ޚަބަރު

ކަރަންޓުގެ ޚިދުމަތް ޔަޤީންކުރުމަށް ސްޓެލްކޯގެ އެމްޑީގެ ބެއްލެވުމުގެ ދަށުން ޚާއްޞަ މަސައްކަތްތަކެއް


މިދުވަސްވަރު އާދަޔާ ޚިލާފަށް ހޫނު ގަދަވުމުގެ ސަބަބުން ކަރަންޓުގެ ޑިމާންޑު ބޮޑުވުމާއެކު، ޚިދުމަތް މެދުނުކެނޑި ފޯރުކޮށްދިނުމަށް ސްޓެލްކޯއިން ޚާއްޞަ މަސައްކަތްތަކެއް ފަށައިފިއެވެ.

ސްޓެލްކޯއިން ކުރި ޓުވީޓެއްގައި ބުނީ ހޫނު މޫސުމާ ގުޅިގެން ރެކޯޑު ޢަދަދަކަށް މިދުވަސްވަރު ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވެފައިވާ ކަމަށެވެ. އެހެންކަމުން އެކުންފުނިން ރައްޔިތުންނަށް ދެމުން އަންނަ ކަރަންޓްގެ ޚިދުމަތްތައް މެދުކެނޑުނަނުދިނުމަށް ކުރާ މަސައްކަތް އިތުރަށް ހަރުދަނާކުރަން މަސައްކަތް ކުރަމުން އަންނަކަމަށް ސްޓެލްކޯއިން ބުނެއެވެ. އަދި މިކަން ކަށަވަރުކުރުމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަރީފުގެ ބެއްލެވުމުގެ ދަށުން ޚާއްޞަ ޓީމެއް އެކުލަވާލައި، އެޓީމުގެ މަސައްކަތްތައް ފަށާފައިވާ ކަމަށްވެސް އެކުންފުނިން ބުނެއެވެ.

މިދުވަސްވަރު ހޫނު ގަދަވުމާ ގުޅިގެން، ޕީކްލޯޑް ދަށްކުރުމަށްޓަކައި ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ކުންފުނީގެ ހުރިހާ އެއަރކޮންޑިޝަންތަކެއް 25 ޑިގްރީއަށްވުރެ ދަށް ނުވާނެހެން ބެހެއްޓުމަށް ސްޓެލްކޯއިން ވަނީ ނިންމާފައެވެ. އަދި މިދުވަސްވަރު ހޫނުން ސަލާމަތްވުމަށްޓަކައި ރަސްމީ އޮފީސް ހެދުމުގެ ބަދަލުގައި، ކުރިއަށް އޮތް އެއް މަސްދުވަހަށް، ކުންފުނީގެ ޔުނީފޯމްގައި އޮފީހަށް އައުމުގެ އިޚުތިޔާރު ސްޓެލްކޯގެ ހުރިހާ މުވައްޒަފުންނަށް ވަނީ ދީފައެވެ.

ރާއްޖޭގެ މޫސުމަށް ބަލާއިރު ޢާއްމުގޮތެއްގައި އޭޕްރީލް މަހަކީ ހޫނު ގަދަވާ ދުވަސްވަރެކެވެ. އެހެންނަމަވެސް ފާއިތުވެދިޔަ އަހަރުތަކަށްވުރެ މިމަހު ވަނީ ހޫނުވި މިންވަރު އިތުރުވެފައެވެ.
މިހަފްތާގެ ބުރާސްފަތި ދުވަހުން ފެށިގެން ހޫނު މޫސުން ބަދަލުވެ ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ މިހާރު ލަފާކުރައްވާފައެވެ.