ޚަބަރު

އަމީނީ މަގުގެ އިތުރު 4 ސެގްމަންޓްގައި މިމަހު ތާރު އަޅާ ނިންމަނީ


އަމީނީ މަގު ބިލަބޮންގް ސްކޫލާ ހަމައަށް ތާރު އެޅުމުގެ މަސައްކަތް މިމަހުގެ ނިޔަލަށް ނިންމަވާނެ ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރްޑީސީގެ މެނޭޖިން ޑިރެކްޓަރ މޫސާ އަލީ މަނިކު ވިދާޅުވެއްޖެއެވެ.

އަމީނީ މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރަން ފެށީ މިދިޔަ އަހަރުގެ އޮގަސްޓްމަހުއެވެ. މިހާތަނަށް އައިއިރު މަސައްކަތް މުޅިން ނިންމާލެވިފައިވަނީ، މަގުގެ 13 ސެގްމަންޓްގެ ތެރެއިން ފުރަތަމަ 3 ސެގްމަންޓްގައެެވެ.

މިވަގުތު އިތުރު 4 ސެގްމަންޓެއްގެ މަސައްކަތް އާރްޑީސީން އަންނަނީ ކުރަމުންނެވެ. އެއީ ސްޓެލްކޯއާއި ހަމައިން ފެށިގެން ބިލަބޮންގް ސްކޫލާ ހަމައަށް އޮތް ސަރަޙައްދުގެ މަސައްކަތެވެ.

މީގެތެރެއިން ސެގްމަންޓް 4ގައި ތާރު އެޅުން ފިޔަވާ ހުރިހާ މަސައްކަތެއް ނިމިފައިވާ ކަމަށް އާރްޑީސީން ވިދާޅުވެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އާރްޑީސީގެ މެނޭޖިން ޑިރެކްޓަރ މޫސާ އަލީ މަނިކު ވިދާޅުވީ މިހާރު މަސައްކަތް ކުރިއަށްދާ ސެގްމަންޓްތަކުގައި، މަގު ރޫޅާލާ ފެނާއި ނަރުދަމާގެ ހޮޅިތައް ރަނގަޅުކުރަމުން އަންނަ ކަމަށެވެ. އަދި ދުވާރުގެ މަސައްކަތާއި، ފެން ހިންދާ ނިޒާމާއި ކޭބަލްޓްރޭ ވަޅުމުގެ މަސައްކަތްތައްވެސް ކުރަމުން އަންނަ ކަމަށް ވިދާޅުވިއެެވެ.

މޫސާ އަލީ މަނިކު ވިދާޅުވީ ގިނަ ސެގްމަންޓްތަކެއްގެ މަސައްކަތް އެއްފަހަރާ ކުރަމުން އަންނާތީ، މަސައްކަތްތައް ވަރަށް ބާރަށް ކުރިއަށްދާކަމަށެވެ. އަދި މިގޮތަށް މަސައްކަތްތައް ދާނަމަ މިމަހުގެ ތެރޭގައި މިހާރު މަސައްކަތް ކުރިއަށްދާ 4 ސެގްމަންޓްގައި ތާރު އަޅާނެކަމަށެވެ.

"މިމަހުގެ 16އާއި ހަމައަށް ތާރުގެ މަސައްކަތް ފިޔަވާ އެހެން ހުރިހާ މަސައްކަތްތައް ނިމޭނެ. ތާރުއަޅަން ފެށުމަށް ބޭނުންވާ މެޝިންތައް އިންސްޓޯލްކުރުން ހުޅުމާލެ ސައިޓްގައި ދަނީ ކުރިއަށް. ގަސްތުކުރަނީ އަމީނީ މަގު ބިލަބޮންގް ސްކޫލާ ހަމައަށް މިމަސް ނިމުމުގެ ކުރިން ތާރު އަޅާ ބޭނުންކުރަން ފެށޭނެކަމަށް." މޫސާ އަލީ މަނިކު ވިދާޅުވިއެވެ.

އާރްޑީސީގެ މެނޭޖިން ޑިރެކްޓަރ މޫސާ އަލީ މަނިކު ވިދާޅުވީ، މަގުގެ ބާކީ 6 ސެގްމަންޓްގެ މަސައްކަތް ގެންދާނީ 3 ބަޔަކަށް ބަހާލައިގެންކަމަށެވެ.

"ދެން އަޅުގަނޑުމެން ރޫޅާލާނީ ސްޓޭޑިއަމާ ހަމައަށް. އޭގެ ފަހުގެ ޕްލޭނިން މިނިސްޓްރީއާއި ހަމައަށް. ދެން މުޅި މަގުގެ ބާކީ ބައި ގެންދާނީ. އޭރުން މަސްދުވަހުން މަގުގެ އަޑީގެ މަސައްކަތްތައް ނިންމޭނެ. މިހާރު ޕްލޭންކޮށްގެން މިތިބީ މުޅި މަޝްރޫޢު އޮގަސްޓްގެ ނިޔަލަށް ނިންމުމަށް." މޫސާ އަލީ މަނިކު ވިދާޅުވިއެވެ.

އަމީނީ މަގުގެ މަސައްކަތުގައި އެންމެ ބޮޑު ގޮންޖެހުމަކަށްވީ މަގުގައި ހުރި ފެނާއި ނަރުދަމާއާއި އަދި މުއާސަލާތީ ނެޓްވޯކްތައް ރަނގަޅުކޮށް މަސައްކަތް ކުރުމަށެވެ. މިއީ މާލޭ، ހުޅުލެ އަދި ހުޅުމާލެއަށްވެސް ޚިދުމަތްދޭ މައި ނެޓްވޯކްތަކެވެ.

އަމީނީމަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މުޅި މަޝްރޫޢުގައި 1.79 ކިލޯމީޓަރުގެ މަގުގެ ސަރަޙައްދު ތަރައްޤީކުރެއެވެ. މި މަސައްކަތް ސަރުކާރުން ރޯޑް ޑިވެލޮޕްމަންޓް ކުންފުންޏާ ހަވާލުކުރައްވާފައިވަނީ 84.4 މިލިޔަން ރުފިޔާއަށެވެ.