިއަން ރުބެލްއިން ޖޫރިމަނާކުރަން ނިންމީ ރަޝިއާގެ އަސްކަރިއްޔާއާއި ބެހޭގޮތުން ވިކިޕީޑިއާ އޮންލައިންގައި ޝާއިއުކޮށްފައި ހުރި ލިޔުންތަކެއް ނެގުމަށް މުހުލަތު ދިނުމުންވެސް ވިކިޕީޑިއާއިން އެކަން އެގޮތަށް ކޮށްފައި ނުވާތީ ކަމަށް މީޑިއާތަކުން ރިޕޯޓުކުރެއެވެ.

ޖޫރިމަނާގެ ގޮތުގައި ވިކިޕީޑިއާއިން މިހާރު ޖުމްލަ 8.4 މިލިއަން ރޫބަލް ރަޝިއާއަށް ދައްކަން ޖެހެއެވެ.

ވިކިޕީޑިއާއަށް އަޕްލޯޑްކޮށްފައި ހުރި ލިޔުމުގައި ރަޝިއާގެ އަސްކަރިއްޔާއާ ގުޅުންހުރި ސިއްރު މައުލޫމާތާއި، އާންމުންނަށް އަންގަން ބޭނުންނުވާ މައުލޫމާތު ހުރިކަމަށް ރަޝިއާގެ ކޯޓުން ބުނެއެވެ. އަދި ރަޝިއާ ސިފައިން ޔުކްރޭންގައި ހަރަކާތްތެރިވަމުންދާ ގޮތާއިބެހޭ ލިޔުންތައްވެސް ވިކިޕީޑިއާއިން ވަނީ އާންމުކޮށްފައެވެ.

މިކަމާއި ގުޅިގެން ވިކިޕީޑިއާއިން ވާހަކަ ދައްކާފައެއް ނުވެއެވެ.

ރަޝިއާ ކޯޓުން ވިކިޕީޑިއާއަށް ހުކުމް ކުރި ނަމަވެސް ޑިޖިޓަލް އެފެއާޒް މިނިސްޓަރާ ހަވާލާދެއްވައި އިންޓަފެކްސް ނިއުސް އޭޖެންސީ ބުނާގޮތުން ރަޝިއާގައި ވިކިޕީޑިއާ ބަންދުކުރުމުގެ ވިސްނުމެއް އަދި ނެތެވެ. އަދި ވިކިޕީޑިއާއާއި މެދު ހަރުކަށި ފިޔަވަޅެއް އެޅުމަކީ އަދި އޮތް ވިސްނުމެއް ނޫންކަމަށްވެސް އިންފޮމޭޝަން މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.