ޚަބަރު

ހިޔާ ފްލެޓުގެ އަގު ކުޑަކުރެވޭނެ ގޮތްތަކެއް ހޯދިއްޖެ، ވަރަށް އަވަހަށް ހާމަކުރާނަން: ރައީސް


ހިޔާ ފްލެޓްތަކުގެ އަގު ކުޑަކުރާނެ ގޮތްތަކެއް ހޯދިފައިވާކަމަށާއި، ހިޔާ ފްލެޓުގައި ދިރިއުޅޭ ރައްޔިތުންނަށް ލުއިތަކެއް ލިބޭނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ހިޔާ ފްލެޓުގެ އަގު ސަރުކާރުން ކުޑަކޮށްފައިވާކަމަށް ދެކެވޭ ވާހަކަތަކާއި ގުޅިގެން ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ހިޔާ ފްލެޓުތަކުގެ އަގު ކުޑަކުރުމަށް މަޝްވަރާތަކެއް ކުރެވޭތާ ދުވަސްތަކެއްވެފައިވާކަމަށެވެ. ރައީސް ވިދާޅުވީ ހިޔާ ފްލެޓަށް ކޮށްފައިވާ އިންވެސްޓްމަންޓަށް ގެއްލުން ނުވާނެގޮތަށް އަދި ސަރުކާރަށްވެސް ގެއްލުން ނުވާނެ ބަދަލުތަކެއް ގެނައުމަށް ނިންމަވާފައިވާކަމަށެވެ. އެގޮތުން ހިޔާ ފްލެޓުތަކުގައި ކުއްޔަށް ދިރިއުޅޭ ރައްޔިތުންނަށް ލުއިތަކެއް ލިބޭނެކަަމަށާއި، ނަމަވެސް އެ ފްލެޓްތަކަށް ކޮށްފައިވާ ޚަރަދުތައް ބަދަލުވަނީނޫންކަމަށެވެ. ރައީސް ވިދާޅުވީ ހިޔާ ފްލެޓުގެ އަގަށް ގެންނަ ހެޔޮ ބަދަލު އަދި ޢާންމުކުރައްވާފައިނުވާކަމަށާއި، ވަރަށް އަވަހަށް ހާމަކުރައްވާނެކަމަށެވެ.

" މާނަކީ އެތަނަށް، ހިޔާ ފްލެޓަށް ކުރި ޚަރަދަށް ބަދަލުވަނީއެއްނޫނޭ. ޚަރަދު 25 އަހަރަށް އިތުރުކުރީމަ އަންނަ ޢަދަދު ކުޑަކުރެވޭތޯ، އަދިވެސް ކުޑަކުރެވޭނެ ގޮތް ހުންނާނެ. އަޅުގަނޑުމެންނަށް މަޝްވަރާކޮށް ހޯދުނު ފޯމިއުލާއެއް އެއީ. އެ އަގު ވަރަށް އަވަހަށް ހާމަކުރެވޭނެ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ޕީއެސްއެމްނިއުސްއަށް މަޢުލޫމާތު ދެއްވަމުން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، ނުވަތަ އަރބަންކޯއިން ވިދާޅުވީ ހިޔާ ފްލެޓުތަކުގެ ކުލި ކުޑަކުރުމާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ގުޅިގެން މަޝްވަރާތައް ކުރައްވަމުންގެންދަވާކަމަށެވެ. އަދި މިމަސައްކަތް ނިމިގެންދާއިރު ހިޔާގައި ދިރިއުޅޭ ފަރާތްތަކުގެ ދިރިއުޅުމަށް ހެޔޮ ބަދަލެއް އަންނާނެކަމަށް އަރބަންކޯއިން ވިދާޅުވިއެވެ.


ރާއްޖޭގެ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާގޮތުގައި ސަރުކާރުން ކުރަމުންދާ މަޝްވަރާތަކުގައި ހިޔާގެ ކުލި 5300 އަށް ކުޑަކުރުމަށްވަނީ ނިންމާފައެވެ. ނަމަވެސްހިޔާ ފްލެޓުގެ އަގަށް ގެންނަ ބަދަލު ސަރުކާރުން ހާމަކުރައްވާފައެއް ނުވެއެވެ. ހިޔާގެ ކުލި ކުޑަކުރަނީ، އެ ފްލެޓްތަކަށް ދައްކާ ޚަލާސްކުރަންޖެހޭ މުއްދަތުކަމަށްވާ 25 އަހަރަށް، އިތުރު 7 އަހަރު އިތުރުކުރުމަށް ނިންމުމުގެ ސަބަބުންކަމަށް ރިޕޯޓްކޮށްފައިވެއެވެ. އެހެންކަމުން މިހާރު ކުލި ދައްކާ ނިންމަންޖެހޭނެ މުއްދަތު 32 އަހަރަށް އިތުރުވާނެއެވެ.

ހިޔާ ފްލެޓުތަކުގެ މަސައްކަތް ކުރީ ސަރުކާރުގައި ކޮންޓްރެކްޓަރާއި ޙަވާލުކޮށްފައިވަނީ ފްލެޓުތަކުގެ މަޝްރޫޢުގެ ފިނިޝިންގެ މަސައްކަތް ނުހިމަނާކަމަށް މި ސަރުކާރުންވަނީ 2019 ވަނަ އަހަރު ވިދާޅުވެފައެވެ. އެހެންކަމުން ފިނިޝިންގެ ގިނަ މަސައްކަތް ކުރަންޖެހުނީ ފްލެޓު ލިބުނު މީހުން އަމިއްލައަށެވެ.

ހިޔާ ފްލެޓުގެ މިހާރުގެ ކުއްޔަކީ 7500 ރުފިޔާއެވެ. އަދި މެއިންޓަނަންސްގެ 1،000 ރުފިޔާއާއިއެކު ޖުމްލަ 8،500 ރުފިޔާ ކޮންމެ މަހަކު ދައްކަންޖެހެއެވެ. ސަރުކާރުންވަނީ ހިޔާގެ ފިނިޝިންގއަށް ވަކި މުއްދަތެއް ކަނޑައަޅައި އެމުއްދަތުގައި ކުލި ނުދައްކާގޮތަށް ލުއިތަކެއްވެސް ދެއްވާފައެވެ.