ޚަބަރު

ވެމްކޯއިން ވިއްކާ ކޮތަޅު، ވެމްކޯގެ އޮފީސްތަކާއި އަމިއްލަ ފިހާރަތަކުން މިހާރު ލިބޭނެ


ވެމްކޯއިން ކުނި އުކާލުމަށް ޚާއްސަ ކޮތަޅު ވިއްކަން ފަށައިފިއެވެ. މިކޮތަޅު ވެމްކޯގެ ކަސްޓަމަރ ފްރަންޓް އޮފީހާ، ޓްރާންސްފަރ ސްޓޭޝަނާއި ބައެއް އަމިއްލަ ފިހާރަތަކުންވެސް މިހާރު ގަންނަން ލިބޭނެއެވެ.

ވެމްކޯއިން ކުނި އެޅުމަށް ޚާއްސަ ކޮތަޅެއް ވިއްކަން ނިންމެވީ ކޮތަޅުން ފީއެއް ނަގަން ފެށުމުން، ކުނި އަޅާ ކޮތަޅުވެސް ގަންނަންޖެހުމުގެ ޝަކުވާ އާއްމު ރައްޔިތުން ކުރަމުންދާ ދަނޑިވަޅެއްގައެވެ. ކުނި އުކުމަށް ޚާއްސަކޮށް ވިއްކާ ކޮތަޅުން، ޕްލާސްޓިކް ކޮތަޅު ފީގެ ގޮތުގައި އިތުރަށް ނަގާ 2 ރުފިޔާއެއް ނުނަގާނެއެވެ.

މިއީ "ބިން ލައިނަރ" ނުވަތަ ކުނި އެޅުމަށް ޚާއްސަ ކޮތަޅެވެ. ވެމްކޯއިން މިހާރު މިވަނީ ބިން ލައިނަރ ވިއްކަން ފަށާފައެވެ. މީގެ 3ސައިޒުގެ ކޮތަޅު ވެމްކޯއިން ވިއްކާނެއެވެ.

  • * (L) ލާޖް ކޮތަޅު 11 އިންޗި - 100 ކޮތަޅުގެ ބޮނޑިއެއް 35 ރުފިޔާއަށް
  • * (XXL) ކޮތަޅު 17 އިންޗި - 100 ކޮތަޅުގެ ބޮނޑިއެއް 165 ރުފިޔާއަށް
  • * (XXXL) ކޮތަޅު 27 އިންޗި - 50 ކޮތަޅުގެ ބޮނޑިއެއް 165 ރުފިޔާއަށް

މި ކޮތަޅު ވެމްކޯގެ ކަސްޓަމަރ ފްރަންޓް އޮފީސް، ހުޅުމާލެ އަދި ވިލިމާލެ ވޭސްޓް ޓްރާންސްފަރ ސްޓޭޝަން، ލަގްޒަރީ ޝޮޕް، ތޫރި ޝޮޕް އަދި އެޗް.ސީ.ޔޫ މަރޓްއިން މިހާރު ލިބޭނެއެވެ. އަދި ހުޅުމާލޭގައި ފަހި ޕްލާޒާ ފިހާރައިންވެސް ލިބޭނެއެވެ. މީގެއިތުރުންވެސް ހޯލްސޭލް އަދި ރީޓެއިލްކޮށް މި ކޮތަޅު ވިއްކަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ވަނީ ހުޅުވާލައްވާފައެވެ.

ވެމްކޯގެ ވެބްސައިޓް މެދުވެރިކޮށް އޮންލައިންކޮށްވެސް ކޮތަޅަށް އޯޑަރު ދެވޭނެއެވެ.

ވެމްކޯއިން ވިއްކާ ކޮތަޅުތައް ފެހި ކުލައާއި ކަޅު ކުލައިގައި ހުންނައިރު މި ކޮތަޅުތަކުގެ ތެރެއިން ނެތިފަނާވެދާ ކުނި ބަންދު ކުރަންވާނީ ފެހިކުލައިގެ ކޮތަޅުގައި ކަމަށާއި އެހެނިހެން ކުނި ބަންދުކުރާނީ ކަޅު ކުލައި ކޮތަޅުގައި ކަމަށް ވެމްކޯއިން ވަނީ އަންގަވާފައެވެ. އަދި މި ކޮތަޅުތައް ހަމައެކަނި ކުނި އުކާލުމަށް ބޭނުންކުރެއްވުމަށް އެ ކުންފުނިން އިލްތިމާސްކުރައްވައެވެ.