އިޓްލޮސްއިން ނިންމި ނިންމުމަކީ ރާއްޖެއަށް ލިބުނު ބޮޑު ކާމިޔާބީއެއްކަމަށް ނާއިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ރާއްޖެއާއި މޮރިޝަސްގެ އިން ވަކިކުރުމުގެ މައްސަލައިގައި އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް)އިން ވަނީ ރާއްޖެއިން ހުށަހެޅި ގޮތަށް ބައުންޑަރީ ވަކިކުރުމަށް ނިންމަވާފައެވެ. މިކަމާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ ސަރުކާރަށް މަރުހަބާ ކިޔަމުންނެވެ.
އިޓްލޮސްގައި ރާއްޖެއިން ހޯދި ކާމިޔާބީއާ ގުޅިގެން ނާއިބު ރައީސް ފައިސަލް ނަސީމް ވަނީ ސަރުކާރުގެ ފަރާތުން އެކަމުގައި ހަރަކާތްތެރިވެވަޑައިގެންނެވި ބޭފުޅުންނަށް ޝުކުރާއި މަރުހަބާ ވިދާޅުވެފައެވެ.
ނާއިބު ރައީސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ ދެކުނުގެ އިން ވަކިކުރުމުގެ މައްސަލާގައި، ރާއްޖެއަށް ފައިދާވާ ގޮތަށް އިޓްލޮސްއިން ނިންމި ނިންމުމަކީ ރާއްޖެއަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއްކަމަށެވެ. އަދި މި ފަހުރުވެރި ކާމިޔާބީއަށްޓަކައި ރައީސް ސާލީހާއި މިކަމުގައި މަސައްކަތްކުރެއްވި ހީވާގި ޓީމަށް މަރުހަބާ ދަންނަވާކަމަށް ނާއިބު ރައީސް ފައިސަލް ނަސީމް ކުރެއްވި ޓްވީޓުގައި ވިދާޅުވިއެވެ.
ރާއްޖޭގެ ދެކުނުގެ އިންވަކިކުރުމުގެ މައްސަލާގައި، ރާއްޖެއަށް ފައިދާވާގޮތަށް މިއަދު އިޓްލޮސްއިން ނިންމި ނިންމުމަކީ ރާއްޖެއަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް. މި ފަހުރުވެރި ކާމިޔާބީއަށްޓަކައި ރައީސް@ibusolih
— Faisal Naseem (@FaisalNasym) April 28, 2023
އަށާއި މިކަމުގައި މަސައްކަތްކުރެއްވި ހީވާގި ޓީމްއަށް މަރުހަބާ ދަންނަވަން!
ބައިނަލްއަޤްވާމީ ޤާނޫނުތައް ބުނާގޮތުން ކޮންމެ ޤައުމަކަށް ވެސް އެ ޤައުމެއްގެ ވަށައިގެންވާ ކަނޑުގެ ސަރަޙައްދުން 200 މޭލު އީއީޒެޑްގެ ގޮތުގައި ބަލާއިރު، މޮރިޝަސްގެ ބައެއްކަމަށް އދ.ން ޤަބޫލުކުރާ ޗާގޯސް އައިލެންޑްސް އާއި ރާއްޖެއާ ދެމެދު އޮތް ސަރަޙައްދުން ބައެއް ފުށުއަރައެވެ. މިހާތަނަށް އައިއިރު ރާއްޖޭގެ ދެކުނުން އީއީޒެޑް ކަނޑައެޅިފައެއް ނުވެއެވެ. ނަމަވެސް އިޓްލޮސްގެ ނިންމުމާއެކު އެ 58 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ މައްސަލަ ޙައްލުވެ، ރާއްޖޭގެ ސިޔާދަތީ ބާރު ހިނގާ ސަރަޙައްދު ނުވަތަ ބޯޑަރު ލައިން ކަނޑައެޅިގެންދިޔައީއެވެ.