ދުނިޔޭގެ ވިޔަފާރި

އިންޑިއާ - ބަންގްލަދޭޝް ވިޔަފާރީގެ މުއާމަލާތްތަކުގައި އަމިއްލަ ފައިސާ ބޭނުންކުރަން ނިންމައިފި


އިންޑިއާއާއި ބަންގްލަދޭޝްއާ ދެމެދު ހިންގާ ވިޔަފާރިތަކުގައި ދެ ގައުމުގެ ފައިސާ ބޭނުންކުރުމަށް ނިންމައިފިއެވެ.

ޑޮލަރު ދޫކޮށްލުމަށްފަހު އިންޑިއަން ރުޕީސް އާއި ބަންގްދޭޝްގެ ޓާކާއިން ވިޔަފާރީގެ މުއާމަލާތްތައް ކުރުމަށް ދެ ގައުމުންވެސް ވަނީ ދިގު މަޝްވަރާތަކެއް ބާއްވާފައެވެ.

އިންޑިއާއާއި ބަންގްލަދޭޝްއާ ދެމެދު އަމިއްލަ ފައިސާއިން ވިޔަފާރީގެ މުއާމަލާތްތައް ހިންގުމަށް ނިންމުމުން، ބަންގްލަދޭޝްގެ ވިޔަފާރިވެރިން ވަނީ އެކަމަށް މަރުހަބާ ކިޔާފައެވެ. މިއީ އިންޑިއާއާއެކު މިފަދަ އެއްބަސްވުމެއް ޤާއިމްކުރި 19 ވަނަ ގައުމެވެ.

ބަންގްލަދޭޝްގެ ދެ ބޭންކެއް ކަމަށްވާ ސޮނާލީ ބޭންކާއި އީސްޓަން ބޭންކް ލިމިޓެޑް، އީބީއެލްއިން އިންޑިއާގެ ދެ ބޭންކެއް ކަމަށްވާ ސްޓޭޓް ބޭންކް އޮފް އިންޑިއާ، އެސްބީއައި އާއި އައިސީއައިސީއައި ބޭންކުގައި ވޮސްޓްރޯ އެކައުންޓް ހުޅުވަންވެސް މިހާރު ވަނީ ނިންމާފައެވެ.

ސޮނާލީ ބޭންކް ލިމިޓެޑްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އެމްޑީ އަފްޒަލް ކަރީމްއާ ހަވާލާދީ ޑާކާގެ ބިޒްނަސް ސްޓޭންޑާރޑްގެ ރިޕޯޓުގައި ބުނެފައިވާ ގޮތުން ޓާކާ އާއި ރުޕީސް ބައިލެޓަރަލް ވިޔަފާރި ކުރުމުން އެމެރިކާ ޑޮލަރުގެ ޕްރެޝަރު ކުޑަވެ، އޭގެ ފައިދާ ދެ ގައުމަށް ވެސް ކުރާނެއެވެ.

އިންޑިއާއާއެކު ބައިލޭޓަރަލް ވިޔަފާރީގެ މުއާމަލާތްތައް ޓަކާ އާއި ރުޕީސްއަށް ހަމަޖެއްސުމަށް ނިންމި ނިންމުމަށް ބަންގްލަދޭޝް ޗެމްބާ އޮފް އިންޑަސްޓްރީޒްގެ ރައީސް އަންވަރުލް އަލަމް ޗައުދަރީ ޕަރްވޭޒް ވަނީ ތައުރީފު ކުރައްވާފައެވެ.

ބަންގްލަދޭޝްއިން އަންނަނީ ރަޝިޔާއާއެކު ފައިސާ ބަދަލުކުރުމުގެ އެއްބަސްވުމެއްގައި ސޮއިކުރުމުގެ މަސައްކަތްވެސް ކުރަމުންނެވެ. ހަމައެއާއެކު ޗައިނާއިން ބަންގްލަދޭޝްއާއެކު ކަރަންސީ ސްވޮޕް އެއް ހުށަހަޅާފައިވާއިރު، ޝެއިޚް ހަސީނާ އިސްވެ ހުންނަވައިގެން އެ ހުށަހަޅުން އަންނަނީ ސަރުކާރުން މުރާޖައާ ކުރަމުންނެވެ.

އިންޑިއާއިން މިހާރުވެސް އަންނަނީ އަމިއްލަ ފައިސާ ބޭނުންކޮށްގެން 18 ޤައުމަކާއެކު ވިޔަފާރީގެ މުއާމަލާތްތައް ހިންގަމުންނެވެ. އެއީ ރަޝިޔާ، ސިންގަޕޫރު، ސްރީލަންކާ، ބޮޓްސްވާނާ، ފިޖީ، ޖަރުމަނުވިލާތް، ގަޔާނާ، އިސްރާއީލް، ކެންޔާ، މެލޭޝިޔާ، މޮރިޝަސް، މިޔަންމާ، ނިއުޒީލެންޑް، އޮމާން، ސީޝެލްސް، ޓެންޒޭނިއާ، ޔޫގަންޑާ އަދި އިނގިރޭސިވިލާތެވެ.

ރަޝިއާ ޔުކްރެއިން ހަނގުރާމައާ ގުޅިގެން ރަޝިއާ ދެކޮޅަށް ހުޅަނގުން އަޅާފާއިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ވަރަށް ގިނަ ގައުމުތަކުން ވަނީ އެމެރިކާ ޑޮލަރުން ވިޔަފާރިކުރުން ހުއްޓާލާފައެވެ.