ޚަބަރު

4 މަޝްރޫއަކަށް ދޭން އެއްބަސްވެފައިވާ އެހީގެ ބައެއް ދޫކޮށްފި


އިންޑިއާ ސަރުކާރުން ރާއްޖެއަށް އެކި ދާއިރާތަކުން އެހީވުމަށް ކަނޑައަޅާފައިވާ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްތަކުގެ ތެރެއިން 4 ޕްރޮޖެކްޓަކަށް 2.73 މިލިއަން ރުފިޔާ ދޫކޮށްފިއެވެ.

ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން ދޫކޮށްފައިވާ ހިލޭ އެހީ ދިވެހި ސަރުކާރާއި ޙަވާލުކޮށްދެއްވީ ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަންގެ ފަރާތުންނެވެ.

މިއެހީއަކީ މިހާރު ހިނގަމުންދާ ބައެއް މަޝްރޫޢުތައް ކުރިއަށްގެންދިއުމަށާއި، ބައެއް މަޝްރޫޢުތައް ނިންމުމަށް ބޭނުންވާ ފައިސާއެވެ. އޭގެތެރޭގައި ގދ.ގައްދޫގައި "ސްޕޯޓްސް ކޮމްޕްލެކްސް"އާއި، ގދ. ތިނަދޫ އަބޫބަކުރު ސްކޫލާއި، ލ.ގަމު ޅައްދޫ ސްކޫލްގެ އިތުރުން ހއ.އަތޮޅުގެ ތަޢުލީމީ މަރުކަޒުގައި އިންކްލޫސިވް އެޑިއުކޭޝަން ސަޕޯޓް ޔުނިޓްތައް އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތް ހިމެނެއެވެ.

މީގެއިތުރުން "ސްޓޫޑެންޓްސް ވިތް ކޮމްޕްލެކްސް ލަރނިންގް ޕްރޮފައިލް (އެސް.ސީ.އެލް.ޕީ)"އަށް އޮންލައިންކޮށް އުނގެނުމުގެ ވަސީލަތްތައް ތަރައްޤީކުރުމަށާއި އެސިސްޓިވް ޓެކްނޮލޮޖީތައް ބޭނުންކުރުމަށް މުދައްރިސުން ތަމްރީނުކުރުންވެސް މި މަޝްރޫޢުގެ މަސައްކަތުގެ ތެރޭގައި ހިމެނެއެވެ. އަދި ތ.ވޭމަންޑޫގައި ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް (އެޗްއައިސީޑީޕީ) ސްކީމްގެ ދަށުން 100 މަގުބައްތި ހަރުކުރުމަށް ކުރިއަށްގެންދާ މަސައްކަތް އަވަސްކުރުމަށްވެސް މި އެހީ ބޭނުންކުރާނެއެވެ.

ހައި އިމްޕެކްޓް ޕްރޮޖެކްޓްތަކަކީ އިންޑިއާއާއި ރާއްޖެއާ ދެމެދު އޮންނަ ހަރުދަނާ ތަރައްޤީގެ ގުޅުމުގެ މުހިންމު ބައެކެވެ. މި މަޝްރޫޢުތަކަކީ ރަށްރަށުގެ މުޖުތަމަޢުތަކުގެ ބޭނުންތަކަށް އަމާޒުކޮށްގެން ހިންގާ މަޝްރޫޢުތަކެކެވެ. މީގެ ދަށުން މިހާތަނަށް 155 މިލިއަން ރުފިޔާގެ އެހީ ވަނީ ފޯރުކޮށްދީފައެވެ. މީގެ އިތުރުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްޤީގެ 18 މަޝްރޫޢެއް ހިންގުމަށް އެހީތެރިވުމުގެ ގޮތުން އިންޑިއާއިން ވަނީ 106 މިލިއަން ރުފިޔާގެ ހިލޭ އެހީ ދީފައެވެ.