ރާއްޖޭގެ ދެކުނުން ކަނޑުގެ އިން ކަނޑައެޅިގެން ދިއުމަކީ ދިވެހި ރައްޔިތުންނަށް ލިބުނު ވަރަށްބޮޑު އުފަލަކާ ހިތްހަމަޖެހުމެއްކަމަށް ވިދާޅުވެ، މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙައްމަދު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ތަޢުރީފްކުރައްވައިފިއެވެ.
ރާއްޖެއާއި މޮރީޝަސްގެ ކަނޑުގެ ފުށުއަރާ ސަރަަހައްދުގެ މައްސަލަ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އިން ނިންމީ ރާއްޖެއާއި އެއްކޮޅަށެވެ. އެ ފުށުއަރާ ސަރަޙައްދުގެ ބޮޑުބައެއް ރާއްޖެއަށް ލިބޭގޮތަށް އިޓްލޮސްއިން ނިންމި ނިންމުމަށް އިޝާރާތްކުރައްވާ ސިޔާމް ވަނީ، ބައިނަލްއަޤުވާމީ ޤާނޫނުތަކަށް ފުރިހަމައަށް ޢަމަލު ކޮށް މިމައްސަލަ ދިވެހި ރައްޔިތުންނާ އެއްކޮޅަށް ނިމުމުގައި ދިވެހި ސަރުކާރުން، ޚާއްސަކޮށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވިސްނުންފުޅާ ސްޓްރެޓެޖިކް މަސައްކަތްފުޅަށް ތަޢުރީފް ކުރައްވާފައެވެ.
ބައިނަލްއަޤުވާމީ ޤާނޫނުތަކަށް ފުރިހަމައަށް ޢަމަލު ކޮށް މިމައްސަލަ ދިވެހި ރައްޔިތުންނާ އެއްކޮޅަށް ނިމުމުގައި ދިވެހި ސަރުކާރުން ޚާއްސަކޮށް ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ @ibusolih ގެ ވިސްނުންފުޅާ ސްޓްރެޓެޖިކް މަސައްކަތްފުޅަށް އައްސަރިބަހާ ސާބަސް ދަންނަވަން.
— Ahmed Siyam Mohamed, MP (@Sun_Siyam) April 28, 2023
މަރުހަބާ ??
ރާއްޖެއާއި މޮރީޝަސް ކަނޑުގެ ސަރަޙައްދު ފުށުއަރާ 95،563 އަކަކިލޯ މީޓަރުގެ ސަރަޙައްދެއް އޮވެއެވެ. އެ މައްސަލާގައި އިޓްލޮސްއިން ނިންމީ އޭގެ ތެރެއިން ރާއްޖެއަށް 47،232 އަކަކިލޯމީޓާރުގެ ސަރަޙައްދެއް ލިބޭގޮތަށެވެ. އަދި މޮރީޝަސްއަށް 45،331 އަކަކިލޯމީޓަރުގެ ސަރަޙައްދެއް ލިބިގެންވާކަމަށެވެ.
ކަނޑުގެ ފުށުއަރާ މައްސަލަ އިޓްލޮސްއިން ނިންމީ ރާއްޖެއިން ހުށައެޅިގޮތަށެވެ. މި މައްސަލާގައި މޮރީޝަސްއިން ހުށައެޅި އެއްވެސް ހުށައެޅުމެއް އިޓްލޮސްގެ ޚާއްޞަ ޗެމަބަރުން ބަލައިގެންފައެއް ނުވެއެވެ.