ޚަބަރު

ކުޅުދުއްފުށީ މަގު ހެދުމުގެ މަޝްރޫޢުގައި ފަޔަރ ހައިޑްރެންޓާއި ޑިވޯޓަރިން ނެޓްވޯކެއް


ރައްޔިތުން ބޭނުންވި ބަދަލުތައް ގެނެސް، ކުޅުދުއްފުށީ މަގުގެ ނެޓްވޯކްގެ މަސައްކަތްތައް އަލުން ފެށުމަށް ތައްޔާރުވެފައިވާ ކަމަށް އާރްޑީސީން ހާމަކޮށްފިއެވެ.

ކުޅުދުއްފުށީ މަގުހެދުމުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ އަހަރުގެ މަރޗްމަހުއެވެ. ބައެއް މަގުތައް ކޮނެ، މަސައްކަތްތައް ފަށާފައިވަނިކޮށް އޭގެ މަސައްކަތްތައް މެދުކަނޑާލީ، ޕްރޮޖެކްޓް ސްކޯޕަށް ކުޅުދުއްފުށީ ކައުންސިލުން ހުށައެޅި އިތުރު ޚިޔާލުތަކަށް ރިޢާޔަތްކުރުމަށް ކަމަށް އާރްޑީސީން ބުނެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އާރްޑީސީގެ މެނޭޖިން ޑިރެކްޓަރ މޫސާ ޢަލިމަނިކު ވިދާޅުވީ ކައުންސިލުން ސަރުކާރަށް ހުށައެޅުއްވީ ޕްރޮޖެކްޓްގައި ހިމަނައިގެން، އެރަށުގައި ޑިވޯޓަރިން ނެޓްވޯކެއް އެޅުމާއި ފަޔަރ ހައިޑްރެންޓް ބެހެއްޓުމަށް ކަމަށެވެ. މޫސާ ޢަލިމަނިކު ވިދާޅުވީ ފަޔަރ ހައިޑްރެންޓަށް ބޭނުންވާ ހޮޅިއަކީވެސް އެމްއެންޑީއެފުން ދޭ، ވަކި ފެންވަރެއްގައި ހުންނަންޖެހޭ ހޮޅިއެއްކަމަށެވެ.

މޫސާ ޢަލި މަނިކު ވިދާޅުވީ ޕްރޮޖެކްޓްތައް ލަސްވާކަމުގެ ފާޑުކިޔުންތައްވެސް ވަރަށް ބޮޑަށް އަމާޒުވާ ކަމަށެވެ. ނަމަވެސް ގިނަ މަޝްރޫޢުތައް ލަސްވާ އެންމެ ބޮޑު ސަބަބަކީ ކުރެހުންތައް ފައިނަލްކޮށް، މަސައްކަތް ފަށާފަހުން ބަދަލުތައް ގެންނަން ޖެހުން ކަމަށް އާރްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވިއެވެ.

މޫސާ އަލީ މަނިކު ވިދާޅުވީ ކުޅުދުއްފުށީގެ މަގުހެދުމަށް ކައުންސިލުން ހުށައެޅި ކަންކަން ހިމަނާ، ޕްރޮޖެކްޓުގެ ސްކޯޕަށް ބަދަލު ގެނެސްފައިވާކަމަށެވެ. ޕްރޮޖެކްޓްގެ ސްކޯޕަށް ބަދަލު ގެނައުމަކީ ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ، ގިނަ ވަގުތު އެކަމަށް ހޭދަވާ ކަމެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ފަޔަރ ހައިޑްރަންޓަށް އެޅުމަށް ބޭނުންވާ ހުއްދަތަކަށްފަހު، އެކަމަށް ބޭނުންވާ ސާމާނު ރާއްޖެ ގެނައުމުގެ މަސައްކަތްދަނީ ކުރިއަށް. ވަރަށް އަވަހަށް ނެޓްވޯކް މަސައްކަތް ފެށޭނެ. ޑިޒައިނަށް އަންނަ ކޮންމެ ބަދަލަކީ މަސައްކަތް ލަސްވަ ކަމެއް." މޫސާ އަލީ މަނިކު ވިދާޅުވިއެވެ.

ކުޅުދުއްފުށީ އާރްޑީސީ ސައިޓްގައި، މަގަށް ބޭނުންވާ ކާސްޓިން މަސައްކަތްތައް މިހާރުދަނީ ކުރަމުންނެވެ. މަގު ހެދުމުގެ މަސައްކަތުގެ ދަށުން މިހާރު ކުރިއަށްދަނީ ޕޭމަންޓާއި ސައިޑްވޯކް ހެދުމުގެ މަސައްކަތެވެ.

މިޕްރޮޖެކްޓްގައި ކުޅުދުއްފުށީގެ 24 މަގެއް ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީކުރެއެވެ. އެގޮތުން މަގުގެ ފެން ހިންދާ ނިޒާމު ޤާއިމުކުރުމާއި މަގުބައްތިއާއި ނިޝާން ޖެހުންވެސް ހިމެނެއެވެ.

މިމަސައްކަތް ނިންމުމަށް ހަވާލުކޮށްފައިވަނީ 1އަހަރާ 4 މަހެވެ. މިޕްރޮޖެކްޓަކީ 100މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.