ޚަބަރު

ޢުމްރާވެރިން ރޯގާޖެހި ބޮޑުވަރުވާނަމަ ލަސްނުކޮށް ޑޮކްޓަރަށް ދައްކާ: އެޗްޕީއޭ


ޢުމްރާގެ އަޅުކަމަށްފަހު އެނބުރި ރާއްޖެ އަންނަތާ 14 ދުވަހުގެ ތެރޭގައި ރޯގާޖެހި ބަލީގައި ބޮޑުވަރުވާނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން އިލްތިމާސް ކުރައްވައިފިއެވެ.

ރާއްޖެއިން މިއަހަރު އެންމެ ގިނަ މީހުން ޢުމްރާއަށް ގޮސްފައިވަނީ ހުސްވި ރަމަޟާންމަހުއެވެ. އެ ގޮތުން ރަމަޟާންމަހުގެ ފަހު ދިހައެއްގައި ޢުމްރާއަށް ދިޔަ މީހުން މިހާރު ވަނީ އަންނަން ފަށާފައެވެ.

ޢާއްމުގޮތެއްގައި ޙައްޖާއި ޢުމްރާގެ އަޅުކަމަށްފަހު އަންނަ މީހުންގެ ތެރެއިން ގިނަ މީހުންނަކީ ރޯގާޖެހިގެން އަންނަ މީހުންނެވެ. އެހެންކަމުން ޢުމްރާއަށް ގޮސް އަންނަ މީހުން ސަމާލުކަންދޭންވީ ކަންކަން އެޗްޕީއޭއިން މިހާރު ވަނީ ޢާއްމުކުރައްވައިފައެވެ.

އެޗްޕީއޭއިން ވަނީ ޢުމްރާއަށްފަހު އަންނަ މީހުން އަރިދަފުސް ރޯގާޖެހި ކެއްސާއި، ކިނބިހި އަޅާއިރު އަނގައާއި ނޭފަތް ނިވާކުރުމަށް އިލްތިމާސްކުރައްވާފައެވެ. އަދި ޓިޝޫފަދަ ތަކެތި ބޭނުންކުރުމަށްފަހު ރައްކާތެރި ގޮތުގައި އެތަކެތި ނައްތާލުމަށާއި ސައިބޯނި ލައިގެން ގިނައިން އަތް ދޮވުމަށް ވެސް ވަނީ އިލްތިމާސްކުރައްވާފައެވެ.

އެޗްޕީއޭއިން ވިދާޅުވީ ޢުމްރާއިން އެނބުރި އަންނަތާ 14 ދުވަހުގެ ތެރޭގައި ހުން އައިސް ކެއްސައި ނޭވާލާން އުނދަގޫވެ މޭގައި ރިއްސުންފަދަ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް އިލްތިމާސް ކުރައްވާފައެވެ. އަދި ރޯގާ ނޫން އެހެން ބައްޔެއްގެ އަލާމާތެއް ފެންނަނަމަވެސް ޑޮކްޓަރަށް ދެއްކުމަށްވެސް އެޗްޕީއޭއިން އިލްތިމާސްކުރައްވައެވެ. އެޗްޕީއޭއިން ވިދާޅުވީ ޑޮކްޓަރަށް ދައްކާއިރު ޙައްޖު ނުވަތަ ޢުމްރާއިން އެނބުރި އައި މީހެއްކަމުގެ މައުލޫމާތު ދޭންވާނެ ކަމަށެވެ.

ހުމާއި، އަރިދަފުސް ރޯގާ ޖެހިއްޖެނަމަ ގޭގައި ދެވިދާނެ ފަރުވާ

* ގިނަގިނައިން ދިޔާތަކެތި ބޭނުންކުރުން
* އަރާމުކުރުން
* ހުން ގަދަނަމަ ގައިގައި ފެން ހޭކުން
* ޕެރެސެޓަމޯލް ފިޔަވައި އެހެން ބޭހެއް ޑޮކްޓަރެއްގެ މަޝްވަރާއާ ނުލަ ބޭނުން ނުކުރުން

މިއަހަރުގެ ރަމަޟާންމަހު ރާއްޖެއިން ޢުމްރާގެ އަޅުކަން އަދާކުރުމަށް 14އަށްވުރެ ގިނަ ކުންފުނިތަކުން 2000އަށް ވުރެ މީހުން ދިޔައެވެ. އަދި އެންމެ ގިނަ މީހުން ގޮސްފައިވަނީ ރަމަޟާންމަހުގެ ފަހު 10 އަކަށެވެ. ޢުމްރާއަށް ދިޔަ މީހުން އަންނަން ފަށާފައިވާއިރު އަންނަމަހުގެ 5 ވަނަ ދުވަހާ ހަމައަށް އުމްރާވެރިން ރާއްޖެ އައުމަށް ހަމަޖެހިފައިވެއެވެ.