ޚަބަރު

ރާއްޖެއިން ޓޯގޯއާއެކު ސިޔާސީ ގުޅުން ޤާއިމްކުރައްވައިފި


ދިވެހި ރާއްޖެއިން ޓޯގޯ ރިޕަބްލިކްއާ ދެމެދު ރަސްމީކޮށް ސިޔާސީ ގުޅުން ޤާއިމްކުރައްވައިފިއެވެ.

ދެޤައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ރަސްމީކޮށް އެކުލަވާލާ އެއްބަސްވުމުގައި ރާއްޖެއިން ސޮއިކުރައްވާފައިވަނީ ރާއްޖެއިން އދ.އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާޢިމީ މަންދޫބް ތިލްމީޒާ ހުސައިންނެވެ. ޓޯގޯ ރިޕަބްލިކްއިން ސޮއިކުރެއްވީ އެ ޤައުމުން އދ. ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ކޯފި އަކަކްޕޯއެވެ.

ދުނިޔެގޭ އެކި ޤައުމުތަކާއެކު ސިޔާސީ ގުޅުން ޤާއިމްކޮށް ޚާރިޖީ ގުޅުންތައް ވަރުގަދަކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހްގެ ސަރުކާރުން އިސްކަމެއް ދެއްވާ ކަމެކެވެ. އެގޮތުން ރާއްޖެއާއި ޓޯގޯއާ ސިޔާސީ ގުޅުންތައް ޤާއިމުކުރުމަކީ، ދެޤައުމުގެ މަސްލަހަތު އޮންނަ ދާއިރާތަކުން އެއް ލަނޑުދަނޑިތައް ޙާޞިލުކުރުމަށްޓަކައި ދެޤައުމުގެ އެއްބާރުލުން އިތުރުކުރުމަށް މަގުފަހިކޮށްދޭ ކަމެއްކަމަށް ޚާރިޖީ ވުޒާރާއިން ވިދާޅުވެއެވެ.

ގާތްގަޑަކަށް 8 މިލިޔަން މީހުން ދިިރުއުޅެމުން އަންނަ ޓޯގޯ އަކީ ހުޅަނގު އެފްރިކާގެ ޤައުމެކެވެ. ޓޯގޯ އަކީ ރާއްޖެއާއެކު ސިޔާސީ ގުޅުން ޤާއިމްކުރި 184 ވަނަ ޤައުމެވެ.