ޖަލުގައި ތިބި ޤައިދީންގެ ތެރެއިން މިހާތަނަށް އެންމެ ގިނަ ޚިދުމަތްދެވުނު އެއްބޭފުޅަކީ ވ. އާރަށުގެ މައްސަލައިގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންދާ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ކަމަށް ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ޢިމްރާން މިހެން ވިދާޅުވީ ރައީސް ޔާމީން ހުންނެވި ކޮޓަރީގައި ކެމެރާ ހަރުކޮށް މިނިސްޓަރ ޢިމްރާން މޮނީޓަރ ކުރައްވާކަމަށް އިދިކޮޅު ފަރާތްތަކުން ކުރެއްވި ތުހުމަތުތަކާ ގުޅިންނެވެ. އަދި ރައީސް ޔާމީންގެ ސަލާމަތާ ގުޅޭގޮތުންވެސް އިދިކޮޅު ފަރާތްތަކުން ވަނީ ސުވާލު އުފައްދަވާފައެވެ.
އިދިކޮޅު ފަރާތްތަކުން ދެއްކެވި ވާހަކަތަކާ ގުޅިގެން މިނިސްޓަރ ޢިމްރާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ޔާމީންނަކީ ޖަލުގައި ތިބި ޤައިދީގެން ތެރެއިން މިހާތަނަށް އެންމެ ގިނަ ޚިދުމަތްތަކެއް ދެވެމުންދާ އެއްބޭފުޅާ ކަމަށެވެ. ދެފަހަރެއްގެ މަތީން ޖަލުގައި ޙުކުމް ތަންފީޒު ކުރައްވަމުންދާއިރު، ރައީސް ޔާމީންގެ ސަލާމަތާއި ރައްކާތެރިކަމަށް ގިނަ ޚިދުމަތްތަކެއް ކަރެކްޝަންގެ އޮފިސަރުން ދެއްވާފައިވާކަމަށް މިނިސްޓަރ ޢިމްރާން ވިދާޅުވިއެވެ.
އަދި ހޯމް މިނިސްޓަރުގެ ޙައިސިއްޔަތުން ވެސް، ޢާންމު ފަރުދެއްގެ ހައިސިއްޔަތުންވެސް ރައީސް ޔާމީންގެ އިންސާނީ ހައްޤަށް އުނިކަން އަންނާނެއެއްވެސް ކަމެއް ކުރުމަކީ ޟަމީރުވެސް ޤަބޫލުކުރައްވާ ކަމެއް ނޫންކަމަށް މިނިސްޓަރ ޢިމްރާން ވިދާޅުވިއެވެ.
"ރައީސް ޔާމީންގެ އިންސާނީ ހައްގާއި، ކަރާމަތަށް އުނިކަމެއް ލިބޭނެ އެއްވެސް ކަމެއް ކުރުމަކީ އަޅުގަނޑުމެން ޟަމީރު ތަންދޭ ކަމެއް ނޫން. ޖަލުގައި މިހާތަނަށް އެންމެ ގިނަ ޚިދުމަތް ދެވުނު ޤައިދީއަކަށްވާނީ ރައީސް ޔާމީންކަން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އޮފިސަރުންނަށް އެނގިވަޑައިގަންނަވާނެ." މިނިސްޓަރ އިމްރާން ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.
ވ. އާރަށުގެ މައްސަލައިގައި ދައުލަތުން ރައީސް ޔާމީންގެ މައްޗަށް އުފުއްލެވި ދެ ދަޢުވާއެއް ސާބިތުވުމާ ގުޅިގެން އެމަނިކުފާނުގެ މައްޗަށް 11 އަހަރުގެ ޖަލު ޙުކުމެއް މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ އިއްވަވައިފައެވެ. އަދި އެމަނިކުފާނު މިވަގުތު ހުންނެވީ ޙުކުމް ތަންފީޒުކުރެއްވުމަށް ކ.މާފުށީ ޖަލުގައެވެ.