ދުނިޔޭގެ ވިޔަފާރި

ގޫގުލްގެ ސިއީއޯއަށް މުސާރައިގެ ގޮތުގައި 226 މިލިއަން އެމެރިކާ ޑޮލަރު


މަޝްހޫރު ސާރޗް އިންޖިން، ގޫގުލް އަދި ގޫގުލްގެ ބެލެނިވެރި ކުންފުނި އަލްފަބެޓްގެ ޗީފް އޮޕަރޭޓިން އޮފިސަރ، ސީއީއޯ ސުންދަރު ޕިޗާއިއަށް މުސާރައިގެ ގޮތުގައި މިދިޔަ އަހަރު ގާތްގަނޑަކަށް 226 މިލިއަން އެމެރިކާ ޑޮލަރު ކުންފުނީގެ ރިޕޯޓަކުން ދައްކައިފިއެވެ.

ހިއްސާދާރުންނާއި އާއްމުކުރި ރިޕޯޓެއްގައިވާ ގޮތުން ގޫގުލްގެ ސީއީއޯއަށް މުސާރައިގެ ގޮތުގައި ލިބުނު އާމްދަނީގެ ބޮޑު ބަޔަކީ 218 މިލިއަނަށް ވުރެ ގިނަ ޑޮލަރުގެ ސްޓޮކް ހޯލްޑިންގްސްއިން ލިބުނު އާމްދަނީއެވެ. މީގެއިތުރުން ދެ މިލިއަން އެމެރިކާ ޑޮލަރުގެ ބޭސް މުސާރައަކާއި އަމިއްލަ ސެކިއުރިޓީއަށް ފަސް މިލިއަނަށް ވުރެ ގިނަ އެމެރިކާ ޑޮލަރު އޭނާއަށް ލިބިފައިވެއެވެ.

މިއީ 2021 ވަނަ އަހަރު 6 މިލިއަން އެމެރިކާ ޑޮލަރު އަދި 2020 ވަނަ އަހަރު 7.4 މިލިއަން އެމެރިކާ ޑޮލަރު އާމްދަނީގެ ގޮތުގައި ލިބުނު ޕިޗާއިއަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.

ޕިޗާއިއަށް 2019 ވަނަ އަހަރުވެސް ވަނީ މިފަދަ ޕެކޭޖެއް ލިބިފައެވެ. އެފަހަރު އޭނާއަށް ވަނީ 281 މިލިއަން އެމެރިކާ ޑޮލަރު ލިބިފައިވާކަމަށް ހަބަރުތައް ބުނެއެވެ.

ޕިޗާއިގެ މުސާރައާ އެއްވަރުގެ މުސާރައެއް ނުލިބުނުނަމަވެސް އަލްފަބެޓްގެ އެހެން މަތީ މަގާމުތަކުގައި ތިބި މުވައްޒަފުންނަށްވެސް ވަނީ ރަނގަޅު މުސާރައެއް ލިބިފައެވެ. އެގޮތުން ގޫގުލްގެ ސީނިއަރ ވައިސް ޕްރެޒިޑެންޓް އޮފް ނޮލެޖް އެންޑް އިންފޮރމޭޝަން، ޕްރަބާކާރު ރާގަވާން އާއި ގޫގުލްގެ ޗީފް ބިޒްނަސް އޮފިސަރ ފިލިޕް ޝިންޑްލާ ހިމެނޭހެން ކޮންމެ މީހަކަށް ވެސް 37 މިލިއަން އެމެރިކާ ޑޮލަރު ލިބިފައިވެއެވެ. ގޫގުލް އާއި އަލްފަބެޓްގެ ސީއެފްއޯ ރޫތު ޕޮރަޓް އާއި ޗީފް ލީގަލް އޮފިސަރ ކެންޓް ވޯކާއަށްވެސް ގާތްގަނޑަކަށް 24.5 މިލިއަން އެމެރިކާ ޑޮލަރު ލިބިފައިވެއެވެ.

އަލްފަބެޓް ކުންފުނި ހުންނަ ކެލިފޯނިއާގައި 15.50 އެމެރިކާ ޑޮލަރުގެ މިނިމަމް ވޭޖް ހޯދާ މީހަކު، ޕިޗާއިގެ މިދިޔަ އަހަރުގެ މުސާރައާއި އެއްވަރުގެ މުސާރައެއް ހޯދަން 14.6 މިލިއަން ގަޑިއިރު މަސައްކަތް ކުރަން ޖެހޭނެއެވެ.

އިކޮނޮމިކް ޕޮލިސީ އިންސްޓިޓިއުޓުން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި 1978 ވަނަ އަހަރުން ފެށިގެން މަތީ ފެންވަރުގެ އެގްޒެކެޓިވުންނަށް ލިބޭ މުސާރަ %1460 އަރާފައިވާއިރު، އޭގެތެރެއިން %80 އަށްވުރެ ބޮޑުބަޔަކީ ހިއްސާތަކުން ލިބޭ އާމްދަނީއެވެ.