އިންޑިއާ އާއި ރާއްޖެއިން ޤަބޫލުކުރާ އުޞޫލުތަކާއި ހަމަތަކުގެ މަތިން މަސައްކަތް ކޮށްފިނަމަ، ބޭނުންވާ ގިނަ ލަނޑުދަނޑިތަކެއް ޙާޞިލްކުރެވޭނެކަމަށް މިނިސްޓަރ އޮފް ޑިފެންސްގެ މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މާރިޔާ މިހެން ވިދާޅުވީ އިންޑިއާގެ ދިފާޢީ ވަޒީރު ރާޖުނާތު ސިންގެ ޝަރަފުގައި ކުރުނބާ މޯލްޑިވްސްގައި ބޭއްވެވި ރޭގަނޑުގެ ފަރިއްކޮޅުގައި ދެއްވި ބަޔާނުގައެވެ.
އިންޑިއާގެ ދިފާޢީ ވަޒީރު ރާޖުނާތު ސިންގެ ޝަރަފުގައި ކުރުނބާ މޯލްޑިވްސްގައި ބޭއްވެވި ރޭގަނޑުގެ ފަރިއްކޮޅުގައި ދެއްވި ބަޔާނުގައި މާރިޔާ ވިދާޅުވީ އެކަމަނާގެ އެންމެ އިސް ވާޖިބެއްކަމުގައި ދެކެވަޑައިގަންނަވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ނަންފުޅުގަ އާއި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އިންޑިއާގެ ދިފާޢީ ވަޒީރާއި އެމަނިކުފާނުގެ ވަފްދަށް ހޫނު މަރުޙަބާއެއް ވިދާޅުވުންކަމަށެވެ.
"މަނިކުފާނުގެ ޝަރަފުގައި މިރޭ މިހަފްލާ ބޭވުމަކީ އަޅުގަނޑުމެނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. މިއިން ރަމްޒުކޮށްދެނީ ޒަމާނުއްސުރެ ދެ ޤައުމުގެ ދެމެދުގައި އޮންނަ އެކުވެރިކަމާއި ބަދަހިގުޅުން. އަޅުގަނޑުމެން މި މަސައްކަތްކުރަނީ، ކުރިއަށް އޮތް ދެ ދުވަހަށް މަނިކުފާނު ވީހާވެސް ބޮޑަށް އަޅުގަނޑުމެންގެ މި ދެވަނަ އެއްނެތް ފަދަ ރީތި، ޖަޒީރާ ރާއްޖޭގެ ހިތްގައިމުކަން ތަޖުރިބާ ކުރެވޭނެގޮތަށް މަނިކުފާނުގެ ޕްރޮގްރާމް ބައްޓަން ކުރަން" މާރިޔާ ވިދާޅުވިއެވެ.
މާރިޔާ ވިދާޅުވީ އިންޑިއާ އާއި ރާއްޖެއާ ދެމެދުގައިވާ ދުވަސްވީ ލާމަސީލު ޒަމާންވީ ގުޅުން ދަނީ ރައީސް ޞާލިޙާއި އިންޑިއާ ބޮޑުވަޒީރު މޯދީގެ ޒައާމަތުގައި އިތުރަށް ފުޅާވެ، ރައްޔިތުންނަށް ފާގަތިކަމާއި އަމާންކަން ކަށަވަރުކޮށްދެމުން ކަމަށެވެ.
މާރިޔާ ވިދާޅުވީ އިންޑިއާ ކަނޑު ތެރޭގެ ހުރި ނުރައްކާތެރި ނުކިއްސަރު އަދި ކަންބޮޑުވާ އޮއިވަރުތަކުން ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، ދެ ދައުލަތާއި ރައްޔިތުންނާއި، މުޅި ސަރަޙައްދު ބަލަހައްޓައި، ސަރަޙައްދުގެ މަޞްލަޙަތުތައް ކުރިއަރުވައި ޙިމާޔަތްކުރުމަށް އޮތް ޒިންމާ ވަރަށް ބޮޑުކަމަށެވެ. އަދި ބަވަނަވެފައިވާ މި ސައިބަރ ޑްރިވެން ދުނިޔޭގައި އަޅުގަނޑުމެން ގިނަގުނަ ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭ ކަމަށާއި ނަމަވެސް ދެ ޤައުމުންވެސް ޤަބޫލުކުރާ އުޞޫލުތަކާއި ހަމަތަކުގެ މަތިން މަސައްކަތް ކޮށްފިނަމަ، ބޭނުންވާ ގިނަ ލަނޑުދަނޑިތައް ޙާޞިލްކުރެވޭނެކަމަށް މާރިޔާ ވިދާޅުވިއެވެ.
Deeply appreciate the special banquet hosted by Defence Minister H.E. @MariyaDidi for the visiting delegation led by Raksha Mantri @rajnathsingh.
— India in Maldives (@HCIMaldives) May 1, 2023
Delighted by the wonderful cultural programme presented by the talented personnel from @MNDF_Official. pic.twitter.com/LnFd51N66c
މާރިޔާގެ ވާހަކަފުޅުގައި ވަނީ އިންޑިއާގެ ދިފާޢީ ވަޒީރު އެކަމަނާއާ ބަހައްޓަވާ ގާތްކަން ވަރަށް ބޮޑަށް ފާހަގަކުރައްވާފައެވެ.
"މި ފާއިތުވީ 4 ވަރަކަށް އަހަރު އަޅުގަނޑަށް ވަނީ މަނިކުފާނާއެކު މަސައްކަތް ކުރުމުގެ ޝަރަފު ލިބިފައި. އެގޮތުން ދިމާވާ ދިމާވުމުގައި މަނިކުފާނު އަޅުގަނޑަށް މުޚާތަބް ކުރައްވާއިރު "ދީދީ"އޭ ވިދާޅުވެ، އެއީ ހިންދީ ބަހުން "އުޚްތު" ކަމަށް ވިދާޅުވެ އެގޮތުގައި އަޅުގަނޑާ މުޚާތަބު ކުރައްވާފައިވޭ. އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި މިއިން އަޅުގަނޑުމެންގެ ދެ ޤައުމު އަދި ދެ ސަރުކާރު ދެމެދުގައި އޮންނަ ގާތް އަޚްވަންތަ ގުޅުން ރަމްޒުކޮށްދިނުމުގެ އިތުރުން އަޅުގަނޑުމެންގެ ރައްޔިތުންގެ މެދުގައިވާ އަޚްވަންތަ ގުޅުން ވެސް ވަރަށް ރަނގަޅަށް ސިފަކޮށްދޭ" މާރިޔާ ވިދާޅުވިއެވެ.
މާރިޔާގެ ވާހަކަފުޅުގައި ވަނީ މިއަދާ ހަމައަށް ރާއްޖެ އާއި އިންޑިއާގެ ވަރުގަދަ ގުޅުން ބިނާވެފައިވަނީ އެއް ޤައުމު އަނެއް ޤައުމަށް ކުރާ އިޙްތިރާމާއި އިތުބާރުގެ މައްޗަށްކަން ފާހަގަކުރައްވާފައެވެ. އަދި މިއީ ދެ ޤައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް އެކުގައި މަސައްކަތް ކުރާކުރުން ކުރިއަށް އޮތްތަނުގައި އިތުރަށް ވަރުގަދަކުރުމުގެ ޢަޒުމު އާކުރަން ވަރަށް މުނާސަބު ވަގުތެއްކަމަށްވެސް މާރިޔާ ވިދާޅުވިއެވެ.
ރާއްޖެއަށް ފާއިތުވި ތާރީޚުގައި ކުރިމަތިވި ބޮޑެތި ކާރިޘާތަކުން އަރައިގަތުމަށްޓަކައި އިންޑިއާއިން ގިނަ އެހީތަކެއް ފޯރުކޮށްދެއްވާފައިވާކަން އިންޑިއާގެ ދިފާޢީ ވަޒީރު ރާޖުނާތު ސިންގް ވަނީ ފާހަގަކުރައްވާފައެވެ. އަދި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ޒަޢާމަތާއެކު ރާއްޖެ އާއި އިންޑިއާގެ ގުޅުން މިއިން ޒަމާނަކު ބަދަހިވެގެންނުދާ މިންވަރަށް ބަދަހިވެ، ވަރުގަދަވެފައިވާކަން އިންޑިއާގެ ދިފާޢީ ވަޒީރު ފާހަގަކުރެއްވިއެވެ.
"މި ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ރާއްޖޭގެ ދިފާޢީ ވުޒާރާއާ ގުޅިގެން މަސައްކަތް ކުރުމުގެ އިތުރަށް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އުމްރާނީ ތަރައްޤީގެ އެކި މަޝްރޫޢުތައް ހިންގުމަށް ވެސް އިންޑިއާއިން އެހީވަން. ރާއްޖެއާ އިންޑިއާ ދެމެދުގައި އުފެދިފައިވާ މި ގާތްގުޅުން ދުވަހުން ދުވަހުން ބަދަހިވަމުންދާނެ." އިންޑިއާގެ ދިފާޢީ ވަޒީރު ރާޖުނާތު ސިންގް ވިދާޅުވިއެވެ.
އިންޑިއާގެ ދިފާޢީ ވަޒީރު ރާޖުނާތު ސިންގެ ޝަރަފުގައި ކުރުނބާ މޯލްޑިވްސްގައި ބޭއްވެވި ރޭގަނޑުގެ ފަރިއްކޮޅުގައި ވަނީ ދިވެހިންގެ ސަޤާފީ ހުށައެޅުންތަކެއް ދައްކާލާފައެވެ.
މި ފަރިއްކޮޅުގައި އިންޑީއާގެ ދިފާޢީ ވަޒީރުގެ ވަފްދުގެ ބޭފުޅުންގެ އިތުރުން ބައެއް ވަޒީރުންނާއި، ސިފައިންގެ އިސް އޮފިސަރުންނާއި ބޭރުގެ އިއްޒަތްތެރިންވެސް ބައިވެރިވެވަޑައިގަތެވެ.