ޚަބަރު

ބްރޯޑްކޮމްގެ މެންބަރުކަމަށް ޞަފާ ޢައްޔަންކުރައްވަން މަޖިލީހުން ފާސްކުރައްވައިފި


މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރުކަމަށް ޞަފާ ޝަފީޤު ޢައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައިފިއެވެ.

ބްރޯޑްކޮމްގެ ހުސްވެފައިވާ މެންބަރުކަމުގެ މަޤާމަށް ޢައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ނަންތަކުގެ ތެރެއިން ކޮމިޓީން ދިރާސާކުރައްވައި، ތަޅުމަށް ފޮނުއްވި ދެ ނަމަށްވެސް ވަނީ ވޯޓަށް އަހާފައެވެ. އެއީ ޞަފާ ޝަފީޤާއި، ޝިހާމް މުޙައްމަދު ވަޙީދުގެ ނަމެވެ.

ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ހުސްވެފައިވާ މެންބަރުކަމުގެ މަޤާމަށް ޞަފާ ޝަފީޤް ޢައްޔަންކުރައްވަން ފާސްވީ 40 މެންބަރުންގެ ވޯޓުންނެވެ. ޝިހާމް މުޙައްމަދު ވަޙީދު އައްޔަންކުރެއްވުމަށް 7 މެމްބަރަކު ވޯޓު ދެއްވިއިރު، ނުފެންނަކަމަށް 31 މެމްބަރަކު ވަނީ ވޯޓު ދެއްވާފައެވެ.

ބްރޯޑްކޮމަށް މެންބަރަކު ޢައްޔަންކުރެއްވުމަށް ރުހުން ހޯއްދެވުމަށް މަޖިލީހަށް ނަން ފޮނުއްވީ، ބްރޯޑްކޮމްގެ މެމްބަރުކަމުގެ މަޤާމުގައި ހުންނެވި އަމްޖަދު އިބްރާހީމްގެ މެންބަރުކަމުގެ މުއްދަތު މިދިޔަ މާރިޗް މަހުގެ 15 ގެ ނިޔަލަށް ހަމަވުމާ ގުޅިގެންނެވެ.

7 މެންބަރުންގެ މައްޗަށް އެކުލެވޭ ބްރޯޑްކާސްޓިންގ ކޮމިޝަންގައި މިހާރު ތިއްބެވީ، އެކޮމިޝަންގެ ރައީސާ މަރްޔަމް ވަޙީދާ އާއި، ނާއިބު ރައީސް މުޙައްމަދު ފަޒީންގެ އިތުރުން ކޮމިޝަންގެ މެންބަރުން ކަމަށްވާ އަމްޖަދު ވަޙީދާއި، ޢަލީ ޔޫސުފާއި، އާމިނަތު އަމީނާއާއި، ޝިފްލާ އިބްރާހީމެވެ.