ޚަބަރު

ކުނި އުފުލުމަށް ބޭނުންވާ އައު ވެހިކަލްތައް 2 މަސްދުވަހުގެ ތެރޭގައި ލިބޭނެ: ވެމްކޯ


ކުނި ނަގާ އުކާލުމުގެ ޚިދުމަތް ފުޅާކުރުމަށްޓަކައި އިތުރު ވެހިކަލްތަކެއް ކުރިއަށް އޮތް 2 މަސްދުވަހުގެ ތެރޭގައި ގެންނާނެ ކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ވެމްކޯގެ މެނޭޖިން ޑިރެކްޓަރ ޔޫސުފް ސިރާޖް ވިދާޅުވެއްޖެއެވެ.

ކުނި އުފުލުމުގެ މަސައްކަތަށް އެކުންފުނިން މިހާރުވެސް ބޭނުންކުރަމުން އަންނަނީ ކުންފުނި އުފެދުނީއްސުރެވެސް ބޭނުން ކުރަމުން އަންނަ ވެހިކަލްތައް ކަމަށާއި މިވެހިކަލްތައް ބާވެ، ކުނި އުފުލުމުގައިވެސް އެކުންފުންޏަށް ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށް ވެމްކޯއިން މަޢުލޫމާތުދެއެވެ. ކުނި ނެގުމުގެ މަސައްކަތަށް ވެމްކޯއިން ކުރިން ގެނެސްފައިވާ ވެހިކަލްތަކަކީ ވަސް ބޭރު ނުވާ ގޮތަށް ބަންދުކޮށް ކުނި އުފުލޭ ގޮތަށް ތައްޔާރުކޮށްފައިވާ އުޅަނދުތައް ކަމަށާއި އެހެންނަމަވެސް މިހާރު އެ ތަކެތި ހުރީ ވަރަށް ބޮޑަށް ހަލާކުވެފައި ކަމަށްވެސް އެކޯޕަރޭޝަނުން ހާމަކުރައްވައެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރ ޔޫސުފް ސިރާޖް ވިދާޅުވީ ފާއިތުވި އަހަރުތަކުގައި ކުނި މެނޭޖްކުރުމުގެ މަސައްކަތްތަކަށް ބޮޑެތި ޚަރަދުތައްކުރެވުނު ނަމަވެސް ކުނި އުފުލުމަށް ގެންގުޅޭ ވެހިކަލްތައް އައުކޮށް އިތުރު ވެހިކަލްތައް ގެނައުމަށް މަސައްކަތް ކުރެވިފައި ނުވާކަމަށެވެ. އެހެންކަމުން ވެހިކަލްތައް މަރާމާތު ކުރުމަށްޓަކައި ބޮޑެތި ޚަރަދުތައް ކޮށްފައިވާކަމަށެވެ. އެހެންނަމަވެސް ކުރިއަށް އޮތް 2 މަހެއްހާ ދުވަހުގެ ތެރޭގައި ކުނި އުފުލުމަށް ބޭނުންވާނެ އިތުރު ވެހިކަލްތައް ގެނެސް ފްލީޓް ބޮޑުކުރައްވާނެކަމަށް ޔޫސުފް ސިރާޖް ވިދާޅުވިއެވެ.

"ތިލަފުށްޓަށް ބޭނުންވާ ވެހިކަލްތައް ގެނައުމަށްވެސް ޚަރަދުކޮށްފައި އެބަހުރި، ރަށްރަށުގެ ވޭސްޓް ސެންޓަރުތަކަށް ބޭނުންވާ ސާމާނުވެސް ހޯދާފައި އެބަހުރި. ނަމަވެސް ވޭތުވެދިޔަ ދުވަސްތަކުގައި ވޭސްޓް ކަލެކްޝަން ފްލީޓް ރަނގަޅު ކުރުމަށްޓަކައި ޚަރަދުތަކެއް ކުރެވިފައިނެތް. ކުރެވިފައި ހުރި މަސައްކަތްތަކަކީ ހުރި ވެހިކަލްތައް މަރާމާތު ކުރުން." ވެމްކޯގެ މެނޭޖިން ޑިރެކްޓަރ ޔޫސުފް ސިރާޖް ވިދާޅުވިއެވެ.

ޔޫސުފް ސިރާޖް ވިދާޅުވީ މިހާރުވެސް ކުނި އުފުލުމުގެ މަސައްކަތް ކުރުމަށްޓަކައި އައު ވެހިކަލްތައް ބޭނުންކުރަމުން އަންނަކަމަށެވެ. އެގޮތުން ބޮޑެތި ކުނި އުފުލުމަށްޓަކައި ގެނެސްފައިވާ ޚާއްސަ ވެހިކަލްތައް ބޭނުންކުރަމުން އަންނަކަން ފާހަގަކުރެއްވިއެވެ. ސިރާޖް ވިދާޅުވީ މާލޭގެ އިތުރަށް އަތޮޅުތެރޭގައި ހަދަމުން އަންނަ ވޭސްޓް ޓްރާންސްފަރ ސްޓޭޝަންތަކަށްވެސް ބޭނުންވާ ވެހިކަލްތައް ހޯދުމުގެ މަސައްކަތްތައް ކުރައްވަމުން އަންނަކަމަށެވެ.


މާލޭގައި ކުނި ވަކިކޮށްގެން ނަގަންފެށީ މިދިޔަ އަހަރުގެ ޖޫން މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ. މިއުސޫލުގެ ދަށުން ޢާއްމުންގެ ގިނަ މީހުން ކުނި ވަކިކޮށްގެން ގެއިން ނެރެން ފެށިއެވެ. އެހެންނަމަވެސް ފެނިގެންދިޔައީ ޢާއްމުންނަށް ބަލައިގަންނަން ފަސޭހަ މަންޒަރެއް ނޫނެވެ. ޢާއްމުން ކޮތަޅު ކޮތަޅުގައި ވަކިކޮށްގެން ނެރެމުންދިޔަ ކުނި އަރުވަމުން ދިޔައީ ވެމްކޯގެ ބޮޑެތި ލޮރީތަކަށް އެއްކޮށްގެންނެވެ. ހުރިހާ ކޮތަޅުތަކެއް އެއްކޮށްގެން ލޮރީތަކަށް އަރުވާކަމުގެ ޝަކުވާއާ ގުޅިގެން ވެމްކޯއިން ވިދާޅުވީ އެހެން ގެންދިޔަނަމަވެސް ކުނި ސައިޓަށް ގެންގޮސް ވަކިކުރާކަމަށެވެ. އެހެންނަމަވެސް އެއީ ގޮންޖެހުން ބޮޑު މަސައްކަތެއްކަންވެސް ވެމްކޯއިންވަނީ ފާހަގަކުރައްވާފައެވެ. މި މައްސަލަ ހައްލުކުރުމަށްޓަކައި ވެމްކޯގެ ފްލީޓަށް އިތުރު 14 ވެހިކަލެއް ގެނައުމަށް ނިންމަވާފައިވާކަން ވެމްކޯއިން ވަނީ ވިދާޅުވެފައެވެ.

މާލެ ސަރަޙައްދުގައި ކުނި މެނޭޖްކުރުމަކީ ގޮންޖެހުން ބޮޑުކަމެއްކަމަށް ސަރުކާރުން ފާހަގަކުރައްވައެވެ. މިކަން ޙައްލުކުރުމަށް ތިލަފުށީ ކުނި މެނޭޖްކުރާ މަރުކަޒުގެ މަސައްކަތާއެކު މާލޭ ވޭސްޓް ޓްރާންސްފަރ ސްޓޭޝަންގެ މަސައްކަތްވެސް އަންނަނީ ކުރައްވަމުންނެވެ. މިއާއެކު މިސަރަޙައްދުގެ ކުނި މެނޭޖްކުރުމަށް ބޮޑު ބަދަލެއް އަންނާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.

ކުނީގެ މައްސަލަ ޙައްލުކުރުމަށް ސަރުކާރުންވަނީ ރާއްޖެ އެކި ޒޯން ތަކަށް ބަހާލައި، ކޮންމެ ޒޯނެއްގައިވެސް ސަރަޙައްދީ ކުނި މެނޭޖްކުރާ މަރުކަޒެއް ޤާއިމުކުރައްވާފައެވެ. މާލެ ސަރަޙައްދު ނުވަތަ ޒޯން 3 ގެ މަސައްކަތް މިއަހަރުގެ ޖުލައި މަހާއި ހިސާބަށް ނިމޭނެކަމަށް ސަރުކާރުން ހާމަކުރައްވައެވެ.