ޚަބަރު

ޕީސީބީއަށް ޢައްޔަންކުރެއްވި ޝިރުވީނަށް ރުހުންހޯދުމުގެ މައްސަލަ ކޮމިޓީއަށް


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑަށް ޢައްޔަންކުރެއްވި މ.ލޭންޑްއޮފްގާރޑްން، އަލްއުސްތާޛާ ފާޠިމަތު ޝިރުވީނަށް ރުހުން ހޯއްދެވުމަށް މަޖިލީހަށް ފޮނުއްވި މައްސަލަ ދިރާސާކުރެއްވުމަށް ކޮމިޓީއަށް ފޮނުއްވައިފިއެވެ.

ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓްކުރުމުގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑަށް ޤާނޫނީ ދާއިރާއިން ބޭފުޅަކު ޢައްޔަންކުރައްވަންޖެހެއެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ޕީސީބީގެ މެމްބަރުކަމަށް އަލްއުސްތާޛާ ފާޠިމަތު ޝިރުވީން ޢައްޔަންކުރައްވާފައިވަނީ ޤާނޫނުގައި ބަޔާންކުރާ ގޮތުގެމަތިން، އެ ބޯޑަށް ޤާނޫނީ ދާއިރާއިން ޢައްޔަންކުރައްވަންޖެހޭ މެމްބަރުގެ ގޮތުގައެވެ.

ޝިރުވީނަށް ރުހުން ހޯދުމުގެ މައްސަލަ ދިރާސާ ކުރެއްވުމަށް މަޖިލީހުން ފޮނުވީ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް، (އެސްއޯއީ) ކޮމިޓީއަށެވެ.

އަލްއުސްތާޛާ ފާޠިމަތު ޝިރުވީން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ މެންބަރަކަށް ޢައްޔަންކުރެއްވުމާ ހަމައަށް މަސައްކަތްކުރައްވަމުން ގެންދެވީ ދިވެހިރާއްޖޭގެ އެޓަރނީ ޖެނެރަލްގެ އޮފީހުގެ ސްޓޭޓް ކައުންސިލްގެ ގޮތުގައެވެ. އަދި މިހާރުވެސް ޝިރުވީނަކީ ފެމެލީ ލީގަލް ކްލިނިކް، އެން.ޖީ.އޯގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރެއްވެސްމެއެވެ.

އަލްއުސްތާޛާ ފާޠިމަތު ޝިރުވީން ވަނީ އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ކެމްބްރިޖުން މާސްޓަރސް އޮފް ލޯ ޙާޞިލްކުރައްވާފައެވެ. 4 އަހަރުގެ ދައުރަކަށް ޢައްޔަންކުރައްވާ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑަކީ 7 މެމްބަރުންގެ މައްޗަށް އެކުލެވޭ ބޯޑެކެވެ. އެ ބޯޑުގެ މެމްބަރުކަމަށް އަލަށް އޢައްޔަންކުރެއްވި ޝިރުވީނާއެކު ބޯޑުގައި މިވަގުތު ތިއްބެވީ 6 މެމްބަރުންނެވެ.