ކުޅިވަރު

ޕަންޖާބް ކިންގްސް އަތުން މުމްބާއި އިންޑިއަންސްއަށް މޮޅެއް


އިންޑިއަން ޕްރިމިއަރ ލީގު (އައިޕީއެލް) ކްރިކެޓް މުބާރާތުގައި ޕަންޖާބް ކިންގްސްއާ ދެކޮޅަށް ކުޅުނު މެޗު މުމްބާއި އިންޑިއަންސްއިން ކާމިޔާބުކޮށްފިއެވެ.

މިމެޗް އިންޑިއަންސް ކާމިޔާބުކޮށްފައިވަނީ ހަ ވިކެޓުންނެވެ.

ޗަންދިގަރުގެ އައި އެސް ބިންދްރާ ކްރިކެޓް ސްޓޭޑިއަމްގައި ކުޅުނު މިމެޗްގެ ޓޮސް ދިމާވުމުން މުންބާއި އިންޑިއަންސްއިން ނިންމީ އެންމެ ފުރަތަމަ ފީލްޑް ކުރާށެވެ. އެގޮތުން ޕަންޖާބް ކިންގްސް އިން އެންމެ ފުރަތަމަ ކުޅެން އަރާ 20 އޯވަރުގެ ތެރޭގައި ތިން ކުޅުންތެރިން ނުބައިވެގެން ހެދުނީ 214 ލަނޑެވެ. އެޓީމަށް އެންމެ ރަނގަޅަށް ކުޅެފައިވަނީ ނުބައިނުވެ 82 ލަނޑު ހެދި ލިއޭމް ލިވިންގސްޓޯންއެވެ. މީގެއިތުރުން ޖިތޭޝް ޝަރްމާވަނީ ނުބައިނުވެ 49 ލަނޑު ހަދާދީފައެވެ. މިއިނިންގްސްގައި މުންބާއި އިންޑިއަންސްއަށް އެންމެ ރަނގަޅަށް އުކާފައިވަނީ ހަތަރު އޯވަރު 29 ލަނޑަށް ދެ ވިކެޓް ނަގައިދިން ޕިޔޫޝް ޝަވްލާއެވެ.

ޖަވާބުގައި މުންބާއި އިންޑިއަންސްއިން ކުޅެން އަރާ 18 އޯވަރު ފަސް ބޯޅައަށް ހަތަރު ކުޅުންތެރިން ނުބައިވެގެން ވަނީ 216 ލަނޑު ހަދާ މެޗް ކާމިޔާބުކޮށްފައެވެ. އެޓީމުން އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 75 ލަނޑު ހަދާދިން އިޝާން ކިޝަންއެވެ. އަދި ސޫރްޔަކުމާރު ޔާދަވްވަނީ 66 ލަނޑު ހަދާދީފައެވެ. މިއިނިންގްސްގައި ޕަންޖާބް ކިންގްސްއިން އެންމެ ރަނގަޅު ކުޅުމެއް ދެއްކީ ހަތަރު އޯވަރު 34 ލަނޑަށް 2 ވިކެޓް ނަގައިދިން ނޭތަން އެލިސްއެވެ.

މިކާމިޔާބީއާއެކު މުންބާއި އިންޑިއަންސްއިން މިވަނީ ކުޅުނު 9 މެޗުން ލިބިފައިވާ 10 ޕޮއިންޓާއެކު ތާވަލްގެ ހަވަނައަށް ކުރިއަށް ޖެހިލާފައެވެ. އަދި ޕަންޖާބް ކިންގްސްއަށް 10 ޕޮއިންޓް ލިބިފައިވީ ނަމަވެސް ރަން ރޭޓަށް ބަލާއިރު އެޓީމްވަނީ ތާވަލްގެ ހަތްވަނައަށް ފަހަތަށް ޖެހިލާފައެވެ.