ޚަބަރު

ފުއްގިރި މައްސަލައިގެ އަޑުއެހުންތައް ލައިވްކުރައްވާނީ ހެކިބަސް ނެންގެވުމުގެ މަރުޙަލާއަށްފަހު


ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ ޚިޔާނާތުގައި މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދަޢުވާގެ ޝަރީއަތްތައް ލައިވްކުރައްވާނީ ހެކިބަސް ނެންގެވުމުގެ މަރުޙަލާއަށްފަހުގައި ކަމަށް ނިންމަވައިފިއެވެ.

ފުއްގިރީގެ މައްސަލައިގައި ދައުލަތުން ރައީސް ޔާމީންގެ މައްޗަށް އުފުއްލަވައިފައިވަނީ ރިޝްވަތު ޤަބޫލުކުރުމާއި މަނީ ލޯންޑަރިންގގެ ދަޢުވާއެވެ. އެގޮތުން ރިސޯޓެއްގެ ގޮތުގައި ރ. ފުއްގިރި ތަރައްޤީކުރަން ކުއްޔަށް ދޫކުރުމުގެ މުޢާމަލާތުގައި މަޤާމުގެ ނުފޫޒު ބޭނުންކުރައްވައި 1.1 މިލިއަން ޑޮލަރު ހޯއްދަވާފައިވާ ކަމަށް ދައުލަތުން ތުހުމަތުކުރައްވައެވެ.

މިމައްސަލައިގެ މިއަދުގެ އަޑު އެހުމަކީ މައްސަލައިގެ ޝަރީއަތް ފެށުމަށް ބޭއްވެވި އަޑު އެހުމެކެވެ. މިޝަރީއަތް ކުރިއަށް ގެންދެވީ އޮންލައިންކޮށެވެ. ނަމަވެސް ރައީސް ޔާމީންގެ މައްޗަށް އުފުއްލަވައިފައިވާ ދައުވާތައް ސާބިތުކުރުމަށް ދައުލަތުން ހުށަހެޅުއްވި ހެކިތަކާ ގުޅޭގޮތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ އޮތުމުން ޝަރީއަތް ފެށުން ވަނީ ފަސްކުރަން ޖެހިފައެވެ. ރައީސް ޔާމީންގެ ވަކީލުން ވަނީ މިމައްސަލާގައި ސުޕްރީމް ކޯޓުން ވަކި ގޮތެއް ކަނޑައަޅަންދެން އަޑުއެހުންތައް މަޑު ޖައްސާލުމަށް އެދިވަޑައިގެންފައެވެ. ޝަރީއަތް މަޑު ޖައްސާލެއްވުމަށް ދައުލަތުން ވެސް ދެކޮޅެއް ނުހައްދަވައެވެ.

ނަމަވެސް މައްސަލަ ބައްލަވާ ޤާޟީ ޢަލީ ނަސީމް ވިދާޅުވީ އިސްތިޢުނާފްކޮށްފައިވާ ދެ ނުކުތާއަކީވެސް މި ޝަރީޢަތަށް އަސަރުކުރާނެ ދެކަންތައް ނޫންކަމަށެވެ. އަދި ޝަރީއަތް މަޑުޖައްސާލަންޖެހޭ ފަދަ ސަބަބެއް އޮތްކަމަށް ދެކެވަޑައި ނުގަންވާކަމަށް ޤާޟީ ވިދާޅުވިއެވެ. ޤާޟީ ވަނީ މިމައްސަލަ ކޯޓަށް ހުށަހެޅިފައިވާތާ ތިންއަހަރު ވެފައިވާއިރު، އިފްތިތާޙީ ބަޔާން ތައްޔާރު ނުކުރެވުނީ ކީއްވެތޯ ސުވާލު ކުރައްވާފައެވެ. އަދި ދެން އޮންނަ އަޑު އެހުމެއްގައި އިފްތިތާޙީ ބަޔާން ނެންގެވުމުގެ މަރުޙަލާ ކުރިއަށް ގެންދަވާނެކަމަށް ޤާޟީ ވިދާޅުވިއެވެ.

މިއަޑު އެހުމުގައި ރައީސް ޔާމީން ވަނީ އަވަސް އަރުވާލައްވައިގެން ޝަރީއަތް ކުރިއަށް ނުގެންދަވައި، ވަކީލުންނާއެކު ބައްދަލުކުރައްވާ މަޝްވަރާ ކުރެއްވޭނެ އެކަށީގެންވާ ވަގުތު ދެއްވުމަށް އެދިވަޑައިގެންފައެވެ. އަދި މިމައްސަލައިގައި ވެސް އެމަނިކުފާނަށް ކުރައްވަމުންދާ ތުހުމަތުތަކަކީ އިންސާފުން ބޭރުން ކުރައްވާފައިވާ ތުހުމަތުތަކެއްކަން ދިވެހި ރައްޔިތުންނަށް ހާމަކޮށްދެއްވަން ބޭނުންވެ ވަޑައިގަންނަވާ ކަމަށާއި، ޝަރީއަތް ލައިވްކޮށްދެއްވުމަކީ ވަރަށް ބޮޑު އެދިވަޑައިގަތުމެއް ކަމަށް ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ވާހަކަތަކާ ގުޅިގެން ޤާޟީ ނަދީމް ވިދާޅުވީ ހެކިބަސް ނެންގެވުމުގެ އަޑު އެހުންތައް ލައިވް ނުކުރައްވާނެކަމަށެވެ. ސަބަބަކީ ހެއްކަށް ނުފޫޒު ފޯރުވުމުގެ ފުރުޞަތު އޮތުމުންކަމަށެެވެ. ނަމަވެސް ހެކިބަސް ނަންގަވާ ނިންމެވުމަށްފަހު އަޑުއެހުންތައް ލައިވް ކުރައްވަން ނިންމަވާފައިވާ ކަމަށް ޤާޟީ ވިދާޅުވިއެވެ. މިމައްސަލައިގެ އަޑު އެހުމެއް ބޭއްވެވުމަށް ދެން ތާވަލް ކުރައްވައިފައިވަނީ މިމަހުގެ 30 ވަނަ ދުވަހުއެވެ.

ރ.ފުއްގިރީގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ދަޢުވާ އުފުއްލަވައިފައިވާއިރު، ވ. އާރަށުގެ މައްސަލައިގައި ދައުލަތުން ރައީސް ޔާމީންގެ މައްޗަށް އުފުއްލެވި ދެ ދަޢުވާއެއް ސާބިތުވުމާ ގުޅިގެން އެމަނިކުފާނުގެ މައްޗަށް 11 އަހަރުގެ ޖަލު ޙުކުމެއް މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ އިއްވަވައިފައެވެ. އަދި އެމަނިކުފާނު މިވަގުތު ހުންނެވީ ޙުކުމް ތަންފީޒުކުރެއްވުމަށް ކ.މާފުށީ ޖަލުގައެވެ.

މިހާރު އުފުއްލަވައިފައިވާ ދައުވާތައް ސާބިތުވެއްޖެ ނަމަ، މަދުވެގެން ފަސް އަހަރުގެ ޖަލު ޙޫކުމާއެކު، ޖޫރިމަނާގެ ޙުކުމެއް އަންނާނެއެވެ.