ޚަބަރު

މިދައުރުގެ ތެރޭގައި ގޯއްޗާއި ފްލެޓް ދެއްވާނެކަމުގެ ޔަޤީންކަން ހައުސިންގ މިނިސްޓަރވެސް ދެއްވައިފި


ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ވެރިކަމުގެ މިދައުރުގެ ތެރޭގައި ދެއްވަން ވަޢުދުވެވަޑައިގެންފައިވާ ފްލެޓާއި، ގޯތި ދެއްވޭނެކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތްކަމުގައި މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މާލޭގެ ރައްޔިތުންނަށް ޚާއްޞަކުރައްވައިގެން ދޫކުރެއްވުމަށް ހަމަޖެހިފައިވާ ފްލެޓާއި، ގޯތި ދެއްވުމަށް ނިންމަވައިުފައިވާ ނިންމުމާ އެއްގޮތަށް މަސައްކަތް ކުރިއަށްދޭތޯ މެދުހެންވޭރު ދާއިރާގެ މެމްބަރު ޢަލީ ޢާޒިމް މިނިސްޓަރ އަސްލަމާ ވަނީ މަޖިލީހުގައި މިއަދު ސުވާލުކުރައްވައިފައެވެ.

މިސުވާލުގެ ޖަވާބުގައި މިނިސްޓަރ އަސްލަމް ވިދާޅުވީ މި ސަރުކާރުން ވެވަޑައިގެންފައިވާ ވަޢުދާ އެއްގޮތަށް މާލޭގެ ރައްޔިތުންނަށް ޚާއްޞަކުރައްވާފައިވާ ފްލެޓާއި ގޯތި މި ދައުރުގެ ތެރޭގައި ދެއްވޭނެކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތްކަމަށެވެ.

މިހާރު މި މަސައްކަތް ކުރިއަށްދާގޮތުން ބައެއް ފްލެޓްތަކުގެ މަސައްކަތް އެކީގައި ނިމުނު ކަމުގައި ވީނަމަވެސް ބައެއް ފްލެޓްތައް ޙަވާލުކުރައްވާއިރު މަސައްކަތް ނުނިމިވެސް ހުރެދާނެކަމަށެވެ. ނަމަވެސް ސަރުކާރުން މަސައްކަތްކުރައްވަނީ ވީހާވެސް ގިނަ ފްލެޓް ނިންމެވުމަށް ކަމަށް އަސްލަމް ވިދާޅުވިއެވެ.

"މާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަމަށް ގޯއްޗާއި ފްލެޓް ހަމަ ދޭނަން. ހަމައެކަނި ލިޔުމެއް ނޫން ދޭނީ. ގޯތި ދައްކާފައި އެކަން ކުރަނީ. ފްލެޓްތަކުގެ ތެރޭގައި ބައެއް ފްލެޓްތައް ސީދާ ވަންނަ މިންވަރަށް ނުނިމި ހުރެދާނެ. އެހެންނަމަވެސް އޭގެ ބޮޑުބައި ނިމިފައި، އަދި އެއްބައި ފްލެޓްތައް ނިމޭނެ އެކީގައި. އަޅުގަނޑު ނެތިން ދަންނަވާކަށް އަޅުގަނޑު އުންމީދުކުރި ހުރިހާ އެއްޗެއް 100 ޕަސެންޓް ނިމޭނެކަމަށް. ދެން އޮންގޮއިން މަސައްކަތްތައްވެސް އޭގައި ހުންނާނެ ދައުރު ނިމިގެންދާއިރު." އަސްލަމް ވިދާޅުވިއެވެ.

ނިމިދިޔަ ސަރުކާރުން ދައުރު ނިމެންކައިރިވެފައި ވަނިކޮށް ފްލެޓް ލިޔުންތަކެއް ބަހާލިނަމަވެސް މި ސަރުކާރުން ލިޔުމާއެކު ފްލެޓް ވެސް ޙައްޤުވެރިންނަށް ލިބޭނެ ގޮތަށް ކަންކަން އިންތިޒާމު ކުރައްވާނެކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ.

"އަޅުގަނޑަށް ފުރިހަމަ ޔަޤީންކަން އެބައޮތް ގޯއްޗާއި ފްލެޓް އަޅުގަނޑުމެންނަށް ދެވޭނެކަމުގެ. ދެން އިއްޒަތްތެރި މެމްބަރު ފާހަގަކުރި ފަދައިން މިއަދު އަދި މިތިބީ އުންމީދުގަ. އިރާދަކުރެއްވިއްޔަ އެކަން ޙަޤީޤަތަކަށް ވެގެން ދާނެ." އަސްލަމް ވިދާޅުވިއެވެ.

ގޯއްޗާއި ފްލެޓަށް އެދި ފޯމް ހުށައެޅުމަށް ހުޅުއްވައިލެއްވި ފުރުޞަތުގައި 35861 ފޯމް ލިބިވަޑައިގެންފައިވާކަމަށް ޕްލޭނިން މިނިސްޓްރީން ވިދާޅުވެއެވެ. މީގެތެރޭގައި ބިންވެރިޔާ ސްކީމަށް 15164 ފޯމު ހުށައަޅާފައިވެއެވެ. އަދި ގެދޮރުވެރިޔާ ސްކީމްގެ ދަށުން 3 ކޮޓަރީގެ އެޕާޓްމަންޓަށް 14489 ފޯމް ހުށައަޅާފައިވެއެވެ. އަދި މިސްކީމްގެ ދަށުން 2 ކޮޓަރީގެ އެޕާޓްމަންޓަށް އެދި 6208 ފޯމް ވަނީ ހުށައަޅާފައެވެ.

ސަރުކާރުން ކުރިއަށްގެންދަވާ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން "ބިންވެރިޔާ ސްކީމް" އާއި "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ގޯއްޗާއި ފްލެޓް ދޫކުރެއްވުމަށް ހަމަޖައްސަވާފައިވަނީ ހުޅުމާލެ އާއި ގުޅީފަޅުންނެވެ. މި ޕްރޮގްރާމްގެ ދަށުން ހުޅުވާލާފައިވަނީ 4000 ފްލެޓާއި، 3000 ގޯއްޗަށް ކުރިމަތިލުމަށެވެ. މީގެތެރެއިން 1000 ގޯއްޗާއި، 4000 ފްލެޓް ދޫކުރެއްވުމަށް ހަމަޖެހިފައިވަނީ ހުޅުމާލެއިންނެވެ. އަދި ބާކީ 2000 ގޯތި ދޫކުރުމަށް ނިންމަވާފައިވަނީ ގުޅީފަޅުންނެވެ.