ތިމާވެށި

ފަހިއަލީގެ 2 ވަނަ ފިޔަވަހި އިފްތިތާޙްކުރައްވައިފި


"ފަހިއަލި" ޕްރޮގްރާމްގެ 2 ވަނަ ފިޔަވައްސަށް ޗައިނާ ސަރުކާރުން ހަދިޔާކޮށްފައިވާ ލެޑްލައިޓްތަކުގެ ތެރެއިން ދައުލަތުގެ މުއައްސަސާތަކާ ޙަވާލުކުރެއްވުމަށް ހަމަޖެހިފައިވާ ލެޑްލައިޓްތައް ބައެއް މުއައްސަސާތަކާ މިއަދު ޙަވާލުކުރައްވައިފިއެވެ. އެންވަޔަރަމެންޓް މިނިސްޓްރީން ވިދާޅުވީ ފަހިއަލީގެ 2 ވަނަ ފިޔަވަހީގެ ލެޑްލައިޓް ޢާންމު ފަރާތްތަކަށް ދޫކުރެއްވުމުގެ އިންތިޒާމްތައް މާދަމާއިން ފެށިގެން ހަމަޖެހިގެންދާނެ ކަމަށެވެ.

ޗައިނާ ސަރުކާރުން ހަދިޔާކޮށްފައިވާ 10 މިލިޔަން ރުފިޔާގެ 210,000 ލެޑްލައިޓްގެ ތެރެއިން ސަރުކާރުގެ މުއައްޞަސާތަކަށް ބެއްސެވުމަށް ހަމަޖެހިފައިވަނީ 78،750 ލެޑް ހޮޅިބުރިކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ވިދާޅުވިއެވެ. އަދި އާއްމު ރައްޔިތުންނަށް ބެއްސެވުމަށް ހަމަޖެހިފައިވަނީ 131،050 ލެޑް ބޮކިކަމަށް އެމިނިސްޓްރީން ވިދާޅުވިއެވެ. އެންވަޔަރަމެންޓް މިނިސްޓްރީން ވިދާޅުވީ ލެޑް ބޮކިތައް ހޯދުމަށް  ޔޫޓިލިޓީޒް ސެންޓަރުތަކުގައި މިމަހުގެ 3 ވަނަދުވަހުން ފެށިގެން 20 ވަނަ ދުވަހާއި ހަމައަށް އާއްމު ފަރާތްތަކަށް ނަންނޯޓްކުރުމުގެ ފުރުޞަތު ހުޅުވާލައްވާފައިވާކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ. މި ޕްރޮގްރާމްގެ ދަށުން، ކޮންމެ ކަރަންޓް މީޓަރެއް ހުންނަ ގޭބިސީއަކަށް 5 ލެޑް ބޮކި ދެއްވުމަށް ހަމަޖެހިފައިވާކަމަށް އެމިނިސްޓްރީން ހާމަކުރައްވައެވެ.

ފަހިއަލި ޕްރޮގްރާމްގެ 2 ވަނަ ފިޔަވަހި އިފްތިތާޙްކުރެއްވުމަށް ދިވެހިރާއްޖޭ އަޑުގެ ސެނެކޯ މާލަމުގައި ބޭއްވެވި ރަސްމިއްޔާތުގައި ވަނީ ސަރުކާރުގެ ބައެއް ކުންފުނިތަކާއި މިނިސްޓްރީތަކަށް ލެޑް ލައިޓް ހަދިޔާ ކުރައްވާފައެވެ. 9 ވޯޓްގެ ސީޕީއެލް ބޮކީގެ ބަދަލުގައި 7 ވޮޓްގެ ލެޑްލައިޓް ބޭނުން ކުރުމުން ދުވާލެއްގެ މައްޗަށް 425،000 ލިޓަރަށްވުރެ ގިނަ ޑީސަލް ސަލާމަތްކުރެވޭނެ ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން އަންދާޒާ ކުރައްވައެވެ. އަދި 18 ވޮޓްގެ ފްލޮރިސެންޓް ލައިޓްގެ ބަދަލުގައި 9 ވޮޓްގެ ލެޑް ހޮޅިބުރި ބޭނުން ކުރުމުން މިލައަނަކަށްވުރެ ގިނަ ލީޓަރުގެ ޑީސަލް ދުވާލެއްގެ މައްޗަށް ސަލާމަތްކުރެވޭނެކަމަށް އެމިނިސްޓްރީން ލާފަކުރައްވައެވެ.

ފަހިއަލި 2 ވަނަ ފިޔަވަހި އިފްތިތާޙް ކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ފިނޭންސް މިނިސްޓަރ ޢަބުދުﷲ ޖިހާދު ވިދާޅުވީ މިހާރުވެސް ރާއްޖެއަށް ތެޔޮ އެތެރެކުރުމަށް މަހެއްގެ މައްޗަށް 35 މިލިޔަން ރުފިޔާ ހޭދަކުރެވޭކަމަށެވެ. އެހެންކަމުން މި ލެޑްލައިޓްތައް ބޭނުންކުރަން ފެށުމުން ތެލަށް ކުރަންޖެހޭ ޚަރަދު ކުޑަކުރެވިގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކަރަންޓް އިސްރާފުކުރުން މަދުކުރުމަށް ކުރެވެން ހުރި މަސައްކަތްތައް ކުރެއްވުމަށް ޢާންމުކޮށް އެންމެހާ ފަރާތްތަކަށް މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެންވަޔަރަމެންޓް މިނިސްޓަރ ޠާރިޤް އިބްރާހީމް އިލްތިމާސްކުރެއްވިއެވެ. ޗައިނާ ސަރުކާރުގެ ފަރާތުން މި ލެޑްލައިޓްތައް އެންވަޔަރަމެންޓް މިނިސްޓްރީއާ ހަވާލުކުރީ މި މަހުގެ ފުރަތަމަ ދުވަހުއެވެ. ލެޑްލައިޓްތައް އެންވަޔަރަމެންޓް މިނިސްޓްރީއާ ޙަވާލުކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޗައިނާ ސަފީރު ވަނީ، ރާއްޖެއަށް އިތުރު ލެޑްލައިޓްތަކެއް ކުރިމަގުގައި ދޭން ހަމަޖެހިފައިވާކަން ހާމަކުރައްވާފައެވެ.