ވިޔަފާރި

އެންމެ ބޮޑު ސްޓޭންޑާއެކު އޭޓީއެމް ފެއަރގައި ރާއްޖެ އިޝްތިހާރުކުރަނީ


މެދުއިރުމަތީގެ އެންމެ ބޮޑު ޓޫރިޒަމް ފެއާ، އަރަބިއަން ޓްރެވަލް މާކެޓް (އޭޓީއެމް) ގައި ބޮޑު ވަފުދަކާއިއެކު އެމްއެމްޕީއާރުސީން ބައިވެރިވެއްޖެއެވެ. މެދުއިރުމަތީގައި ރާއްޖެ އިޝްތިހާރުކުރުމަށް މި ފެއަރގައި އެމްއެމްޕީއާރުސީން ބައިވެރިވާތާ ގިނަ އަހަރުތަކެއް ވަނީ ވެފައެވެ.

އޭޓީއެމް ފެއަރ ކުރިއަށްދާނީ ދުބާއީ ވޯލްޑް ޓްރޭޑް ސެންޓަރުގައި މިމަހުގެ 1 އިން 4 ގެ ނިޔަލަށެވެ. މި ފެއަރގައި އެންމެ ބޮޑު ސްޓޭންޑެއް ބަހައްޓާފައި ވަނީވެސް ރާއްޖެއިންނެވެ. އެއީ 429 އަކަމީޓަރުގެ ސްޓޭންޑެކެވެ.

އޭޓީއެމް ފެއަރގެ ރާއްޖޭގެ ސްޓޭންޑް ފަރުމާކޮށްފައިވަނީ ދިވެހި ޖަޒީރާ ދިރިއުޅުމާއި ދޮންވެލި ތުނޑިތަކާއި، ކަނޑުއަޑީގެ ރީތިކަމާއި އަދި ކަނޑުގެ ދިރުންތައް އެންމެ ފުރިހަމައަށް ފެއަރއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ފެންނާނެފަދަ ގޮތަކަށެވެ.

ރާއްޖޭގެ ސްޓޭންޑްގައި ވަނީ 360 ފޮޓޯ ބޫތެއް ބަހައްޓާފައެވެ. މިއީ މި ސްޓޭންޑުން ދައްކައިދޭ ރާއްޖޭގެ ހިތްގައިމު މަންޒަރުތައް ސްލޯ މޯޝަންގައި ނަގާލެވޭ ބޫތެކެވެ.

އޭޓީއެމް ފެއަރގައި މިފަހަރު އެމްއެމްޕީއާރުސީއާއިއެކު 90 ކުންފުންޏަކުން 202 ފަރާތުން ވަނީ ބައިވެރިވެފައެވެ. މި ފެއަރގެ ތެރެއިން 'މޯލްޑިވްސް މީޑިއާ މީޓު'ގެ ނަމުގައި ނޫސްވެރިންގެ ބައްދަލުވުމެއް އޮންނާނެއެވެ. މި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ޠައްޔިބު މުޙައްމަދާއި، ރާއްޖެއިން ޔޫއޭއީއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އައިމިނަތު ޝަބީނާ ބައިވެރިވެވަޑައިގަންނަވާނެއެވެ.

މެދުއިރުމައްޗަކީ ރާއްޖޭގެ ފަތުރުވެރިކަމުގައި މުހިއްމު މާކެޓެކެވެ. މެދުއިރުމަތިން މިއަހަރުގެ 3 މަސް ދުވަހު 5،179 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ.