ޚަބަރު

"ޞަލާޙުއްދީން ސްކޫލް"ގެ މަސައްކަތް ދިރާސީ އައު އަހަރަށް ނިންމަނީ


ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރައްވާ ޞަލާހުއްދީން ސްކޫލްގެ މަސައްކަތް، އަންނަ ދިރާސީ އަހަރަށް ނިންމެވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

"ޞަލާޙުއްދީން ސްކޫލް"ގެ ޢަމަލީ މަސައްކަތް ޙަވާލުކުރައްވާފައިވަނީ އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ. ސްކޫލްގެ ޢަމަލީ މަސައްކަތް ފެށީ 2021 ވަނަ އަހަރުގެ ފެބްރުއަރީގައެވެ.

މިއީ 6 ފަންގިފިލާއަށް ޢިމާރާތްކުރައްވާ ސްކޫލެކެވެ. ސްކޫލްގެ ކޮންސްޓްރަކްޝަން މަސައްކަތްތަކުގެ ބޮޑު ބައެއް މިހާރު ވަނީ ނިމިފައެވެ. އެގޮތުން އިމާރާތުގެ ޝީޓްތައް އެޅުމުގެ މަސައްކަތްތައް ނިމި، މިހާރު ކުރަމުންދަނީ ރޭނުމުގެ މަސައްކަތެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ ސްކޫލްގެ މަސައްކަތްތައް އޮގަސްޓްގެ ނިޔަލަށް ނިންމެވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ. މަސައްކަތްތައް ނިންމަވައި މިއަހަރުގެ އޮގަސްޓްގައި ފަށާ ދިރާސީ އައު އަހަރާއެކު ސްކޫލްގެ ކިޔެވުން ފެށުމަށް މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. މިއީ 1000 އާއި 1200 އާ ދެމެދުގެ ދަރިވަރުންގެ ޖާގައިގެ ސްކޫލެކެވެ.

"ޞަލާޙުއްދީން ސްކޫލު" ނިސްބަތްވާ، ޙުސައިން ޞަލާޙުއްދީނަކީ ދިވެހިރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު އަދި އެންމެ ޚިދުމަތްތެރި އެއް އަދީބެވެ. މި ސްކޫލަކީ 118 މިލިއަން ރުފިޔާ ޚަރަދުކުރައްވައިގެން ތަރައްޤީކުރައްވާ ސްކޫލެކެވެ.

ޞަލާޙުއްދީން ސްކޫލަކީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބިނާ،ކުރައްވަން ފެށްޓެވި ފުރަތަމަ ސްކޫލެވެ. ނަމަވެސް އާބާދީ އިތުރުވުމާ ގުޅިގެން ވަގުތީ ސްކޫލެއްގެ ގޮތުގައި އިތުރު ސްކޫލެއް ތަރައްޤީކުރައްވައި، މި ހިނގާ ދިރާސީ އަހަރާއެކު "އަޙްމަދު ކާމިލްދީދީ ޕްރައިމަރީ ސްކޫލް" ގެ ނަމުގައި އެ ސްކޫލްގެ ކިޔެވުން ވަނީ ފަށްޓަވައިފައެވެ. މިސްކޫލްގައި 800 އެއްހާ ކުދިން އަންނަނީ ކިޔަވަމުންނެވެ. އެ ސްކޫލްގައި 24 ކްލާސްރޫމް ހުރެއެވެ.

މީގެއިތުރުން ވެސް 2 ޕްރީ ސްކޫލަކާއި އިންޓަރނޭޝަނަލް ސްކޫލެއްގެ މަސައްކަތް ވެސް ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަންނަނީ ކުރަމުންނެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ މިވަގުތު ހުޅުމާލެ ދެވަނަ ފިޔަަހީގައި ހަދަމުންދާ ސްކޫލުތަކުގެ މަސައްކަތް ނިމުމުން 6000 ދަރިވަރުންނަށް ޖާގަ ލިބޭކަމަށެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި މިހާރު ބޮޑު އާބާދީއެއް އަންނަނީ ދިރިއުޅެމުންނެވެ. ހަމައެކަނި ހިޔާ ޓަވަރުތަކުގައި ދިރިއުޅޭ އާބާދީވެސް 30000އިން މައްޗަށް އަރައެވެ. މީގެއިތުރުން ކުންފުނިތަކުގެ ފްލެޓާއި، އަމިއްލަ މީހުންގެ ގެތަކުގައި މިހާރު މީހުން ދިރިއުޅެއެވެ.

ހުޅުމާލެ ދެވަނަ ފިޔަވައްސަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ޤާއިމުކުރެއްވުމަށް ސަރުކާރުން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.