ކުޅިވަރު

ޗެމްޕިއަން ޓީމަށް 50،000ރ ލިބޭ ފުޓްސަލް މުބާރާތެއް ބ. އަތޮޅުގައި ބާއްވަނީ


ބ. އަތޮޅު ކައުންސިލުން އިސްނަގައިގެން އެ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން "ބެޓަރ އިން ބާ" ގެ ނަމުގައި ފުޓްސަލް މުބާރާތެއް ބާއްވަން ނިންމައިފިއެވެ.

ބަ.އަތޮޅުގެ ކޮންމެ ރަށަކުން އަންހެން އަދި ފިރިހެނުންނަށްވެސް ބައިވެރިވެވޭގޮތަށް ބާއްވާ މި މުބާރާތް އޮންނާނީ މިމަހުގެ 12 އިން މިމަހުގެ 22 ނިޔަލަށެވެ.

އަންހެން ފިރިހެން ޗެމްޕިއަން ޓީމަށް 50،000 ރުފިޔާ، ރަނައަޕް ޓީމަށް 25،000 ރުފިޔާ، ދޭ މި މުބާރާތުގައި އެ އަތޮޅުގައި މީހުން ދިރިއުޅޭ 13 ރަށުގެ ތެރެއިން ބައިވެރިވަނީ 10 ރަށަކުންނެވެ. އެއީ އޭދަފުށި، މާޅޮސް، ދަރަވަންދޫ، ދޮންފަނު، ކިހާދޫ، ކަމަދޫ، ކެންދޫ، ހިތާދޫ، ގޮއިދޫގެ އިތުރުން ފެހެންދޫއެވެ.

އެ 10 ރަށުގެ ތެރެއިން އަންހެން އަދި ފިރިހެން ޓީމްތައް ބައިވެރިކުރަނީ 6 ރަށަކުންނެވެ. އެއީ އޭދަފުށި، ކިހާދޫ، ގޮއިދޫ، ހިތާދޫ، މާޅޮހުގެ އިތުރުން ދަރަވަންދޫ އެވެ. ހަމައެކަނި އަންހެން ޓީމު ވާދަކުރަނީ ކެންދޫއާއި ދޮންފަނުންނެވެ.. ފެހެންދޫ އާއި ކަމަދޫން ބައިވެރިވަނީ ފިރިހެން ޓީމެވެ.

ދެ ގްރޫޕަކަށް ބަހާލައިގެން ކޮންމެ ގްރޫޕަކުން އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމު ސެމީއަށް ދަތުރުކުކުރާ ގޮތައް ރާވާފައިވާ، މި މުބާރާތުގެ ގުރުއަތުނެގުން އޮންނާނީ އަންނަ ހޮނިހިރު ދުވަހުއެވެ. ބ.އަތޮޅުގެ ކައުންސިލުން އިންތިޒާމްކޮށްގެން އަލަށް ބާއްވާ މި މުބާރާތަކީ މިހާތަނަށް އެ އަތޮޅުގައި ބާއްވާ އެންމެ އަގު ބޮޑު ފުޓްސެލް މުބާރާތެވެ.

މި މުބާރާތް ބޭއްވުމުގެ އެންމެ ބޮޑު ބޭނުމަކީ އަތޮޅުގައި ފުޓްސަލްގެ ފޯރި އިތުރުކޮށް، ގައުމީ ފެންވަރުގެ ކުޅުންތެރިން އުފެއްދުމާ، ކުޅިވަރުގެ ރޫޙު އާލާކޮށް ރަށްރަށުގެ ރައްޔިތުންނާ އޮންނަ ގުޅުން ބަދަހި ކުރުމެވެ.

ބ.އަތޮޅަކީ ފުޓުސަލްގައި ފާހަގަކޮށްލެވޭ އަތޮޅެކެވެ. އެގޮތުން މިދިޔަ އަހަރު އެކުލަވާލި ފުޓްސެލް ގައުމީ ޓީމުގައިވެސް ބ.އަތޮޅުގެ ތިން ކުޅުންތެރިން ވަނީ ހިމެނިފައެވެ. އެއީ ހިތާދޫ ހުޒެއިފަތު ރަޝީދު، އޭދަފުށީ ގޯލްކީޕަރު އަބްދުﷲ ނާސިޙްގެ އިތުރުން އިސާން އިބްރާޙިމް، ސައްޓުއެވެ.

މި މުބާރާތުންވެސް މިފަދަ އިތުރު ކުޅުންތެރިން ތަކެއް ނެރުމަކީ އަތޮޅު ކައުންސިލްގެ އެންމެ ބޮޑު އަމާޒުކަމަށް ކައުންސިލުން ބުންޏެވެ.