ޚަބަރު

ކުއްޑޫގެ ތަރައްޤީއާއެކު ބޮޑެތި ބޯޓުތަކަށް ގާތްކުރެވި، މަސްކިރުވުން އަވަސްވާނެ


އަހަރުގެ މަދު ދުވަސްތަކެއް ފިޔަވައި ހުރިހާ ދުވަސްވަރެއްގައިވެސް ރާއްޖޭގެ ދެކުނަކީ މަސްވެރިކަން ރަނގަޅު ސަރަޙައްދެކެވެ. ނަމަވެސް ދެކުނުގެ މަސްވެރިން ބާނާ މަސް ކިރުވަންދާ މިފްކޯގެެ ކޫއްޑޫ ބަނދަރުގެ ބާރު ބޮޑުވެ، މަސްކިރުވުމުގައި އެތައް ދައްޗަކާއި މަސްވެރިން ކުރިމަތިލާންޖެހޭކަމުގެ ޝަކުވާ އަބަދުވެސް އޮވެއެވެ. މިކަމަށް ހައްލެއް ގެނައުމަށް ސަރުކާރުން ވަނީ ކޫއްޑޫ ތަރައްޤީކުރުމުގެ މަޝްރޫޢެއް ފައްޓަވާފައެވެ.

ކޫއްޑޫ ބަނދަރު ބޮޑުކުރުމުގެ މަސައްކަތް ޙަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެމްޓީސީސީއާއެވެ. މިމަސައްކަތް އެކުންފުންޏާއި ޙަވާލުކޮށް މިހާރު މަސައްކަތް ވަނީ ފަށާފައެވެ. މިމަސައްކަތް އެކުންފުންޏާއި ޙަވާލުކޮށްފައިވަނީ، އަހަރެއްގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ. މިމަސައްކަތް ނިމިގެންދާއިރު ކޫއްޑޫ މަސް ބަނދަރަކީ ސައިޒުން ބޮޑެތި މަސް އުޅަނދުތަކަށް ގިނައިރު ކިޔުގައި މަޑުނުކޮށް މަސް ކިރޭނެ ޖާގަ ތަނަވަސް ބަނދަރަކަށް ވެގެންދާނެކަމަށް މިފްކޯއިން ބުނެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން މިފްކޯއިން ވިދާޅުވީ ކޫއްޑޫ ބަނދަރު ބޮޑުކުރުމުގެ މަސައްކަތުގެ ތެރެއިން މިހާރު އޮތް 300 ފޫޓުގެ ބަނދަރު ބޮޑުކުރުމުގެ އިތުރުން އަލަށް 400 ފޫޓުގެ ބަނދަރެއް ތަރައްޤީކުރުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި މިބަނދަރަކީ ބޮޑެތި އުޅަނދުތައް ކައިރިކުރާ ބަނދަރެއްކަމުން، ޢާއްމުކޮށް ރާއްޖޭގައި ހުންނަ ބަނދަރުތަކަށްވުރެ ކޫއްޑޫގެ ބަނދަރު ފުންކުރުމަށް ހަމަޖެހިފައިވާ މިފްކޯއިން ބުނެއެވެ.

މިފްކޯއިން ބުނީ އެކުންފުނީގެ އުޅަނދުތައްކަމަށްވާ ކަލަމިންޖާއާއި ޖަޒީރާ ފަދަ ބޮޑެތި ބޯޓުތައް ކައިރިކުރުމަށްޓަކައި ޚާއްސަ ޖެޓީއެއް ކޫއްޑޫގެ ފަޅުތެރޭގައި ހެދުމަށް ނިންމާފައިވާކަމަށެވެ.

މިހާރު ދިމާވާ އެންމެ ބޮޑު މައްސަލައަކީ މިފަދަ ބޯޓުތައް މަސް އަންލޯޑްކުރުމަށް، ކައިރިކުރަން ޖެހެނީ ކޫއްޑޫގެ އެކްސްޕޯޓް ޖެޓީއަށްކަމުން ސަރުކާރުގެ އިދާރާއަކުން ކޮންމެ ފަހަރަކު ހުއްދަ ހޯދަންޖެހުމަކީ އެކަމަށް ވަގުތު ހިނގާކަމެއްކަން މިފްކޯއިން ފާހަގަކުރެއެވެ. އެހެންކަމުން އަލަށް ތަރައްޤީކުރާ ޖެޓީއާއެކު މިކަމަށްވެސް ޙައްލެއް އަންނާނެކަމަށް މިފްކޯއިން ބުނެއެވެ.

މަސްކިރުވުމަށް މިހާރު އެއްފަހަރާ ބޭނުންކުރަނީ ކޫއްޑޫގައި ޤާއިމުކޮށްފައިވާ 3 ކެރޭނެވެ. އެހެންނަމަވެސް މި މަޝްރޫޢުގެ މަސައްކަތް ނިމިގެންދާއިރު އިތުރު 2 ކެރޭން ޤާއިމުކޮށް، ޖުމްލަ 5 ކެރޭނަކުން މަސްކިރުވުމުގެ ޚިދުމަތް މަސްވެރިންނަށް ދެވޭނެކަމަށް މިފްކޯއިން ބުނެއެވެ. މި ބަދަލުތަކާއެކު މަސްކިރުވުމަށް ކިޔުގައި މަޑުކުރަންޖެހޭ ވަގުތު ބޮޑުތަނުން ކުޑަކުރެވި، ގިނަ ދޯނިތަކަކަށް ކޮންމެ ދުވަހަކުވެސް މަސް ކިރުވޭނެ މަގު ފަހިވެގެންދާނެކަމަށް މިފްކޯއިން ޤަބޫލުކުރެއެވެ.

ރާއްޖެއިން ބޭރަށް މަސް ބޭރުކުރުމަށް ޤާއިމުކުރަންޖެހޭ 50 ކޮންޓެއިނަރުގެ ސްޓޯރޭޖް ކޮންޓެއިނަރ ޔާޑެއްވެސް މިމަޝްރޫޢު ނިމިގެންދާއިރު ހުންނާނެކަމަށް މިފްކޯއިން ބުނެއެވެ. މީގެއިތުރުން ކޫއްޑޫގެ ބަނދަރުގެ ބޭރުގައި ބޯޓުތަކުގެ މެއިންޓަނަންސްއަށް ޚާއްސަ ސަރަޙައްދެއް ސްލިޕްވޭއަކާއިއެކު ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ. މިއާއެކު ބަނދަރުގެ އެތެރޭގެ ތޮއްޖެހުން ވަރަށް ބޮޑަށް ކުޑަކުރެވޭނެއެވެ.

ދެކުނުގައި އޮންނަ ގއ.ކޫއްޑޫއާއި މެދު ރާއްޖެތެރެ ނުވަތަ ސެންޓްރަލް ޒޯންގައި އޮތް ޅ.ފެލިވަރު ތަރައްޤީކުރުމަށް ހިންގަވާ ބިޔަ މަޝްރޫޢުތަކީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތަށް އިންޤިލާބީ ހެޔޮ ބަދަލެއް ގެނައުމަށް ސަރުކާރުން ފަށްޓަވާފައިވާ މަސައްކަތްތަކެކެވެ.