އިނގިރޭސިވިލާތުގެ ބާރުގެ ދަށުގައި، ރާއްޖޭގެ ދެކުނުން އޮންނަ އޮތް ޗާގޯސް އައިލެންޑްގެ މައްސަލާގައި، އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން ނިންމާފައިވާ ނިންމުންޤާނޫނީ ހަމަތަކުގެ މަތީން އެހެން ނަތީޖާއެއް ނިކުމެދާނެކަމަށް ޤަބޫލުފުޅު ނުކުރައްވާ ކަމުގައި ކުރީގެ ފޮރިން މިނިސްޓަރ ޑރ.އަހުމަދު ޝަހީދު ވިދާޅުވެއްޖެއެވެ.
ރާއްޖެ އާއި މޮރީޝަސް ކަނޑުގެ ސަރަޙައްދު ފުށުއަރާ 95،563 އަކަކިލޯ މީޓަރުގެ ސަރަޙައްދުގެ ތެރެއިން އިޓްލޮސްގެ ނިންމުމާ ގުޅިގެން ރާއްޖެއަށް 47،232 އަކަކިލޯމީޓާރު ސަރަޙައްދެއް ލިބެއެވެ. މޮރީޝަސްއަށް ލިބެނީ 45،331 އަކަކިލޯމީޓަރުގެ ސަރަޙައްދެކެވެ. ޓްރައިބިއުނަލުން މިގޮތަށް ނިންމާފައިވަނީ ރާއްޖެއިން ހުށައެޅިގޮތަށެވެ.
މި މައްސަލާގައި ސަރުކާރުން ޢަމަލުކުރައްވާފައިވާ ގޮތާއި، ރައީސުލްޖުމްހޫރިއްޔާ މޮރިޝަސްގެ ބޮޑު ވަޒީރަށް ފޮނުވި ސިޓީއާ ގުޅޭގޮތުން ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއި، އިދިކޮޅު ފަރާތްތަކުން ދަނީ ސުވާލު އުފައްދަވަމުންނެވެ.
މި ވާހަކަތަކަށް އިޝާރާތް ކުރައްވައި، ކުރީގެ ފޮރިން މިނިސްޓަރ ޑރ.ޝަހީދު ވިދާޅުވީ ރާއްޖެއާއި މޮރީޝަސްގެ އިމުގެ މައްސަލާގައި އިޓްލޮސްއިން ނިންމި ނިންމުމުން، ދެން އެހެން ނަތީޖާއެއް އައުމަކީ ޤާނޫނީ ގޮތުން ހުރި ކަންކަމަށް ބަލާއިރު ވުމަށްވުރެ ނުވުން ގާތްކަމެއް ކަމަށެވެ. ނަމަވެސް އުފައްދަމުންދާ ސުވާލުތަކަށް، ވަކިން ޚާއްޞަކޮށް ރައީސުލްޖުމްހޫރިއްޔާ މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުވި ސިޓީފުޅާ ގުޅޭގޮތުން ސަރުކާރުން ޞައްޙަ މަޢުލޫމާތު ފޯރުކޮށްދެއްވުމަކީ މުހިންމު ކަމެއްކަމުގައި ޑރ.ޝަހީދު ވިދާޅުވިއެވެ.
ޑރ.ޝަހީދު ވަނީ މިމައްސަލާގައި އިޓްލޮސްގައި ދިވެހި ސަރުކާރުން ޚާއްސަކޮށް ބަންޑާރަ ނާއިބް އިބްރާހީމް ރިފްޢަތު ކުރައްވާފައިވާ މަސައްކަތަށް ތަޢުރީފް ކުރައްވާފައެވެ.
Not really—I don’t believe a better outcome was possible. I think the job done by @ibriffath & his team is excellent. The reason for public agitation is that letters exchanged on the changed position on the UN vote have not been made public. This is a failure of gov comms policy.
— Ahmed Shaheed (@ahmedshaheed) May 1, 2023
އިޓްލޮސްގައި ރާއްޖޭގެ އިމުގެ މައްސަލަ ނިމިގެންދިޔަ ގޮތާއި ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިއީ ރާއްޖެއަށާއި، ރައްޔިތުންނަށް އަދި ސަރުކާރަށް ލިބުނު ބޮޑު ކާމިޔާބީއެއްގެ ގޮތުގައެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ ބަންޑާރަ ނާއިބާއި، އެމަނިކުފާނުގެ ޤާނޫނީ ޓީމުން ވަރަށް ރަނގަޅު މަސައްކަތްތަކެއް ކުރެއްވިކަމަށް ވެސް ވިދާޅުވެފައެވެ. އަދި އެ ޤާނޫނީ ޓީމުން މަސައްކަތްކުރެއްވީ ވަޒީރުންގެ މަޖިލީހުގެ މަޝްވަރާ އާއި، ލަފާދެއްވި ގޮތަށްކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ އިން ކަނޑައެޅިގެން ދިޔައީ ރާއްޖޭގެ އެއްވެސް ސަރަޙައްދެއް އުނި ނުވެކަމަށެވެ.