ޚަބަރު

ދެކުނުގައި ޙިމާޔަތްކުރާ ސަރަޙައްދާއެކު ދެމެހެއްޓެނިވި މަސްވެރިކަމަށް އެހީއަކަށްވާނެ: އެންވަޔަރަމަންޓް


ރާއްޖޭގެ ދެކުނުން އަދި ޗާގޯސްގެ އުތުރުން ޙިމާޔަތްކޮށްފައިވާ އަދި އަލަށް ޙިމާޔަތްކުރާ ސަރަޙައްދާއެކު، ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ކުރުމަށް އެހީއަކަށްވާނެކަމަށް، މިނިސްޓްރީ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖު އެންޑް ޓެކްނޮލޮޖީން ވިދާޅުވެއްޖެއެވެ. އެންވަރަމަންޓް މިނިސްޓްރީން މިފަދައިން ވިދާޅުވީ ރާއްޖޭގެ ދެކުނުން އިން ކަނޑައެޅިގެން ދިއުމުން، އެ ސަރަހައްދު ބޭނުންކުރެވޭނެ ގޮތް ބަޔާންކުރައްވާ ނެރުނުއްވި ބަޔާނުގައެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވީ އިންޓަރނޭޝަލް ޓްރައިބިއުނަލް ފޯރ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) ގެ ނިންމުމާއެކު ރާއްޖެ ވަނީ ބައިނަލްއަގުވާމީ ޤާނޫނުތަކާއި އެއްގޮތަށް ފުރިހަމައަށް އިން ވަކިކުރެވިފައިވާ ޤައުމަކަށް ވެފައިކަމަށެވެ. އެންވަޔަރަމަންޓް މިނިސްޓްރީގެ ބަޔާނުގައި، ޗާގޯސްގެ މެރިން ރިޒާވްއަކީ ދުނިޔޭގެ ނިސްބަތުން ޤުދުރަތީ ދިރުންތައް އެންމެ މުއްސަންދި އެއް ސަރަޙައްދުކަމަށެވެ. އެގޮތުން ޗާގޯސްގެ 7 އަތޮޅާއި 70 ރަށް ހިމެނޭގޮތަށް ވަށައިގެންވާ ކަނޑުގެ 640،000 ސްކެއަރ ކިލޯމީޓަރުގެ ސަރަޙައްދަކީ 2010 ވަނަ އަހަރުން ފެށިގެން މެރިން ރިޒާވެއް ގޮތުގައި ހިމާޔަތްކޮށްފައިވާ ސަރަޙަދެއްކަމަށް އެންވަޔަރަމަންޓް މިނިސްޓްރީގެ ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ.

އަދި ޗާގޯސްގެ އުތުރުން އޮތް ސަރަހައްދަކީ ޙިމާޔަތްކޮށްފައިވާ ކަނޑުގެ ސަރަޙައްދަކަށް މޮރީޝަސްއިން ނިންމާނެކަމަށް އެޤައުމުން ވަނީ ހާމަކޮށްފައެވެ. މިކަމާއި ގުޅިގެން މިނިސްޓްރީން ވަނީ އަލަށް ޙިމާޔަތްކުރާ ސަރަޙަދުގެ ސަބަބުން ކަނޑުގެ ދިރުންތައް އާލާވެ ދެމެހެއްޓެނެވި ގޮތެއްގައި މަސްވެރިކަން ކުރުމަށް ރާއްޖެއަށްވެސް އެހީއަކަށް ވާނެކަމަށެވެ. އަދި އޭގެ ސަބަބުން ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމާއި، ކަނޑުގެ ދިރުންތައް ދެމެހެއްޓެނިވި ގޮތެއްގައި ހިމާޔަތްކޮށް ދެމެހެއްޓުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށްވެސް އިތުރު ކުރިއެރުމެއް ލިބޭނެކަން މިނިސްޓްރީގެ ބަޔާނުގައި ފާހަގަކުރައްވާފައިއެވެ.

"ޗާގޯސްގެ ހިމާޔަތްކުރެވިފައިވާ ސަރަޙައްދާއި އަދި ރާއްޖޭގެ ސަރަޙައްދުން ހިމާޔަތްކުރެވޭ ސަރަޙައްދުތައް ގުޅިގެން އުފެދޭ ސަރަޙައްދުތައް ވެގެންދާނީ އިންޑިއާ ކަނޑުގެ ދިރުންތައް އާލާވުމަށް މަގުފަހިކޮށްދޭނެ އަދި އޭގެ ސަބަބުން ދިވެހިރާއްޖޭގެ މަސްވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް އެޅޭ މުހިއްމު ބިންގަލަކަށް." އެންވަޔަރަމަންޓް މިނިސްޓްރީގެ ބަޔާނުގައި ވިދާޅުވިއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވީ އިޓްލޮސްގެ ނިންމުމަކީ 'ހައި އެމްބިޝަން ކޯލިޝަން' އަދި 'ގްލޯބަލް އޯޝަންސް އެލިއަންސް' އިން ދުނިޔޭގެ ކަނޑުތަކުގެ 30 އިންސައްތަ އަކީ ހިމާޔަތްކުރެވިފައިވާ ތަންތަނުގެ ގޮތުގައި ހަމަޖެއްސުމަށް ކުރިއަށް ގެންދާ ކޮންވެންޝަން އޮން ބަޔޮލޮޖިކަލް ޑައިވަރސިޓީ ގެ ގްލޯބަލް ބަޔޯޑައިވަރސިޓީ ފްރޭމްވޯކް ގައިވާ ލަނޑުދަނޑި ހާސިލްކުރުމަށް ލިބުނު ބާރެއްކަމުގައެވެ. އަދި ފާއިތުވި އަހަރުތެރޭގައި ދުނިޔޭގެ ކަނޑުތަކުގެ ދިރުން ހިމާޔަތްކުރުމަށް ހައިސީސްގައި ވެށި ޙިމާޔަތްކުރުމަށް ވެވުނު އެއްބަސްވުމަށްވެސް ލިބޭނެ ބާރަކަށްވެގެންދާނެކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

ކަނޑުގެ މާޙައުލުތައް ރައްކާތެރިކުރުމާއިއެކު، ކަނޑުތަކުގެ ވަސީލަތްތަކުން ލިބޭ ފައިދާ އިތުރުކުރުމުގެ މަޤުޞަދުގައި ދިވެހި ސަރުކާރާއި ބައިނަލްއަގުވާމީ ޖަމްއިއްޔާއެއް ކަމުގައިވާ ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނާއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން "ނޫ ރާއްޖެ" ނަމުގައި މަޝްރޫޢުއެއް ސަރުކާރުން ވަނީ ފަށާފައެވެ. އެ މަޝްރޫޢުގެ ދަށުން މިހާރު ކުރެވެމުންދާ މަސައްކަތުގެ ތެރެއިން ސައިންޓިފިކް މަޢުލޫމާތުގެ އަލީގައި މެރިން ސްޕޭޝަލް ޕްލޭނެއް ހެދިގެންދާނެކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

ދިވެހިރާއްޖޭގެ ފަތުރުވެރިކަމާއި، މަސްވެރިކަމާއި އިޤުތިޞާދީ ހަރަކާތްތައް ބިނާވެގެން ވަނީ ކަނޑުތަކުގެ ދުޅަހެޔޮކަމުގެ މައްޗަށެވެ. އެހެންކަމުން، ނޫ އިޤުތިޞާދެއް ބިނާކުރުމަށް ރާއްޖެއިން ކުރަމުންގެންދާ މި މަސައްކަތުގެ ސަބަބުން ކަނޑުގެ ދިރުންތައް ހިމާޔަތްކޮށް ބެލެހެއްޓުން މިހާރަށް ވުރެ ހަރުދަނާ ކުރެވިގެންދާނެއެވެ.