ޚަބަރު

ހޯރަފުށީގައި ހޮސްޕިޓަލް އަޅާނެ ބަޔަކު ހޯދަނީ


ހއ. ހޯރަފުށީ ޞިއްޙީ މަރުކަޒު، ހޮސްޕިޓަލަކަށް ބަދަލުކުރުމަށް ބޭނުންވާ ޢިމާރާތުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯއްދަވަން ފިނޭންސް މިނިސްޓްރީން އިޢުލާންކުރައްވައިފިއެވެ.

ހޯރަފުށީ ޞިއްޙީ މަރުކަޒު އިތުރަށް ބޮޑުކުރައްވައި ހޮސްޕިޓަލެއް ތަރައްޤީކޮށްދެއްވަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ނިންމަވައިފައެވެ.

ފިނޭންސް މިނިސްޓްރީން ވިދާޅުވީ މި މަޝްރޫޢުގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި 4.30 މިލިއަން ރުފިޔާ ދައްކަން ޖެހޭނެކަމަށެވެ. މަސައްކަތަށް ޝަރުތު ހަމަވާ މީހުން ހޯއްދެވުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން (އެންސީބީ) އުސޞޫލުގެ މަތިންނެވެ. ހޯރަފުށީގައި ބިނާކުރައްވަ ހޮސްޕިޓަލްގެ ބިޑްތައް ހުޅުއްވުން އޮންނާނީ އަންނަ މަހުގެ 4 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11 ޖަހާއިރެވެ.

ގާތްގަނޑަކަށް 3،500 މީހުންގެ އާބާދީއެއް އޮންނަ ހޯރަފުށީގެ ހޮސްޕިޓަލް މަޝްރޫޢަށް މިއަހަރުގެ ބަޖެޓުގައި ވަނީ 1.1 މިލިޔަނަށްވުރެ ގިނަ ރުފިޔާ ހިމަނުއްވައިފައެވެ.

މިއަހަރުގެ ޖެނުއަރީ މަހުގެތެރޭގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހއ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ހޯރަފުށްޓަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ މުޚާތަބުކުރައްވައި ވިދާޅުވެފައިވަނީ އެ މަނިކުފާނު ދެން ހޯރަފުށީ ރައްޔިތުންނާ ބައްދަލުކުރައްވާނީ ހޮސްޕިޓަލުގެ މަސައްކަތް ނިންމަވައިފައި ކަމަށެވެ.

މި ދައުރުގެ ތެރޭގައި ހޯރަފުށީގައި ހިންގަވައިފައިވާ ތަރައްޤީގެ މަޝްރޫޢުތަކުގެ ތެރޭގައި ހޯރަފުށީ އެއަރޕޯޓް ހެދުމާއި ފުޓުބޯޅަ ދަނޑު ހެދުމާއި ގޮނޑުދޮށް ޙިމާޔަތްކުރުމާއި، އައިސްޕްލާންޓެއް ހެދުމާއި އެރަށު މަގުތަކުގައި ތާރުއަޅާއިގެން ތަރައްޤީކުރެއްވުން ހިމެނެއެވެ.