ފުރިހަމަ، މިނިވަން ޑިމޮކްރަސީއެއްގައި، ޑިމޮކްރަސީގެ 3 ބާރު އޮވެފައި، އެތިންބާރަށްވެސް ފާރަވެރިވާނޭ 4 ވަނަ ބާރެއް އޮވެއެވެ. އަދި ފުރިހަމަ ޑިމޮކްރަޓިކް ނިޒާމެއް އެކަށީގެންވާ ގޮތެއްގައި ހިނގަމުން ދާނީވެސް، މިއުސޫލުން މުޅި ދައުލަތުގެ މައްޗަށް ފާރަވެރިވާނޭ، 4 ވަނަ ބާރެއް ވުޖޫދުގައި އޮވެގެންވެސްމެއެވެ.
މިގޮތުން ޑިމޮކްރަސީގެ މި 4 ވަނަ ބާރަކީ، ވެރިކަމުގެ ނިޒާމުގެ ތެރޭގައި ގާނޫނީ ގޮތުން ރަސްމީ ހައިސިއްޔަތެއްގައި، ރަސްމީ ބާރެއްގެ ގޮތުގައި ބަލައިގެންފައި އޮންނަ ބާރަކަށް ނުވިޔަސް، އެއީ، ގާނޫނު އަސާސީން ހިމާޔަތާއި ރައްކާތެރިކަން ފުރިހަމަޔަށް ލިބިދީފައި އޮތް ނޫސްވެރިކަމުގެ މިނިވަންކަމެވެ.
2008 ވަނަ އަހަރު ދިވެހިން ބަލައިގެންފަ އޮތް "ފެހި ގާނޫނު އަސާސީ" އިން އަސާސީ ހައްގުތަކަށް ވަކި ޚާއްސަ ބާބެއް ކަޑައަޅާ، އެގާނޫނު އަސާސީގެ 2 ވަނަ ބާބުގެ 28ވަނަ މާއްދާއަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް، ފުރިހަމަ ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދޭނޭ މާއްދާއެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ، މިނިވަން ޑިމޮކްރަސީއެއްގައި ނޫސްވެރިންނާއި ނޫސްވެރިކަން އަދާ ކުރަންޖެހޭ ދައުރުގެ މުހިންމުކަން ބޮޑު ކަމުންނެވެ.
ގާނޫނު އަސާސީގެ އަސާސީ ހައްގުތަކާބެހޭ ބާބު (ދެވަނަ ބާބު)ގެ 28 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ ނޫސްވެރިކަން ކުރުމާއި، މުއާސަލާތީ ވަސީލަތްތައް ބޭނުންކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވާކަމަށެވެ. މީގެތެރޭގައި ޚަބަރާއި، މަޢުލޫމާތާއި، ފެންނަ ގޮތާއި، ޚިޔާލުތައް ފާޅުކުރުމާއި، ޝާއިޢު ކުރުމާއި، ފެތުރުމުގެ މިނިވަންކަން ހިމެނޭކަމަށެވެ. މިގޮތުން ޝާޢިއުކުރާ ނުވަތަ ފަތުރާ ނުވަތަ ފާޅުކުރާ މަޢުލޫމާތެއްގެ މަޞްދަރު ހާމަކުރުމަށް އެއްވެސް މީހަކަށް މަޖުބޫރުކޮށްގެނެއް ނުވާނެކަމަށެވެ.
އާގާނޫނު އަސާސީ ތަސްދީގުކުރެވުމަށްފަހު، ފާއިތުވެދިޔަ 13 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި، ދިވެހިރާއްޖެ ދެކެފައިވާ ސިޔާސީ އެތަކެއް ހަލަބޮލިކަމެއްގެ ތެރެއިންވެސް، ގާނޫނޫ އަސާސީން ލިބިދީފައި އޮތް އިސްވެ ދެންނެވުނު ނޫސްވެރިކަމުގެ މިނިވަންކަން މަރާނުލެވި، ބޮޑެތި ގޮންޖެހުންތަކާއެކުވެސް، ނޫސްވެރިކަން މިހާތަނަށް ވާސިލްވެގެން އައިސްފައި ވަނީ ގިނަ ހިތްވަރާއިއެކުގައެވެ.
2012 ވަނަ އަހަރު ވެރިކަން ބަދަލުވެ ދިއުމަށްފަހު ނޫސްވެރިކަމަށް ކުރިމަތިވެދިޔަ ބޮޑެތި ގޮންޖެހުންތަކާއި، ނިމިދިޔަ ވެރިކަމުގެ ދައުރުގައި، އަބުރުގެ ގާނޫނެއް ފާސްކޮށް، އެ ގާނޫނުގެ ޒަރީއާއިންނާއި އަދި އެނޫންވެސް ގޮތްގޮތުން ނޫސްވެރިކަމަށް ކުރިމަތިވެގެން ދިޔަ ބޮޑެތި ގޮންޖެހުންތަކާއެކުވެސް، ދިވެހި ނޫސްވެރިކަމަށް އިރެއް ނުއޮއްސުނެވެ. ރާއްޖޭގެ ބޮޑެތި ބައެއް ނޫސް އިދާރާތައް ބަންދު ކުރުމާއި، ރޯކޮށްލުމާއި، ނޫސްވެރިންނަށް އެކިވަރުގެ އަނިޔާތައް ލިބި އެކަންކަންވެސް ނޫސްވެރިން ވަނީ ތަޖުރިބާކޮށްފައެވެ.
މިގޮންޖެހުންތަކާއިއެކުވެސް ހާމަކުރަންޖެހޭ ކަންކަން ހާމަކޮށް، ތިލަކުރަންޖެހޭ ކަންކަން ތިލަކޮށް ނޫސްވެރިންގެ ޒިންމާ އަދާކުރުމުގައި ވަނީ ނަމޫނާ ދައްކާފައެވެ. ބައިނަލްއަޤުވާމީ ނޫސްވެރިކަމުގެ ދުވަސް ފާހަގަކުރަމުންދާއިރު، ޑިމޮކްރަސީއަށް ރާއްޖެ ފުރޮޅުނު ފަހުން ނޫސްވެރިން ދެކެމުން މިދާ ވެރިކަމުގެ ދައުރަކީ ނޫސްވެރިކަމުގެ މިނިވަންކަން އެންމެބޮޑަށް އޮތް ދައުރެވެ. ލިޔާ އެއްޗަކުން، ކުރާ ސުވާލަކުން، އަދި ހާމަކުރާ މައުލޫމާތަކުން އެނޫސްވެރިއަކާއިމެދު ފިޔަވަޅު އަޅައި، ސްޓޭޝަންތަކަށް ބޮޑެތި ގެއްލުންދީ ނޫސްވެރިންގެ ޒިންމާ އަދާކުރުމަށް ހުރަސްއަޅާފައިނުވެއެވެ.
މިއަދު ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަމާއެކު ނޫސްވެރިކަން ރަނގަޅު ހަރުފަތަކަށް ގެންދިއުމުގައި ގޮންޖެހުންތަކެއްވެސް އެބަހުއްޓެވެ. އެކަން އެންމެބޮޑަށް ހިއްސާކުރެއްވީ މޯލްޑިވިސް މީޑިއާ ކައުންސިލުންގެ ރައީސް އަހުމަދު މުސްތަފާއެވެ. މުސްތަފާ ވިދާޅުވީ މިހާތަނަށް އައިރު ކައުންސިލުން މަސައްކަތް ކުރަމުންދަނީ އެއްވެސް ނުފޫޒެއްނެތި މިނިވަންކަމާއެކު ނޫސްވެރިންގެ ހައްގުތައް ކަށަވަރު ކުރުމަށްޓަކައި ކަމަށެވެ. އަދި ނޫސްވެރިކަމުގެ މިނިވަންކަން ކިތަންމެ ބޮޑަށް އޮތް ނަމަވެސް އެއްވެސް މީހެއްގެ އަބުރަށް އަރައިގަނެ، މީޑިއާގެ އަޚުލާގީ މިންގަނޑުތަކުން ބޭރުވުމަކީ ނޫސްވެރިން ކޮށްގެެންވާނެ ކަމެއް ނޫންކަމަށް މީޑިއާ ކައުންސިލް ރައީސް ވިދާޅުވިއެވެ.
"ނޫސްވެރިންގެ އަޚުލާގީ މިންގަނޑު ހިފެހެއްޓުމަށް އެބޭފުޅުން ޢަމަލުކުރާހާ ހިނދެއްގަ އޭގެ ތެރެއަކަށް އަޅުގަނޑުމެން ނުވަންނާނަން. ކޯޑްއޮފް އެތިކްސްއެއް އެބައޮތް. ކޯޑްއޮފް އެތިކްސް އާއި ޚިލާފް ވެއްޖެ ކަމުގައިވާނަމަ އެއޮންނަ އުސޫލެއްގެ ތެރެއިން އަޅުގަނޑުމެން މައްސަލަ ބަލާނަން. އަޅުގަނޑު ގަބޫލުކުރަނީ ނޫސްވެރިކަމަކީ އެހެންބައެއްގެ އަބުރު ކަތިލަންޖެހޭ ކަމެއް ނޫނޭ. ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ޚަބަރުތައް ގެނެސް ދިނުމުގައި އަޅުގަނޑު މީޑިއާތަކަށް އިލްތިމާސް ކުރަނީ ޚަބަރުތައް ގެނެސް ދިނުމުގަ ތެދު މައުލޫމާތު ރައްޔިތުންނާއި ހަމައަށް ފޯރުކޮށް ދިނުމަށް." މުސްތަފާ ވިދާޅުވިއެވެ.
މުސްތަފާ ވިދާޅުވީ މިދާއިރާގައި އޮތް ގޮންޖެހުމަކީ ނޫސްވެރިންގެ ގޮތުގައި އެކި މީޑިއާތަކުގައި ހަރަކާތްތެރިވާ ނޫސްވެރިން މަދުވުންކަމަށެވެ. މިކަމަށް ހައްލެއް ގެނައުމަށް ސްކޫލުތަކުގައި ޚާއްސަ ޕްރޮގްރާމުތަކެއް ހިންގައި ނޫސްވެރިކަމުގެ ދާއިރާއަށް ޝައުގު އުފެއްދުމަށް ތަމްރީން ޕްރޮގްރާމު ހިންގަމުންދާކަމަށެވެ. މީގެ ތެރެއިން މާލެ ސަރަހައްދުގައި ހިންގި ޕްރޮގުރާމުތަކުން މިހާތަނަށް 70 ދަރިވަރަކު ތަމްރީން ކޮށްފައިވާކަމަށެވެ. އަދި ކުރިއަށް އޮތް ޖޫން ޖުލައިގައި ހއ.އަދި ހދ. އަތޮޅުގައި ތަމްރީން ޕްރޮގުރާމުތައް ހިންގުމަށް ހަމަޖެހިފައިވާކަމަށެވެ.
މިއަދު ދުނިޔެ މިވަނީ ފުޅާދާއިރާއެއްގައި ހުޅުވާލެވިފައެވެ. ޚަބަރާއި މަޢުލޫމާތު ފޯރުވުމުގައި ހުރަހެއް ނެތެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގާ ކަންކަމުގެ ތާޒާ ޚަބަރާއި މަޢުލޫމާތު މީސް މީޑިއާއާއި ޚަބަރުފަތުރާ ތަފާތު ވަޞީލަތްތަކުގެ ޒަރިއްޔާއިން ކުޑަކުޑަ ހިނދުކޮޅެއްގެ ތެރޭގައި އަޅުގަނޑުމެންނާ ހަމައަށް ފޯރައެވެ.
ނޫސްވެރިންނަށް ލިބުނު ފުރިހަމަ މިނިވަންކަން މިއަދު ރާއްޖޭގެ ނޫސްތަކާއި ޓީވީ ސްޓޭޝަންތަކާއި އޮންލައިންތައް ބަލާލުމުން ފެންނަ އެބައޮތެވެ. ނޫސްވެރިން އެމީހުންނަށް ފެންނަ ކޮންމެކަމެއް ރިޕޯޓްކުރަނީއެވެ. ސަރުކާރަށް ފާޑުކިޔުންކަމުގައި ވިޔަސް ނުވަތަ ސަރުކާރުގެ ތެރޭގައި ހުރި މައްސަލައެއް އާއްމުންނަށް ތިލަކޮށް އެވާހަކަތައް ވެސް ދައްކަނީއެވެ. ނޫސްވެރިން މިގޮތަށް ތިލަކުރާ ވާހަކަތަކުން ނޫސްވެރިޔާ ހައްޔަރުކުރުމުގެ ބަދަލުގައި މިއަދު ސަރުކާރުގެ އަމާޒަކީ އެ މައްސަލައެއް ބަލާ ފިޔަވަޅު އަޅަންޖެހޭ މީހުންނާއި މެދު ފިޔަވަޅުއެޅުމެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހް ވެރިކަމާ ޙަވާލުވެވަޑައިގެން އެޅުއްވި ފިޔަވަޅުތަކާއެކު ނޫސްވެރިކަމުގެ މިނިވަންކަމުގައި ރާއްޖެ އަންނަނީ ކުރިއެރުންތަކެއް ހޯދަމުންނެވެ. އެކަން ފެނިގެން ދަނީ މިސަރުކާރު ވެރިކަމާ ޙަވާލުވީ ފަހުން ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސްގައި ކޮންމެ އަހަރުވެސް ރާއްޖެއިން ހޯދަމުން އަންނަ ކުރިއެރުންތަކުންނެވެ.