އިއްޔެ މަރުވި އޭނާގެ ބައްޕަ ޖޯޖް މެސީގެ ޖަނާޒާ އަށް އާޖެންޓީނާގެ ކެޕްޓަން ލަޔޮނަލް މެސީ ގައުމަށް ހިނގައްޖެ އެވެ.
އޭނާ ކުޅެމުންދާ އިންޓަ މިއާމީން ހުއްދަ ދިނުމުން އަމިއްލަ ޖެޓުގައި އެމެރިކާއިން ފުރައިގެން މިއަދު ހެނދުނު މެސީ އާޖެންޓީނާގެ ރޮސާރިއޯ އަށް ދިޔައީ އެއީ ބައްޕަގެ އުފަން ޝަހަރު ކަމަށްވާތީ އެވެ. އުމުރުން 68 އަހަރުގައި ނިޔާވި ބައްޕަގެ ޖަނާޒާ އޮންނާނީ ވެސް މިސިޓީގަ އެވެ. ނަމަވެސް ޖަނާޒާގެ ތާރީހާއި ވަގުތު އޮތީ ސިއްރު ކޮށްފަ އެވެ.
މި ހިތާމައިގެ ބައިވެރިވުމުގެ ގޮތުން އާޖެންޓީނާގެ ފުޓްބޯޅަ އެސޯސިއޭޝަނުގެ ދިފަ ވަނީ ބައިދަނޑިއަށް ތިރި ކުރަން ނިންމައިފަ އެވެ.މި ގޮތުން އާޖެންޓީނާގެ ފުޓްބޯޅައާ ގުޅުންހުރި ހުރިހާ ތަނެއްގައި ވެސް ދިދަ ތިރި ކުރާނެ އެވެ. މީޑިޔާ ރިޕޯޓްތައް ބުނަނީ އާޖެންޓީނާ އާއި ދުނިޔެ ދުށް އެންމެ މޮޅު ކުޅުންތެރިޔާގެ ބައްޕަ ނިޔާވުމުގެ ހިތާމައިގައި ބައިވެރިވުމަށްފަހު ފަހު މި ދިދަ އުފުލާނީ ޖަނާޒާ ނިމުމުން ކަމަށެވެ.
އާޖެންޓީނާގެ އެފްއޭގެ އިތުރުން އެ ގައުމުގައި މެސީ ކުޅުނު ކުލަބުތަކުގެ ދިދަތައް ވެސް ތިރި ކުރާނެ އެވެ. މި ހިތާމައިގައި ބައިވެރިވުމުގެ ގޮތުން މެސީ އޭނާގެ ކެރިއަރުގެ ބޮޑުބައި ހޭދަކުރި ބާސެލޯނާ އާއި އޭގެ ފަހުން ކުޅުނު ފްރާންސްގެ ޕީއެސްޖީ އާއި މިހާރު ކުޅެމުންދާ އެމެރިކާގެ އިންޓަ މިއާމީން ވެސް ވަނީ ތައުޒިޔާގެ ކިޔައިފަ އެވެ. އަދި އެންމެ ފާހަގަ ކުރެވެނީ ބާސެލޯނާއާ އެންމެ ވާދަވެރި ސްޕޭނުގެ ރެއާލް މެޑްރިޑް ވެސް މެސީ އަށް ތައުޒިޔާ ކުރުމެވެ.
ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު އަށް ފަހަރު ހޯދި މެސީ ވަނީ އާޖެންޓީނާ އަށް 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބު ކޮށްދީ 2026 އާއި 2014ގައި ވޯލްޑް ކަޕް ފައިނަލަށް އެ ގައުމު ގޮސްދީފަ އެވެ. އުމުރުން 13 އަހަރުގައި މެސީ ގޮވައިގެން އޭނާގެ ބައްޕަ ރޮސާރިއާ ދޫކޮށް ސްޕޭނަށް ބަދަލުވީ ދަރިފުޅުގެ ބަލިހާލަތު ހުރި ގޮތުންނެވެ. އޭގެ ފަހުން ބާސެލޯނާގެ އެކަޑަމީގައި އޭނަ އަށް ފަރުވާދީ މިހާތަނަށް މެސީގެ އެޖެންޓްކަން ކުރުމާއި ދަރިފުޅުގެ ހުރިހާ ކަމެއްގައި އިސްކޮށް ހަރަކާތްތެރިވި މީހަކީ ޖޯޖް މެސީ އެވެ.
އޭނާ ބަލިވެ އުޅެން ފެށީ މިދިޔަ މަހު ނިމުނު ވޯލްޑް ކަޕުގެ ކުޑަ ދުވަސްކޮޅެއް ކުރިންނެވެ.