ޚަބަރު

ޒަމާނީ ވަޞީލަތްތައް ހުރިނަމަވެސް ބާރަށް ދުއްވާ މީހުންގެ ފަހަތުން ފުލުހުން ދުވަންޖެހިފައި


ކުރިއަރާފައިވާ ޤައުމުތަކުގައި މަގުމައްޗަކީ އެންމެނަށް ރައްކާތެރި ތަނަކަށް ހެދުމަށް، ޤާނޫނުތައް އެކުލަވާލައި، އެޤާނޫނުތަކާއި ޚިލާފުވާ މީހުންނާމެދު ހަރުކަށި ފިޔަވަޅުތައް އެޅޭނެ މަގުވެސް ވަނީ ތަނަވަސްކޮށްދީފައެވެ. ހަމައެއާއެކު ޤާނޫނު ތަންފީޒުކުރެވޭނެ ފަސޭހަމަގުތައްވެސް ތަންފީޒީ އިދާރާތަކުން އެކަންކުރަން ތިބި ސަލާމަތީ ބާރުތަކަށްވެސް ވަނީ ފަހިކޮށްދީފައެވެ.

ރާއްޖޭގައިވެސް އެކިއެކި ހިދުމަތްތަކާއި ކަންކަން ކުރުމުގައި ޒަމާނީ ޓެކްނޮލޮޖީއާއި އެކި ވަސީލަތްތައް ބޭނުންކުރާކަމަށް އަބަދުވެސް ބުނެއެވެ. އެގޮތުން ފުލުހުންގެ މަސައްކަތުގައިވެސް ޒަމާނީ ޓެކްނޮލޮޖީ ބޭނުންކުރަން ފަށައިގެން އުޅޭތާ އަހަރުތަކެއްވެއްޖެއެވެ. އަދި އޭގެ ނަތީޖާވެސް ދަނީ ފެންނަމުންނެވެ. ނަމަވެސް މަގުމަތީގެ ޓްރެފިކް ބެލެހެއްޓުމަށް ފުލުހުން ކުރާ މަސައްކަތުގައި ޒަމާނީ ޓެކްނޮލޮޖީގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފޭތޯ މިއީ ކޮށްލަން ރަނގަޅު ސުވާލެކެވެ.

ހުޅުމާލޭ ބްރިޖާއި ހައިވޭ މަތީގައި ބާރަށް ދުއްވާ މީހުން ސްޕީޑް ގަން ބޭނުންކޮށްގެން މޮނީޓަރކުރައްވަން ފުލުހުން ފެށްޓެވީ 2019 ވަނަ އަހަރުގެ އޯގަސްޓް މަހުގައެވެ. އަދި ސްޕީޑް ކެމެރާއިން އެ ސަރަޙައްދު ބަލަހައްޓަވަން ފެއްޓެވީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ. މިވީ މުއްދަތުގެ ތެރޭގައި މިކަން ކުރައްވަމުން ގެންދަވަނީ ހަމައެކަނި މާލެ އާއި ބްރިޖް އަދި ހައިވޭ ހިމެނޭ ސަރަޙައްދުގައެވެ. ސްޕީޑް ގަން ބޭނުންކޮށްގެން ހުޅުމާލެ މޮނީޓަރ ކުރެއްވިނަމަވެސް އެކަށީގެންވާ ގޮތުގައި އެކަމެއް ތަންފީޒެެއް ނުކުރެއްވެއެވެ.

އިތުރުވަމުންދާ އާބާދީ އާއި، ބްރިޖާއެކު ކޮންމެ ދުވަހަކުވެސް ހުޅުމާލެއަށް ގޮސްއައިސްވާ މީހުންގެ ޢަދާދާއި ވެހިކަލްތަކުގެ ޢަދަދުތައް ދަނީ އިތުރުވަމުންނެވެ. އެހެންނަމަވެސް މި ވެހިކަލްތައް މޮނިޓަރކުރުމަށް ހުޅުމާލޭގައި ފުލުހުން ބޭނުންކުރަން އޮތީ އެންމެ ސްޕީޑް ގަންއެކެވެ. އަދި ސްޕީޑް ކެމެރާ ބޭނުންކޮށްގެން ހުޅުމާލެ މޮނީޓަރކުރާކަށް އަދި ނުފަށްޓަވައެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ފުލުހުން ވިދާޅުވީ ޓްރެފިކް ބެލެހެއްޓުމުގައި ޒަމާނީ ވަޞީލަތްތައް ބޭނުންކޮށްގެން ފިޔަވަޅު އަޅާނެ ޤާނޫނުތަކާއި އެކަމުގެ އޮނިގަނޑެއްވެސް ނެތްކަމަށެވެ. އެހެންނަމަވެސް އެކަންކަން ފުރިހަމަކުރުމަށް ފުލުހުން އަންނަނީ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

މިކަމުގައި ޓްރާންސްޕޯޓް މިނިސްޓްރީއާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީއާއި ކަމާގުޅޭ އެހެނިހެން އިދާރާތައް ގުޅިވަޑައިގެން މިކަން ކުރެއްވޭނެ ވަރުގަދަ ނެޓްވާރކެއް ޤާއިމުކުރައްވައި ޤާނޫނަށް ބަދަލުތަކެއް ގެންނަންޖެހޭކަމަށް ފުލުހުން ވިދާޅުވެއެވެ.

ސްޕީޑް ގަން އަދި ސްޕީޑް ކެމެރާ ބޭނުންކޮށްގެން ދުނިޔޭގެ އެހެން ޤައުމުތަކުގައި މީހުން ޖޫރިމަނާކުރެއެވެ. އަދި ބާރަށް ދުއްވާ ފަރާތްތަކަށް އޮޓޮމޭޓަޑް ނިޒާމެއްގެ ތެރެއިން ޖޫރިމަނާގެ ރަސީދު ފޮނުވާނެއެވެ. އަދި މިފަދަން ކުރާ ޖޫރިމަނާތައް ދައްކާ ޚަލާޞްކޮށްގެން ނޫނީ، ސަރުކާރުގެ އެއްވެސް ހިދުމަތެއް އެމީހުންނަށް ނުލިބޭގޮތަށް ޤާނޫނީ އޮނިގަނޑު އޮންނަނީ އެކުލަވާލާފައެވެ.

އެހެންނަމަވެސް ރާއްޖޭގައި މިކަން ކުރެވޭނެ އޮނިގަނޑެއްވެސް އަދި ޤާނޫނީ ބާރެއްވެސް ފުލުހުންނަކަށް ނެތެވެ. ނަތީޖާއެއްގެ ގޮތުން ފުލުހުން އަދިވެސް ޖެހެނީ ބާރަށް ދުއްވާ އުޅަނދުތައް ފަހަތުން ދުއްވައިގެން، އެމީހުން ހުއްޓުވައި ފިޔަވަޅު އަޅުއްވާށެވެ. ނަމަވެސް އިތުރުވަމުންދާ ނުރައްކާތެރި އެކްސިޑެންޓްތަކަށް ބަލާއިރު މި މަސައްކަތް މިހާރު ދާ ސްޕީޑަށްވުރެ އަވަސްކުރަން އެބަޖެހެއެވެ.

ހުޅުމާލެ ސްޕީޑް ކެމެރާއިން މޮނީޓަރކުރެވޭނެގޮތާއި، ގްރޭޓަރ މާލެ ސަރަޙައްދު ބެލެހެއްޓުމަށް އިތުރު ސްޕީޑް ކެމެރާތައް ހަރުކޮށް، އެކަމާއި ގުޅޭ ޤާނޫނީ އޮނިގަނޑުތައް އެކުލަވާލަންޖެހެއެވެ. ޓެކްނޮލޮޖީގެ ފައިދާ މިފަދަ ހުރިހާ ދާއިރާއަކާއި ހިދުމަތްތަކަށް ހޯދައިދޭން އެބަޖެހެއެވެ.