ޚަބަރު

ޙައްޖަށް ގެންދަން އިތުރަށް ފައިސާ ނެގި މައްސަލަ ބައްލަވަނީ


ޙައްޖަށް މީހުންގެ ގެންދިޔުމުގެ ހުއްދަ ދެއްވައިފައިވާ ކުންފުނިތަކުން ކަނޑައެޅިފައިވާ އަގަށްވުރެ އިތުރަށް ފައިސާ ނަގާނަމަ އެ ކުންފުންޏަކާމެދު ފިޔަވަޅު އަޅުއްވާނެކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްއިން ވިދާޅުވެއްޖެއެވެ.

އިސްލާމިކް މިނިސްޓްރީން މިހެން ވިދާޅުވީ އިސްލާމިކް މިނިސްޓްރީން ހުއްދަ ދެއްވައިފައިވާ އަގަށްވުރެ އިތުރަށް ފައިސާ ނަގަމުންދާ މައްސަލައެއް މިފަހުން ފެންމަތިވުމާ ގުޅިގެންނެވެ. އެގޮތުން ޙައްޖު ގްރޫޕަކުން އަގުތައް ދެގުނައަށް ބޮޑުކޮށް، މީހަކަށް 150000 ރުފިޔާ ނަގަމުންދިޔަ މައްސަލައެއް ވަނީ ފެންމަތިވެފައެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ މި އަހަރު ރާއްޖެއިން މީހުން ޙައްޖަށް ގެންދަން ހުއްދަ ދެއްވައިފައިވާ ބައެއް ކުންފުނިތަކުން ކަނޑައަޅާފައިވާ އަގަށްވުރެ އިތުރަށް، މިނިސްޓްރީގެ އުޞޫލާ ޚިލާފަށް ފައިސާ ނަގަމުންދާ ކަމުގެ ޝަކުވާ ލިބިވަޑައިގެންފައިވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން ބައްލަވަންޖެހޭ ކަންކަން ބައްލަވަމުން ގެންދަވާކަމަށާއި، އެކަން ބެއްލެވުމަށްފަހު އުސޫލާ ޚިލާފަށް ޢަމަލުކުރާ ފަރާތްތަކާމެދު ފިޔަވަޅު އަޅުއްވާނެކަމަށްވެސް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.

ޙައްޖަށް މީހުން ގެންދިޔުމަށް އިތުރަށް ފައިސާ ނަގާ މައްސަލައަކީ މީގެ ކުރިންވެސް ފެންމަތިވާ މައްސަލައެކެވެ. މިފަދަ މައްސަލަތައް ޙައްލުކުރެއްވުމަށް އިސްލާމިކް މިނިސްޓްރީން ވަނީ ޙައްޖާއި އުމްރާއާބެހޭ ޤާނޫނެއް އެކުލަވާލައްވަން ނިންމަވައި ރައީސް އޮފީހަށް ފޮނުއްވައިފައެވެ.

މި އަހަރު ރާއްޖެއިން މީހުން ޙައްޖަށް ގެންދަން، ޙައްޖު ކޯޕުރޭޝަނުގެ އިތުރުން، 3 ކުންފުންޏަކަށް މިނިސްޓްރީން ވަނީ ހުއްދަ ދެއްވައިފައެވެ.

ޙައްޖަށް ގެންދިޔުމުގެ ހުއްދަ ދޫކޮށްފައިވާ ކުންފުނިތައް

އަލްޙަރަމައިން (75،465 ރުފިޔާ)
ސިސިލްފަރު (75،250 ރުފިޔާ)
އަލްމަނާސިކް (75،000 ރުފިޔާ)
ޙައްޖު ކޯޕަރޭޝަން ( 69965 ރުފިޔާ)

ޙައްޖަށް މީހުން ގެންދަން ހުއްދަ ދެއްވައިފައިވާ 3 ޖަމާޢަތަކަށްވެސް މިނިސްޓްރީން ހުއްދަދެއްވައިިފައިވަނީ 76000 ރުފިޔާއަށްވުރެ ބޮޑުނުވާ އަގެއްގައެވެ. އެއިން ކޮންމެ ޖަމާޢަތަކަށް ދީފައިވަނީ 90 ކޯޓާއެވެ. ރާއްޖެއަށް ލިބުނު 1000 ކޯޓާގެ ބާކީ ދޫކުރީ ޙައްޖު ކޯޕަރޭޝަނަށެވެ.