ފާއިތުވެދިޔަ އަހަރެއްހާ ދުވަސް ތެރޭގައި ރަޝިއާގައި ތިބި އެންމެ މުއްސަނދި މީހުންގެ މިލްކިއްޔާތަށް 152 ބިލިއަން އެމެރިކާ ޑޮލަރު އިތުރުވެފައިވާކަމަށް ފޯބްސްއިން ބުނެފިއެވެ.
މާލީ ތަފާސް ހިސާބުތަކާއި ބެހޭ ހަބަރުތައް ގެނެސްދޭ ފޯބްސްއިން ބުނީ ރަޝިއާގެ މުއްސަނދިންގެ މުއްސަނދިކަން އިތުރުވެފައިވަނީ ތެލާއި ގޭސްފަދަ ގުދުރަތީ ވަސީލަތްތަކުގެ އަގު އުފުލުމުން އެ މީހުންގެ ކުންފުނިތަކަށް ލިބުނު އާމްދަނީ އިތުރުވުމުގެ ސަބަބުންކަމަށެވެ.
ފޯބްސްގެ ރަޝިޔާ އެޑިޝަނުން ބުނާ ގޮތުގައި މުއްސަނދިކަން އިތުރުވި ބިލިއަނަރުންގެ ލިސްޓުގައި ރަޝިޔާގެ 110 ބިލިއަނަރުން ހިމެނެއެވެ. މިއީ މިދިޔަ އަހަރާއި އަޅާބަލާއިރު 22 ބިލިއަނަރުން އިތުރު އަދަދެކެވެ.
ފޯބްސްގެ ލިސްޓުގައިވާ ގޮތުން ރަޝިޔާގައި ހުރި އެންމެ މުއްސަނދި މީހާއަކީ ގަސްކާނާގެ ބާވަތްތަކުން ވިޔަފާރިކޮށް މުއްސަނދިކަން ހޯދި އަންދްރޭ މެލްނިޗެންކޯއެވެ. އޭނާގެ މިލްކިއްޔާތުގެ އަގު 25.2 ބިލިއަން ޑޮލަރަށް އަރައެވެ.
މިއީ މިދިޔަ އަހަރު އޭނާގެ މިލްކިއްޔާތުގައި ހުރި މިންވަރަށްވުރެ ދެގުނަ އިތުރު އަދަދެކެވެ.
ޕެލަޑިއަމް އާއި ރިފައިންޑް ނިކަލް އުފައްދާ ދުނިޔޭގެ އެންމެ ބޮޑު ކުންފުނި ނޯނިކެލްގެ ރައީސް އަދި އެންމެ ބޮޑު ހިއްސާދާރު ވްލަދީމްރް ޕޮޓަނިންއަކީ ރަޝިޔާގެ ދެވަނައަށް އެންމެ މުއްސަނދި މީހާއެވެ. އޭނާގެ މިލްކިއްޔާތުގައި 23.7 ބިލިއަން އެމެރިކާ ޑޮލަރު އެބަހުއްޓެވެ.
ދަގަނޑު އުފައްދާ ކުންފުނި އެންއެލްއެމްކޭ ކޮންޓްރޯލްކުރާ އަދި މިދިޔަ އަހަރު ރަޝިޔާގެ އެންމެ މުއްސަނދި މީހާގެ މަގާމު ހޯދި ވްލަޑިމިއާ ލިސިންއަށް މިފަހަރު ލިބުނީ މި ލިސްޓުގެ 3 ވަނައެވެ. އޭނާގެ މިލްކިއްޔާތުގައި 22.1 ބިލިއަން ޑޮލަރު އެބަހުއްޓެވެ.
ފޯބްސް ލިސްޓުގައި ހިމެނޭ އާ ރަޝިޔާގެ ބިލިއަނަރުންގެ ތެރޭގައި ލުއި ކާނާ އާއި ސުޕަމާކެޓްތަކާއި ކެމިކަލްއާއި އިމާރާތްކުރުމާއި، ބޭހުގެ ވިޔަފާރިކޮށްގެން މުއްސަނދިވެ ބިލިއަނަރުންނަށް ވީ މީހުންވެސް ހިމެނެއެވެ.
މިދިޔަ އަހަރުގެ ފެބްރުއަރީ 24 ވަނަ ދުވަހު ފެށި ރަޝިއާ ޔުކްރެއިން ހަނގުރާމައިގެ ސަބަބުން ރަޝިއަށާއި އެގައުމުގެ ބައެއް މުސަނދިންނަށްވެސް ހުޅަނގުން ވަނީ ދަތިކުރުމުގެ ފިޔަވަޅު އަޅާފައެވެ.
ހުޅަނގުގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ޕްރެޝަރުގައި ރަޝިއާގެ އިގްތިސާދީ ދުވެލި މިދިޔަ އަހަރު ވަނީ %2.1 އަށް ދަށްވެފައެވެ. ނަމަވެސް ދުނިޔޭގެ ބާޒާރުތަކަށް ޚާއްސަކޮށް ޗައިނާ، އިންޑިއާ އަދި މެދުއިރުމައްޗަށް ތެލާއި މެޓަލް އަދި އެހެނިހެން ގުދުރަތީ ވަސީލަތްތައް ވިއްކުމުގެ ފުރުސަތު ރަޝިއާ އަށް ލިބުނެވެ.