ޚަބަރު

ރާއްޖެ- މޮރިޝަސްގެ ކަނޑުގެ އިންވަކިކުރުމުގެ މައްސަލަ ރާއްޖެއިން ކާމިޔާބުކޮށްފި


ރާއްޖެއާއި މޮރިޝަސްގެ ކަނޑުގެ ސަރަޙަދުން ފުށުއަރާ ސަރަޙައްދުގެ އިން ވަކި ކުރުމުގެ މައްސަލަ، ރާއްޖެއަށް ބޮޑު ބައި ލިބޭގޮތަށް، ރާއްޖެއިން ހުށައެޅިގޮތަށް، އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސްއިން)އިން ނިންމައިފިއެވެ. މިއާއެކު ރާއްޖޭގެ ދެކުނުން ސަރަޙައްދެއް ނުގެއްލި، ދެކުނުގެ އިން ކަށަވަރުވެގެން ދިޔައީއެވެ. ރާއްޖެއިން ހުށައެޅިގޮތަށް މި މައްސަލަ އިޓްލޮސްއިން ނިންމާފައިވަނީ ރާއްޖެއިން ހުށައެޅި ލިޔުންތަކާއި ހެއްކާއި އަދި ސެޓަލައިޓް ފޮޓޯތަކާއި ސައިންޓިފިކް ހުށައެޅުންތަކަށް ބެލުމަށްފަހުގައެވެ.

ރާއްޖެއާއި ޗާގޯސް އާކިޕަގޯ އާއި ދެމެދު އެއްވެސް ފަރާތަކަށް 200 ނޯޓިކަލް މޭލު ހަމަނުވެ، އިޤްތިޞާދީ ޚާއްޞަ ސަރަޙައްދު (އީއީޒެޑް) ފުށުއަރާ 95،000 އަކަކިލޯމީޓަރުގެ ސަރަޙައްދެއް އޮވެއެވެ. ނަމަވެސް ޗާގޯސްގެ ސިޔާދަތީ ބާރުގެ މައްސަލަ ނިމިފައި ނުވާތީ، އެ ސަރަޙައްދުގެ އިން އެއްވެސް އިރެއްގައި ކަނޑައަޅާފައެއް ނުވެއެވެ.

ދެޤައުމުގެ ފުށުއަރާ ސަރަޙައްދު ދެޤައުމުން އެއްބަސް ނުވެވޭ ޙާލަތުގައި، ބައިނަލްއަޤްވާމީ އުޞޫލުތަކުން ބަޔާންކުރަނީ އިން ވަކިކުރާނީ "އިކުއިޑިސްޓެންސް" އަށް ބަލައިގެން ކަމަށެވެ. މި އުޞޫލަށް ބަލާއިރު، ދެޤައުމުގެ ދެމެދުގައި ޚިޔާލު ތަފާތުވުން އުފެދުނީ އިން ވަކިކުރަން ފަށާނެ ހިސާބަކާ މެދުއެވެ. އެގޮތުން މޮރީޝަސްއިން ވަކާލާތުކުރަމުން ދިޔައީ، އިން ވަކިކުރުމުގައި މިން އަޅަން ފަށާނީ "ބްލެންހެމް ރީފް" އިން ފެށިގެން ކަމަށެވެ. އެއީ ހަމައެކަނި ހިކި ދިޔަވަރުގައި އެކަނި ފެންނަ ފަރެކެވެ. ނަމަވެސް ރާއްޖޭން ބުނަމުން އައީ އެއީ މީހުންނަށް އުޅެވޭ ގޮތަށް އޮތް ހިކިފަސް ތަނަކަށް ނުވާތީ އެތަން ބޭސް ޕޮއިންޓަކަށް ނުވަތަ އިން ވަކިކުރަން ފަށާ ހިސާބުގެ ގޮތުގައި ނުބެލޭނެ ކަމަށެވެ. ބޭސް ޕޮއިންޓަށް ބަލައިފި ނަމަ މޮރިޝަސް އަށް 4،687 އަކަކިލޯމީޓަރު އިތުރަށް ލިބެއެވެ.

ނަމަވެސް ރާއްޖެއިން ހުށައެޅި ލިޔެލިޔުންތަކާއި ހެކިތަކަށް ބަލައި، އިޓްލޮސްއިން ނިންމާފައިވަނީ މޮރީޝަސްގެ ހުށައެޅުން ބަލައި ނުގަތުމަށެވެ. އިޓްލޮސްގެ ޗެމްބަރުން ނިންމީ "ބްލެންހެމް ފަރު"ގެ ސަރަޙައްދުން ފެށިގެން މިން ނޭޅުމަށެވެ. އިޓްލޮސްގެ ޗެމްބަރުން ނިންމީ ތިލަ ދިޔަވަރުގައި ފެންނަ އޮންނަ ފަރަކުން، އިން ވަކިކުރުމަށް ޓަކައި "އިކުއިޑިސްޓަންސް" ރޮނގު ދެމޭނެ އެއްވެސް ހަމައެއް ނެތްކަމަށެވެ.

އެހެންކަމުން މޮރީޝަސް އާ ދެކޮޅަށް މި މައްސަލަ ނިމުމާ ގުޅިގެން، ދެޤައުމުން ފުށުއަރާ ސަރަޙައްދުން ރާއްޖެއަށް 4،600 އަކަކިލޯމީޓަރުގެ ސަރަޙައްދެއް އިތުރަށް ލިބިފައެވެ.

ރާއްޖޭގެ ދެކުނަށް އޮތް ޗާގޮސް އާކިޕެލާގޯއަކީ އެ ރަށްރަށުގައި ތިބި މީހުން އެތަނުން ބާލައި އިނގިރޭސި އިސްތިޢުމާރީ އަޅުވެތިކަމުގެ ދަށުގައި އޮތް ތަނެކެވެ. އެއީ މޮރިޝަސްގެ ސިޔާދަތީ ބާރުގެ ދަށުގައިވާ ތަނެއްކަމުގައި ބުނެ މަޝްވަރާކުރެވެމުން އަންނަތާ އެތައް އަހަރުތަކެއް ވުމަށްފަހު، 2017 ވަނަ އަހަރު އދ.ގެ ޢާންމު މަޖިލީހުން އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގައި މި މައްސަލައާބެހޭ އިސްތިޝާރީ ލަފައަކަށް އެދުނުކަމަށެވެ. އަދި އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އިން ފެބްރުއަރީ 2019 ގައި ނެރުނު "އައި.ސީ.ޖޭ. އެޑްވައިޒަރީ އޮޕީނިއަން އޮން ލީގަލް ކޮންސީކުއެންސަސް އޮފް ދަ ސެޕަރޭޝަން އޮފް ޗާގޮސް އާކިޕެލަގޯ ފްރޮމް މޮރިޝަސް އިން 1965" ގައި ކަނޑައަޅާފައިވަނީ ޗާގޮސް އާކިޕެލާގޯއަކީ މޮރިޝަސްގެ ސިޔާދަތީ ބާރުގެ ދަށުގައިވާ ތަނެއް ކަމުގައެވެ.

މިގޮތަށް މި އިސްތިޝާރީ ލަފައާ ގުޅުވައި މޮރިޝަސް އާއި އެފްރިކާގެ ޤައުމުތަކާއި ވަކި ފަރާތަކަށް ނުޖެހޭ ޙަރަކާތުގެ (ނޮން އެލައިންޑް މޫވްމަންޓް) ގައުމުތަކާ ގުޅިގެން 22 މެއި 2019 ގައި އދ.ގެ ޢާންމު މަޖިލީހަށް ޤަރާރެއް ވަނީ ހުށަހަޅާފައެވެ. މި ޤަރާރުގައި 6 މަސްދުވަހުގެ ތެރޭގައި ޗާގޮސް އާކިޕެލާގޯ މޮރިޝަސްއާ ޙަވާލުކުރުމަށް ވަނީ ގޮވާލާފައެވެ. އެ ޤަރާރަށް އދ.ގެ ޢާންމު މަޖިލީހުގައި ވޯޓަށް އެހުމުން، ދިވެހިރާއްޖެއިން ވަނީ އެ ޤަރާރާ ދެކޮޅަށް ވޯޓުދީފައެވެ.

2019 ވަނަ އަހަރުގެ އެ ގަރާރަށް ދެކޮޅަށް ވޯޓުދިނީ ދިވެހިރާއްޖޭގެ ކޮންޓިނެންޓަލް ޝެލްފް 200 ނޯޓިކަލް މޭލަށްވުރެ އިތުރުކުރުމަށް ކޮމިޝަން އޮން ދަ ލިމިޓްސް އޮފް ދަ ކޮންޓިނެންޓަލް ޝެލްޕް (ސީ.އެލް.ސީ.އެސް) އަށް 26 ޖުލައި 2010 ގައި ރާއްޖެއިން ހުށަހެޅި ހުށަހެޅުމަށް މޮރިޝަސްއިން އިޢުތިރާޟުކޮށް، 24 މާޗް 2011 ގައި "ފޯމަލް ޕްރޮޓެސްޓް" ހުށަހަޅާފައިވާތީ ކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވިއެވެ.