ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދުކުރުމަށް ހިންގަމުންދާ ޤަތުލުޢާންމާއި އީރާނާ ދެކޮޅަށް ފަށާފައިވާ ޣައިރުޤާނޫނީ ހަނގުރާމައިގެ ޙަޤީޤަތް ފޮރުވައި، އެމެރިކާގެ ރައްޔިތުންގެ ޚިޔާލު ބަދަލުކޮށް ތާޢީދު އިތުރުކުރުމަށް ޔަހޫދީ ދައުލަތުން 100 މިލިޔަން ޑޮލަރުގެ ކެންޕޭނެއް ހިންގަމުންދާ ކަން ފަޅާއަރައިފިއެވެ. މި ކަން ހާމަވެފައި ވަނީ ޔަހޫދީ ދައުލަތުގެ ނޫހެއް ކަމުގައިވާ ހައާރެޓްޒުން ކުރި ތަޙުޤީޤަކުންނެވެ. އެ ނޫހުން ބުނީ، 2023 އޮކްޓޯބަރު 7 އިން ފެށިގެން މި ކެންޕޭނަށް މިލިޔަނުން ޚަރަދު ކޮށްފައިވާ ކަމުގައެވެ.
މީގެ ތެރޭގައި، އެންމެ ބޮޑު ޚަރަދެއްގެ ގޮތުން 52 މިލިޔަން ޑޮލަރު ހޭދަކޮށްފައި ވަނީ 2025 ޖޫންގައި އީރާނަށް ނިރުބަވެރި ޙަމަލާތަކެއް ދިނުމަށް ފަހުއެވެ. މީގެ އިތުރުން، ގޫގްލްއަށް 27 މިލިޔަން ޑޮލަރު، ޔޫޓިޔުބަށް 18 މިލިޔަން ޑޮލަރު، އަދި އެކްސްއަށް 3 މިލިޔަން ޑޮލަރު ޚަރަދު ކޮށްފައިވާއިރު، އައުޓްބްރެއިންއާއި ޓީޑްސް ކިޔާ މަންސަތަކަކަށް އިތުރު 4.2 މިލިޔަން ޑޮލަރު ޚަރަދު ކޮށްފައިވާ ކަން ހައާރެޓްޒްގެ ތަޙުޤީޤަށް ވަނީ ހާމަވެފައެވެ.
ހަވާސް ކިޔާ ޕީއާރް ކުންފުންޏެއްގެ އިތުރުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ރިޔާސީ ކެންޕޭނުގައި ޕީއާރް ކަންކަން ބެލެހެއްޓި ބްރެޑް ޕާސްކޭލްގެ ކުންފުންޏާއެކު 40.5 މިލިޔަން ޑޮލަރުގެ އެއްބަސްވުމެއްގެ ދަށުން ބޮޑެތި އަދަދުތަކުން ޚަރަދު ކޮށްފައިވާ ކަން ވެސް ހައާރެޓްޒްގެ ރިޕޯޓުގައި ހާމަކޮށްފައިވެއެވެ. މީގެ އިތުރުން، ކްރިއޭޓިވް އޭޖެންސީ ޕީރޯއަށް 1 މިލިޔަން ޑޮލަރު، ނަޞާރާދީނުގެ އިވަންޖެލިކަލް މަޛްހަބުގެ މީހުންގެ ތާޢީދު ހޯދުމަށް 3.3 މިލިޔަން ޑޮލަރު، އަދި މީސްމީޑިޔާގެ އިންފްލުއެންސަރުންނަށް ހޭދަކުރުމަށް 150,000 ޑޮލަރު ޚަރަދު ކޮށްފައިވާ ކަމުގައި ހައާރެޓްޒުން ރިޕޯޓުކުރެއެވެ. މީގެ ތެރެއިން 50 މިލިޔަން ޑޮލަރު ޚަރަދު ކޮށްފައި ވަނީ އެމެރިކާގެ ކުންފުނިތަކަށެވެ.
އެމެރިކާގެ ރައްޔިތުންގެ ތާޢީދު ހޯދުމަށް އިތުރު ގޮތްތަކުން ވެސް ޔަހޫދީ ސަރުކާރުން ހީލަތްތެރި މަސައްކަތްތަކެއް ކޮށްފައިވާ ކަމުގައި ހައާރެޓްޒުން ރިޕޯޓުކުރެއެވެ. މި ގޮތުން، ބޭރު ޤައުމުތަކުގައި ދިރިއުޅޭ ޔަހޫދީންނާ ބެހޭ ވުޒާރާ މެދުވެރިކޮށް، 100 އަށްވުރެ ގިނަ ޖަމުޢިއްޔާއާއި އިންފްލުއެންސަރުންނަށް 7.5 މިލިޔަން ޑޮލަރު "ހިލޭ އެހީގެ" ގޮތުގައި ދޫކޮށްފައިވާ ކަމަށާއި، ޔަހޫދީންގެ މޫނުމަތި ރީތިކުރުމަށް ވީޑިއޯތައް ތައްޔާރުކުރުމަށް 6 މިލިޔަން ޑޮލަރު ޚަރަދު ކޮށްފައިވާ ކަން ވަނީ ފަޅާއަރާފައެވެ. މި ހީލަތްތެރި ޖަރީމާ ހިންގުމަށް ޔަހޫދީ ސަރުކާރުން ވަނީ ދައުލަތުގެ ބަޖެޓުގައި ޕްރޮޕެގެންޑާ ހިންގުމަށް ކުރާ ހޭދަ 150 މިލިޔަން ޑޮލަރަށް އިތުރުކޮށްފައެވެ. ނަމަވެސް، މި ޖަރީމާތަކުން އެދެވޭ ނަތީޖާއެއް ނުކުމެފައި ނުވާ ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.
ޕިޔު ރީސަރޗް ސެންޓަރުން ދާދިފަހުން ހެދި ދިރާސާއެއްގެ ނަތީޖާއަށް ބަލައިލާއިރު، އެމެރިކާގެ ރައްޔިތުންގެ ތެރެއިން %60 މީހުން ޔަހޫދީންނާ މެދު ދެކެނީ ނުރަނގަޅު ނަޒަރަކުންނެވެ. މީގެ އިތުރުން، ގެލަޕް ކިޔާ ކުންފުންޏެއްގެ ދިރާސާއެއްގެ ނަތީޖާއިން ފެންނަ ގޮތުގައި، އެމެރިކާ ރައްޔިތުންގެ ތެރެއިން %41 މީހުންނަކީ ފަލަސްޠީނުގެ ރައްޔިތުންނާ މެދު ހަމްދަރުދީވާ ބަޔެކެވެ. އަދި، ޔަހޫދީންނަށް ތާޢީދުކޮށް، ހަމްރަދުރީ ފާޅުކޮށްފައި ވަނީ އެންމެ %36 މީހުންނެވެ. މިއީ، 2001 ވަނަ އަހަރަށް ފަހު، އެމެރިކާ ރައްޔިތުންގެ މެދުގައި ޔަހޫދީންނާ މެދު ދެކޭ ގޮތް ބަދަލުވެފައިވާ ފުރަތަމަ ފަހަރު ކަން މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރެއެވެ.
ޔަހޫދީންނާ މެދު ނުރަނގަޅު ވިސްނުމަކުން ވިސްނަނީ އެމެރިކާގެ ޒުވާނުންގެ ތެރެއިން ކޮންޒަރވެޓިވް ވިސްނުން ގެންގުޅޭ މީހުންނެވެ. އެ މީހުންގެ ތާޢީދު ހޯދުމަށް ޔަހޫދީ ސަރުކާރުން ވަނީ 40 މިލިޔަން ޑޮލަރު ޚަރަދުކޮށްފައެވެ. ޔަހޫދީންނަށް އޮތް ތާޢީދު ފަނޑުވަމުންދާ ކަން އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސް ވެސް ދާދިފަހުން ވަނީ ހާމަކުރައްވާފައެވެ. 'ދި ޖޯ ރޯގަން އެކްސްޕީރިއެންސް' ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުން ވޭންސް ވިދާޅުވީ، އެމެރިކާގެ ޢާންމުންގެ ތާޢީދު ހޯދުމަށް ޔަހޫދީން ކުރަމުންދާ މަސައްކަތްތަކުގައި ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފައިވާ ކަން އޭނާ ވެސް ޤަބޫލު ކުރައްވާ ކަމުގައެވެ.